Support Us

ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ނަރުހުން ވަޒީފާގެ މާޙައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ޙައްލުކުރުމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާޙައުލަށް ނުކުންނަ ނަރުހުންގެ ޢަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. އަދި، އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ނަރސިން ކޯހަށް ދަރިވަރުން ލިބޭ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ ޢަދަދު ދިރާސާތައް ދައްކާގޮތުން މަދުވާ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ދިވެހިންނާއި ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުން ކަމުގައި ވެސް ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ ޢަދަދު ގިނަކަން ފާހަގަކުރައްވައި ނަރސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ވަނީ މިކަން ޙައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަރސިން ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ކޯވިޑް-19 ގެ ޙާލަތުން އެކަނި ވެސް ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެ ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *