މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ. ގައްދޫ އާއި އައްޑޫ ސިޓީ ހިތަދޫން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިތަދޫގައި އިއްޔެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 114 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި މަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ރަށުތެރެއިން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައާ ގުޅިގެން، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އޭގެ އިތުރުން، މި އެޕްރީލް މަހުގެ 15 ދުވަހު ކ. މާފުށިން ވ. ތިނަދުއަށް ދިޔަ ލޯންޗަކުން ތިނަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ. ފެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ތިނަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ހަތަރު ފުޅި ބަނގުރާ ވަނީ ފެނިފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment