ރަހީނުކޮށް، މަރާލައި، ފޮއްޓަކަށްލައި ހުޅުމާލޭ މޫދަށް އެއްލާލައިފައި އޮއްވާ ރޭ ދަންވަރު ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު، ގަލޮޅު ސަހަރާގެ ފިނިކޮށާރު (މޯޗަރީ) އަށް މިއަދު ލައިފިއެވެ.
އެ ކުއްޖާގެ ހަށިގަނޑު މޯޗަރީ އަށް ލީ، ހުޅުމާލޭ ދެ ވަނަ ފޭހުގައި އާންމުންނަށް ނުވަދެވޭ ހިސާބުން، ފްލެޓްތަކާ ދިމާލުން މޫދުގައި، މަރާލައި ފޮއްޓެއް ތެރެއަށް ލާފައި އޮއްވައި ރޭ ދަންވަރު ފުލުހުންނަށް ފެނުމުން، އެ ވަގުތުން ފެށިގެން އައި.ޖީ.އެމް.އެޗަށް ގެންގޮސް ތަފާތު ޓެސްޓުތައް ހެދުމަށްފަހުގައެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކުއްޖާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނުކަން އާއިލާއިން އަންގައިފައި ވަނީ މި މަހުގެ 20 ދުވަހު ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލައިފައި އޮއްވާ 2021 ޖޫން 22 ވަނަ ދުވަހުގެ ދަންވަރު 02:38 އެހާކަންހާއިރު ވަނީ ފެނިފައި،" ފުލުހުން މީޑިއާ އަށް ދިން ބަޔާނުގައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާއާ އެއްކޮށް އުޅޭ ދެ އެކުވެރިންނެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ. ފުލުހުން ގެންދަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ހިސާބުތައް ބަންދުކޮށް، ހެކިތައް ހޯދަމުންނެވެ.



advertisment