Support Us

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަނީ ޒިންމާ އޮތް ފަރާތްތަކަށް ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުން: އާކް

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަނީ ޒިންމާ އޮތް ފަރާތްތަކަށް ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުން ކަމުގައި އާކް އިން ބުނެފިއެވެ.

ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން މިހެން ބުނީ ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ ކުށްވެރިކޮށް، ކަމާބެހޭ އިދާރާތަކުން އެ މައްސަލަ އަވަހަށް އަދި ހާމަކަން ބޮޑު ގޮތަކަށް ތަޙްގީގުކުރުމަށް ގޮވާލައި މިއަދު ނެރުނު ބަޔާނެއްގައެވެ. 

"ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި އަދި މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަންޖެހެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުޢީ އަދި އިޖްތިމާއީ ދާއިރާ ފަދަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮތް ފަރާތްތަކުގެ ތެރޭގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުންނެވެ. އަދި މިފަދަ މައްސަލަތަކުގެ ސީރިއަސްކަން އިތުރުވެ ބޮޑެތި އަނިޔާތަކާއި މަރުގެ މައްސަލަތައް ގިނަވަމުން ދިއުމަކީވެސް އާކުން ކަންބޮޑުވާ ކަމެކެވެ."

އަދި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އެ ކުއްޖާގެ އާއިލާ އަދި ރަށްޓެހިންނަށް މި ހިތާމަވެރި ދަނޑިވަޅުގައި އާކުން ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

"އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް އެކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އާކްއިން އަރުވަމެވެ."

ރަހީނުކޮށް، މަރާލައި، ފޮއްޓަކަށްލައި ހުޅުމާލޭ މޫދަށް އެއްލާލައިފައި އޮއްވާ ރޭ ދަންވަރު ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުމިހާރު އޮތީ ގަލޮޅު ސަހަރާގެ ފިނިކޮށާރު (މޯޗަރީ) އަށް ލައިފައެވެ.

އެ ކުއްޖާގެ ހަށިގަނޑު މޯޗަރީ އަށް ލީ، ހުޅުމާލޭ ދެ ވަނަ ފޭހުގައި އާންމުންނަށް ނުވަދެވޭ ހިސާބުން، ފްލެޓްތަކާ ދިމާލުން މޫދުގައި، މަރާލައި ފޮއްޓެއް ތެރެއަށް ލާފައި އޮއްވައި ރޭ ދަންވަރު ފުލުހުންނަށް ފެނުމުން، އެ ވަގުތުން ފެށިގެން އައި.ޖީ.އެމް.އެޗަށް ގެންގޮސް ތަފާތު ޓެސްޓުތައް ހެދުމަށްފަހުގައެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނުކަން އާއިލާއިން އަންގައިފައި ވަނީ މި މަހުގެ 20 ދުވަހު ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލައިފައި އޮއްވާ 2021 ޖޫން 22 ވަނަ ދުވަހުގެ ދަންވަރު 02:38 އެހާކަންހާއިރު ވަނީ ފެނިފައި،" ފުލުހުން މީޑިއާ އަށް ދިން ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާއާ އެއްކޮށް އުޅޭ ދެ އެކުވެރިންނެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ. ފުލުހުން ގެންދަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ހިސާބުތައް ބަންދުކޮށް، ހެކިތައް ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް