މަސްތުވާތަކެތީގެ މައްސަލައިގައި ފަސް ރަށަކުން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެއީ ރ. ދުވާފަރުން ދެ މީހަކު އަދި ގދ. ގައްދޫ، މ. މުލަކު، ހދ. ކުޅުދުއްފުށި އަދި ލ. މާވަށުން އެކަކު ކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އަދި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ 32 އަހަރުގެ ފިރިހެނަކު މި މަހު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ގައްދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، މުލަކުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެތި އޭނާގެ ހަށިގަނޑުން ވަނީ ނަގައިފައެވެ. އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 14 ސެލޯފިންކޮޅު ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 25 އަހަރުގެ މީހަކު މި މަހު 21 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، މާވަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން މި މަހު 20 ވަނަ ދުވަހުގެ ރޭ އެ ރަށު އަތިރިމަތިން 45 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މާލެއިން އދ. ދަނގެއްޗަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ދިގުރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.



advertisment