ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް) ވުޖޫދަށް ގެނައުމަށްޓަކައި މާދިހު އިސްމާއިލް ވަނީ ގިނަގުނަ، ވަރަށް ޚާއްޞަ މަސައްކަތް ތަކެއް ކޮށްފައި ކަމުގައި އެ ޖަމިއްޔާއިން ބުނެފިއެވެ.
ބައިކް މޯލްޑިވްސް އިން މިހެން ބުނީ ކުޅިވަރުގެ ތަފާތު ދާއިރާތަކުގައި އިސް ނަގައިގެން ގިނަގުނަ ހަރަކާތްތަކެއް ހިންގި މާދިހު، އުމުރުން 51 އަހަރުގައި ކުއްލި ގޮތަކަށް ރޭ ނިޔާވުމުން ނެރުނު ތައުޒިޔާގެ ބަޔާނެއްގައެވެ.
މާދިހަކީ ބައިކް މޯލްޑިވްސްގެ ތިން ފައުންޑަރ މެމްބަރުންގެ ތެރެއިން އެކަކެވެ.
"މާދިޙު އިސްމާޢީލު ކުއްލި ގޮތަކަށް ދެމިއޮތުމުގެ ޢާލަމަށް ރޭގެ ވަގުތެއްގައި ދަތުރުކުރެއްވި ޚަބަރު ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެގްޒެކެޓިވް ކޮމިޓީން އަހާފައިވަނީ ވަރަށް ފުން ހިތާމައާއެކުގައެވެ. އަދި މި ހިތާމައިގައި ބައިވެރިވެ މާދިޙުގެ ޢާއިލާއަށާއި ގާތްތިމާގެ އެންމެ ބޭފުޅުންނަށާއި ބައިކްމޯލްޑިވްސްގެ ޢާއިލާގެ އެންމެހައި މެންބަރުންނަށް، ބައިކްމޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ނަމުގައި ތަޢުޒިޔާ ދަންނަވަމެވެ." ބައިކް މޯލްޑިވްސްގެ ބަޔާނުގައިވެއެވެ.
"ކުޅިވަރަށް ޚިދުމަތްކުރެއްވުމުގެ ގޮތުން އެމް.އެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކަޑެމީގެ ނަމުގައި އަމިއްލަ ޖަމްޢިއްޔާ އުފައްދަވައިގެން އެކި ކުޅިވަރުތަކުން ކުޅުންތެރިން ބިނާކުރެއްވުމުގެ މަސައްކަތްވެސް ހުއްޓުމެއް މެދުކެނޑުމެއްނެތި މާދިހު ކުރައްވަމުން ގެންދަވާފައިވެއެވެ. އަދި އޭނާއަކީ އެކިއެކި ފަރާތްތަކާ ގުޅިވަޑައިގެން ކުދި ބޮޑު އެންމެނަށް ތަފާތު އެތައް ކުޅިވަރު ޖަމްޢިއްޔާތައް އުފައްވައިގެން ތަފާތު އެތައް ދާއިރާއަކުން ކުޅިވަރަށް ޚިދުމަތް ކުރެއްވުމާއި މީހުން ބިނާކުރެއްވުމުގެ އިތުރުން ހަށިދުޅަހެޔޮ ކަމަށް ބައިސްކަލް ކަސްރަތުގެ މުހިންމުކަން އަންގައިދިނުމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދެވި ހީވާގި މުދައްރިބެއްވެސްމެއެވެ. އަދި މީގެ އިތުރުން މާދިހު އަކީ ވަރަށް ހިތްހެޔޮ އެންމެންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ފަރާތެކެވެ."
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ,
މާދިހު އިސްމާޢީލް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށަ.
މާދިހުއަކީ ކުޅިވަރަށް އެތައް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަދި މީހުންނާ ގުޅޭ އެކުވެރި ބޭފުޅެއް..
ކުއްލި ހިތާމައެއް. pic.twitter.com/7FBdjQPFpt
— Ahmed Mahloof (@AhmedMahloof) June 8, 2021
"އަޅުގަނޑުމެންގެ ދުޢާއަކީ މަރުހޫމްގެ ފުރާނައަށް މާތް ﷲ ސުބުހާނަހޫ ވަތަޢާލާ، ހެޔޮރަޙުމަތް ލައްވާ، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ."
މާދިހު ނިޔާވުމުން ކުޅިވަރުގެ އެކިއެކި ފަރާތްތަކުން ތައުޒިޔާގެ މެސެޖްތައް ދަނީ ފޮނުވަމުންނެވެ.



advertisment