މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިބްރާޙިމް ފަރީދު އަހުމަދުގެ ދަރިފުޅު، "ފަހު ޒަމާން"ގެ ނަމުގައި މަދަހަ އަލްބަމެއް އިއްޔެ ނެރެފިއެވެ.
އުމުރުން 19 އަހަރުގެ އަބްދުﷲ ފަރީދުގެ "ފަހު ޒަމާން" ރިލީޒްކޮށްފައި ވަނީ ސައުންޑް ކްލައުޑުގައެވެ. "ފަހު ޒަމާން"ގައި ހިމެނޭ ފަސް މަދަހަ އަކީ ވެސް އަބްދުﷲގެ އަމިއްލަ ރާގެވެ. މަދަހަތައް ރެކޯޑްކޮށް ކޮމްޕޯސްކުރީވެސް އޭނާ އަމިއްލައަށެވެ.
މި އަލްބަމަށް ޅެންތައް ހަދައިދީފައި ވަނީ މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމާއި އާމިނަތު އަގުލީމާއެވެ.
"މި އަލްބަމުގައި ހިމަނައިފައި ވަނީ ވަރަށް މާނަ ފުން ޅެންތަކެއް. ކޮންމެ ޅެމަކުން ވެސް ވަރަށް އިބުރަތްތެރި މެސެޖްތަކެއް ލިބިގެންދާނެ،" އަލްބަމާ ބެހޭގޮތުން އަބްދުﷲ ފަރީދު، ޝެއިޚު ފަރީދުގެ ދެ ވަނަ ދަރިފުޅު، ބުންޏެވެ. "މި އަލްބަމްގައި ހިމެނޭ މަދަހަތައް އަލްކައުނުން ވީޑިއޯއާއެކު ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ."
"ފަހު ޒަމާން" އަލްބަމުގެ މެއިން ސްޕޮންސަރަކީ "އަލްކައުނެ"ވެ. އަލްކައުނަކީ ޝެއިޚް ފަރީދުގެ ޓީވީ ޗެނަލެކެވެ.
އަބްދުﷲ ބުނީ "ފަހު ޒަމާން" އަލްބަމުގެ މަސައްކަތް ނިންމާލީ ހަފުތާއެއްހާ ދުވަހުން ކަމަށެވެ.
"މިއީ ރޯދަ މަހުގެ ތެރޭގައި މަދަހަ އަލްބަމެއްގައި މަސައްކަތްކުރި ދެވަނަ ފަހަރު،" އަރަބިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރުމަށްފަހު 2017 ވަނަ އަހަރުން ފެށިގެން މަދަހަ ކިޔަމުން އަންނަ އަބްދުﷲ ބުންޏެވެ. "އަޅުގަނޑުގެ އަމާޒަކީ މި މަދަހަތައް އަޑުއިވޭ ކޮންމެ މީހަކަށްވެސް އިބުރަތެއް ލިބުން. އަޅުގަނޑު ބޭނުންވީ ޅެމެއްގެ ޒަރީޔާއިން ފަހު ޒަމާނުގެ އަލާމަތްތައް ކިޔާލަދޭން. އަދި މިއީ ވަގުތީ ދުނިޔެއެއްކަން ހަނދާންކޮށްލަދޭން."
އަބްދުﷲ ބުނީ ކުރިއަށް އޮތް ތާނގައި ވެސް ތަފާތު މަދަހަތަކެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ އުފަލަކީ އަޅުގަނޑަށް އެނގޭ ވަރަކުން މި ކަމުގައި ޝައުގުވެރިވާ ކޮންމެ މީހަކަށް ވެސް ފުރުސަތުދީގެން މަސައްކަތްކުރުން. އަޅުގަނޑުގެ ފަރާތުން ކުޑަކުޑަ ކަމެއް ނަމަވެސް (މީހަކަށް) ދަސްވުން."
އަބްދުﷲ ބުނީ "ފަހު ޒަމާން" އަށް އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި އަދި އެ ލިސްޓުގެ އެންމެ ފުރަތަމަ ނަމަކަށް އޭނާގެ ބައްޕަގެ ނަން ވަނީ ހިމަނައިފައެވެ. ދެން އޭނާ ފާހަގަކުރީ މަޝްހޫރު މަދަހަ/ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝަލަބީގެ މެނޭޖަރު އަބްދުﷲ ޝަފީގު (ސައްޕޭ) އާއި ޅެންވެރިން ކަމަށްވާ އާދަމް ނަސީރު އިބްރާހިމާއި އަގުލީމާއެވެ.