Support Us

އެސްޓީއޯއިން ތަރައްގީކުރި ބަސްހުއްޓިއާއި ޕާކު ހުޅުއްވައިދެއްވައިފި

ވެސްޓްޕާކް ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްޤީކުރި ބަސް ހުއްޓި އާއި ޕާކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުވައިދެއްވައިފިއެވެ.

ވެސްޓްޕާކް ސަރަޙައްދުގައި މިރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިރޭ ހުޅުވި ބަސް ހުއްޓިއަކީވެސް މާލޭގައި އާބާދީ ތޮއްޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރެވުނު މަސައްކަތެއްކަމުގައެވެ. އަދި މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް މާލެއަކީ ހިތް ފަސޭހަތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމުގައި، ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ ހަދާ ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުންވެސް މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަން ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޭ ތަޢާރަފުކުރި ބަސް ހުއްޓި މެދުވެރިކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވީހާވެސް ގިނަ ރައްޔިތުން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންކުރެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެސްޓީއޯއިން ތަރައްޤީކުރި ބަސްހުއްޓިއާއި ޕާކްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުޞައިން ޢަމްރު މުޙައްމަދު ރަޝާދުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ވެސްޓްޕާކު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ބަސް ހުއްޓިއާއި ޕާކަކީ އެސްޓީއޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމުގެ ދަށުން ބިނާކޮށްފައިވާ ތަންތަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *