Support Us

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުންނާއި މެންބަރު ކަމުން މި މަހު 15 ގައި އަހުމަދު ޝަރީފު އިސްތިޢުފާ ދެއްވުމުން، ހުސްވެފައިވާ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

އިންތިހާބުތައް ނިމުމުން އިސްތިއުފާ ދެއްވުން އެއީ ޝަރީފު މާ ކުރިއްސުރެ ވެސް ގެންގުޅުއްވި ޚިޔާލުފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި، ޔާމީނުގެ ޕާޓީ، ޕީ.އޭގައި ވެސް ވަރަށް އިސް ދައުރެއް ކުރީން އަދާކުރެއްވި ޝަރީފު، އިލެކްޝަންސް ކޮމިޝަންގެ އެންމެ އިސް މަގާމަށް އައްޔަން ކުރެއްވީ ވެސް ރައީސް ޔާމީނެވެ. އެއީ 2018ގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، 6 މާޗް 2018 ގައެވެ. ރައްޔިތުންގެ މަޖިލިސްގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން، ކުރީ ދައުރުގައި ކުރެއްވި ޝަރީފު، 2019ގެ މަޖިލިސް އިންތިހާބުން ފޭލިވުމުން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އުފުއްލެވީ އެތަނުގައި ހުންނަވަނިކޮށެވެ. އެއީ އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ބަދަލުކުރައްވައިފައެވެ. ނަމަވެސް ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުވެވަޑައިނުގަތުމުން، ވޯޓު އޯލުވާލެއްވި ކަމުގެ ތުހަމަތު ޝަރީފުގެ މައްޗަށް ކުރެވިގެންދިޔައެވެ. އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އިހުތިޖާޖުވެސް ކުރިއެވެ.

ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު މަޖިލިސް އައިފަހުން، ސުޕްރީމު ކޯޓު ވެސް ހިމެނޭ ގޮތަށް، ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން ވަނީ މަޖުލިސްތެރެއިން ވަކިކޮށް، ނުވަތަ ވަކިވާން މަޖުބޫރުކުރުމުން އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް، އީ.ސީ ޝަރީފާއި އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ކަހަލަ ތުހުމަތެއްކޮށް، މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއިރު އީސީގައި ތިއްބެވި ބައެއް މެމްބަރުންގެ ދައުރު ހަމަވުމުން، ދެ ވަނަ ދައުރަކަށް ވެސް އެ ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް