Support Us

އެމެރިކާގެ ރިޔާސީ އިންތިޚާބު މި ފަހަރު މުހިއްމު ވަނީ ކީއްވެގެން؟

ސިޔާސީންނަށް ބަލާއިރު ކޮންމެ އިންތިޚާބަކީ ވެސް މުހިއްމު އިންތިޚާބެކެވެ. އެހެނަސް އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބު މުހިއްމު އިންތިޚާބަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ދާރިސީންނާއި ބާހިސީން ވިދާޅުވާ ގޮތުގައި މި އިންތިޚާބުގައި ކޮންމެ ބޭފުޅަކު މޮޅުވިޔަސް (ޓްރަމްޕަށް ވިޔަސް ބައިޑްންއަށް ވިޔަސް) މި އިންތިޚާބަކީ އެމެރިކާއަށާއި މުޅި ދުނިޔެއަށް ވެސް ވަރަށް މުހިއްމު އިންތިޚާބެކެވެ. މި އިންތިޚާބުގެ އަސަރު ކުރިމަގުގެ ޖީލުތަކަށް ފޯރާނެތީއެވެ.

ކޮންމެ ކަމެއްގައިވެސް ބައިބައިވުން

އެމެރިކާގެ ރައްޔިތުން ވޯޓުލާން ނުކުންނާނީ ތިނެއް ނޮވެންބަރުގައެވެ. ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ހަތަރު އަހަރުގެ މުއްދަތަކަށް އެމެރިކާގެ ރައީސްގެ މަޤާމަށް މިހާރުގެ ރައީސް ޓްރަމްޕް ނުވަތަ ޑިމޮރެޓިކް ކެންޑިޑޭޓް ޖޯ ބައިޑްން، ހޮވުމަށް ޓަކައެވެ. އެމެރިކާގެ އަހްލީ ހަނގުރާމައިގެ ތެރޭގައި އެ ޤައުމު ބައިބައިނުވާ މިންވަރަށް އެމެރިކާގެ އެތެރެ މިއަދު ވަނީ ބައިބައިވެފައެވެ. މި ބައިބައިވުމުގެ ސަބަބަކީ އަޅުވެތިކަމެއް ނޫނެވެ.

އެމެރިކާ ވަނީ އަސާސީ ދެ ފޭލިގެއަކަށް ބައިބައިވެފައެވެ. އެއީ ކަނާތު ފިޔައިގެ ފޭލިގެއާއި ވާތު ފިޔައިގެ ފޭލިގެއެވެ. ކަނާތުފިޔަ ތަމްސީލު ކުރަނީ ޖުމްހޫރީ ޕާޓީއެވެ. ވާތު ފިޔަ ތަމްސީލު ކުރަނީ ޑިމޮކްރެޓިކް ޕާޓިއެވެ. ހުރިހާ ކަމެއްގައި (ޚާރިޖީ ސިޔާސަތުން ފެށިގެން ގޮސް އިންސާނީ ޙައްޤުތަކާއި އިޖްތިމާޢީ ޤަޟިއްޔާތަކާއި އިޤްތިޞާދީ މަސްއަލަތައްފަދަ އެންމެހާ ކަންކަމުގައި) ދެ ޕާޓީގެ ރައުޔު ތަފާތެވެ.

އެމެރިކާގެ The National Interest މަޖައްލާގައި ވަރަށް ފަހުން ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ޑިމޮރެޓިކް ޕާޓީއަށް ވައިޓްހައުސްއާއި ކޮންގްރެސް ލިބިއްޖެނަމަ އަސާސީ ބަދަލުތަކެއް ގެނެއުމަށް އެ ޕާޓީން މަސައްކަތް ކުރާނެއެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ސަފުގައި ތިއްބެވި އިސްވާރުންނަކީ ރޮނަލްޑް ރޭގަނާއި، ޖޯޖް ޑަބްލިޔޫ ބުޝްއާއި ޑޮނަލްޑް ޓްރަމްޕް ފަދަ ބޭފުޅުންތަކަކަށް ވައިޓް ހައުސްއަށް ލިބިވަޑައިގެންނެވުމުން ވަރަށް ބޮޑަށް ސިހުން ލިބިވަޑައިގެންފައިވާ ބޭފުޅުންތަކެކެވެ. މި ބޭފުޅުން ފަދަ އިންސާނީ ޙައްޤުތަކަށް އެއްވެސް ބުރަދަނެއް ނުދެއްވާ، ނަސްލީ އިމްތިޔާޒުން ފޯވެފައިވާ،  ރެޑިކަލް ބޭފުޅުންނަށް ވައިޓްހައުސްއަށް ވަޑައިނުގެންނެވޭނެ ފަދަ ގޮތަކަށް ޤާނޫނުތައް ބަދަލުކުރަން ޖެހިފައިވާ ކަމަށް ޑިމޮކްރެޓުން ވިދާޅުވެއެވެ. ޑިމޮކްރެޓުން ވިދާޅުވާ ގޮތުގައި ވައިޓްހައުސްއާއި ކޮންގްރެސް ޑިމޮކްރެޓުންނަށް ލިބިގެން ނޫނީ މިފަދަ މުހިއްމު ޤާނޫނުތަކެއް ފާހެއް ނުކުރެވޭނެއެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޒަޢާމަތުގައި ތިއްބެވި އިސް ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންފައިވަނީ "ޣައިރު ޤާނޫނީ" ކޮށްނެވެ. އެއީ މައިނޯރިޓީގެ އަޑު ފިއްތާލައިފާ ވާ ނިޒާމެއްގެ ނަތީޖާއެކެވެ. އެ ނިޒާމުގައި ރައްޔިތުންގެ އަޣްލަބިއްޔަތުގެ އަޑު އަހާފައެއް ނުވެއެވެ. މި ދިޔަ އިންތިޚާބުގައި ރައްޔިތުން އިންތިޚާބު ކުރީ ހެލަރީ ކްލިންޓަނެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިވަޑައިގަތީ އެކަމަނާއަށެވެ. އެހެންކަމުން ޑިމޮކްރެޓުން ވިދާޅުވާ ގޮތުގައި މި ނިޒާމު މުގުރާލަން ވަނީ ޖެހިފައެވެ. އެމެރިކާގައި މިހާރު އޮންނަ ނިޒާމުގެ ދަށުން ވޯޓުލާން ޖެހޭ ދާއިރާގައި ރަޖިސްޓަރީ ނުކޮށް ކޮންމެ މީހަކަށް ވެސް ވޯޓު ލެވިދާނެއެވެ. ޑިމޮކްރެޓުން ވިދާޅުވާ ގޮތުގައި މިއީ މަކަރު ހެދުމަށް ހުޅުވިފައިވާ ދޮރެކެވެ.

މިއީ އެމެރިކާގެ ދާޚިލީ ކަމެއް

ބައެއް މީހުން ދެކޭގޮތުގައި އެމެރިކާގެ އިންތިޚާބަކީ އެމެރިކާގެ ދާޚިލީ ކަމެކެވެ. އެހެން މީހުން އެ ކަމާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެމެރިކާ މީހުންނަށް އެމެރިކާގެ އިންތިޚާބު މުހިއްމު ކަމަކަށް ވިޔަސް ދުނިޔޭގެ އެހެން  ޤައުމުތައް އެކަމާ ހާސްވާކަށް ނުޖެހޭނެއެވެ. މި ގޮތަށް ވިދާޅުވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ ސާބިތު އެއްޗެކެވެ. ވެރިކަމުގައި ޖުމްހޫރީން ތިއްބަސް ޑިމޮކްރެޓުން ތިއްބަސް މި ސިޔާސަތަށް ބަދަލެއް ނާންނާނެތެވެ. އެކަމަކު ޙަޤީޤަތަށް ބަލާއިރު މި ކަން އޮތީ މި ގޮތަކަށް ނޫނެވެ. ރައީސުން ތަފާތުވުމުން މި ސިޔާސަތަށް ވެސް  ބަދަލު އަންނަތަން ފެނެއެވެ.

އިސްރާއީލަށް ބަލާއިރު އިސްރާއީލޭ މިކިޔާ ދައުލަތް 1948ގައި އުފަންކުރުވި ދުވަހުން ފަށައިގެން އިސްރާއީލުގެ އެންމެ ވަރުގަދަ ބާރުވެރިއަކީ އެމެރިކާއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބަކީ އިސްރާއީލު ޙިމާޔަތްކޮށް އިސްރާއީލުގެ ވުޖޫދަށް އެއްވެސްބާވަތެއްގެ ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމެވެ. އިސްރާއީލަށް މާލީގޮތުންނާއި ޢަސްކަރީގޮތުންނާއި އދގެ ތެރޭގައި ބޭނުންވާ އެހީތައް ތަނަވަސްކޮށް ދިނުމެވެ. އިސްރާއީލުން ކޮންމެފަދަ ޢަމަލެއް ކުރިއަސް އެއީ އެމެރިކާގެ ނަޒަރުގައި އިސްރާއީލުގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރި ކަމެކެވެ.  އިސްރާއީލުން އަވަށްޓެރި ޢަރަބި ޤައުމުތަކަށް ދެމުންގެންދާ ޢުދްވާނީ ޙަމަލާތައް އދގެ ސަލާމަތީ މަޖިލީހުގައި ކުށްވެރި ކުރެވިފައި ނުވަނީ އެމެރިކާގެ ދީލަތި ވީޓޯތަކުގެ ސަބަބުންނެވެ. އދގެ ޢާއްމު ޖަމްޢިއްޔާއިން ފާސްކޮށްފައިވާ އެއްވެސް ޤަރާރަކަށް އިސްރާއީލުން އިޖާބަ ނުދެނީ އެމެރިކާގެ ޙިމާޔަތް ލިބިފައިވާތީއެވެ. އެމެރިކާގެ ދޮންދަރިއަކަށް އިސްރާއީލު ވާތީއެވެ.

މިހެން ކަން އޮތް ކަމުގައި ވިޔަސް އެމެރިކާއިން ވެސް އިސްރާއީލުގެ ހުރިހާ ޢަމަލުތަކަކަށް ހިތުގެ އަޑިން ތާއީދެއް ނުކުރެއެވެ. އެމެރިކާ ވެސް ޤަބޫލު ކުރާ އުޞޫލުތަކެއް ވެއެވެ. މިސާލަކަށް އެމެރިކާ ވެސް ޤަބޫލު ކުރާ ގޮތުގައި އިރުމަތީ ޤުދްސަކީ އިސްރާއީލު ހިފާފައިވާ ފަލަސްޠީނުގެ ބިމެކެވެ. މިހެންވެ އިސްރާއީލުން އެމީހުންގެ ވެރިރަށް ކަމުގައި ޤުދްސު ހެދިހެދުން އެމެރިކާއިން ބަލައެއް ނުގަނެއެވެ. ރައީސް ޓްރަމްޕް ވައިޓްހައިސްއަށް ވަޑައިގަތުމަށްފަހު މި އުޞޫލުތައް ވަނީ މުގުރާލައްވައިފައެވެ. އިސްރާއީލުގެ ވެރިރަށް ތައްލު އަބީބުގައި ހުރި އެމެރިކާ އެމްބެސީ ޓްރަމްޕް ވަނީ ޤުދްސަށް ބަދަލު ކުރައްވައިފައެވެ. މީގެއިތުރަށް އިސްރާއީލުން ސޫރިޔާގެ ގޯލާންގެ އުސްބިންތައް އެމީހުންގެ ބިންތަކެއް ކަމުގައި ހެދިހެދުން ރައީސް ޓްރަމްޕް ވަނީ ޤަބޫލު ކުރައްވައިފައެވެ. މިއީ 1967ގައި އިސްރާއީލުން ހިފާފައިވާ އާރަބީންގެ ބިންތަކަކަށް ވާތީ ޑިމޮކްރެޓުން މި ކަމާ ދެކޮޅު ހަދައެވެ. މި އަންނަ އިންތިޚާބުގައި ބައިޑުންއަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ ރައީސް ޓްރަމްޕްގެ މިފަދަ ނިންމުންތަކަށް ބަދަލު އަންނާނެއެވެ.

ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ދައުރު

ބައިނަލްއަޤްވާމީ މަސްރަޙަށް ބަލާއިރު ރައީސް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ދައުރު ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ. ރައީސް އޮބާމާ އީރާނާއެކު ސޮއިކުރައްވާފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ  ދުރަށް އެމެރިކާ ދިޔުމުގެ ސަބަބުން ގަލްފު ސަރަޙައްދަށާއި މެދުއިރުމައްޗަށް ވަނީ ހަމަނުޖެހުން އައިސްފައެވެ. މީގެއިތުރަށް  އެމެރިކާ ވަނީ ބައިނަލްއަޤްވާމީ އެތައް މުޢާހަދާތަކަކުން ވަކިވެފައެވެ. ނޭޓޯއާ ދެކޮޅަށް ދަނީ ފާޑު ކިޔަމުންނެވެ. މި ކަމުގައި އެމެރިކާގެ މެސެޖަކީ "އެމެރިކާއިން ތިޔަބައިމީހުންގެ އަމްނަށް ޖާމިނުވުމެއް ނުދޭނެއެވެ. މި ކަމަށް އެދޭނަމަ ތިޔަބައިމީހުން މި ޖާމިނުވުމަށް އަގު ދައްކަން ޖެހޭނެއެވެ."

މިއިން ދޭހަވަނީ މި އަންނަ އިންތިޚާބުގައި ޓްރަމްޕް ބަލިވެވަޑައިގެންފިނަމަ ޑިމޮކްރެޓުންގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމެވެ. އެމެރިކާ ވަކިވެފައިވާ މުޢާހަދާތަކަށް އަލުން ވަދެ ދުނިޔެއާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެކަމެވެ. ޓްރަމްޕްގެ ސިޔާސަތަކީ އޭނާގެ އެކުވެރިން ޙިމާޔަތް ކުރުމެވެ. ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި މިޞްރުފަދަ އެކުވެރީންނާއެކު ޓްރަމްޕް ގެންގުޅުއްވި ސިޔާސަތަށް ބަދަލު އަންނާނެކަމެވެ. މި ކަމުގެ ސަބަބުން އެ ޤައުމުތަކުގެ ވެރީންނަށް އިންސާނީ ޙައްޤުތަކާ ބެހޭ ފައިލްތައް ރަނގަޅު ކުރެއްވުމަށް ގޮވައިލެވޭނެތެވެ. މި ކަމުގެ ސަބަބުން އެ ޤައުމުތަކުގެ އެތެރެއަށް ލޮޅުންތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އީރާނާ ބެހޭގޮތުން އުފެދޭ ސުވާލަކީ ބައިޑްން އީރާނާއެކު ގެންގުޅުއްވާނީ ކޮން ކަހަލަ ސިޔާސަތެއް ހެއްޔެވެ؟އެމެރިކާގެ އެކުވެރިން ކަމުގައިވާ އިސްރާއީލާއި ސަޢޫދީ ޢަރަބިއްޔާއި އިމަރާތުން މި މަސްއަލައިގައި ޙަރަކާތްތެރިވާނީ ކިހިނެއް ހެއްޔެވެ؟ މި ޤައުމުތަކަކީ އީރާން އިސްނެގިޔަނުދީ އިދަޖައްސާފައި ބާއްވަން ބޭނުންވާ ޤައުމުތަކެކެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް މި ހުރިހާ ބަހާތަކެއްގެ އަސަރު ފޯރާނެތެވެ. މިއަދުގެ ދުނިޔެއަށް ބަލާއިރު ބައިނަލްއަޤްވާމީ ދަނޑުގައި ކުޅެން ހުރީ ހަމައެކަނި އެމެރިކާއެއްނޫނެވެ. ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް އަސަރު ފޯރުވުމުގެ ބާރު ލިބިފައިވާ އެހެން ކުޅުންތެރީން ވެސް ދަނޑު މަތީގައި މިއަދު އެބަ ތިއްބެވެ. ޗައިނާއާއި ރަޝިޔާއަކީ މި މަސްރަޙުގައި ބޮޑުބައި ކުޅޭ ޤައުމުތަކެކެވެ. ސޫރިޔާއާއި ލީބިޔާއިން މި ތަން ފެނެއެވެ. ދުނިޔެ ދެ ތަނޑިއަކަށް ނުވަތަ ތިން ތަނޑިއަކަށް ބައިބައިވެގެންދާނެ ހެއްޔެވެ؟

ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ

ހުރިހާ ތަފާސްހިސާބުތަކެއް ވެސް އަދި ދާރިސުންނާއި ބާޙިސުން ވެސް ވިދާޅުވާ ގޮތުގައި އެމެރިކާގެ މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ބައިޑްން އެވެ. އެހެނަސް ވަކި ގޮތަކަށް ކަނޑައަޅައި ބުނުމަކީ ވަރަށް ދަތި ކަމެކެވެ. ރައީސް ޓްރަމްޕް މީގެ ހަތަރު އަހަރު ކުރިން ހެލަރީ ކްލިންޓަނާއެކު ވާދަކުރެއްވިއިރު ހުރިހާ ޚަބަރުތަކަކާއި ތަޙްލީލުތަކެއް ބުނެފައިވަނީ ކްލިންޓަން މޮޅުވާނެ ކަމަށެވެ. ނިވްޔޯރކް ޓައިމްޒްގެ ފުރަތަމަ ޞަފްޙާގައި ހެލަރީގެ ބޮޑު ފޮޓޯފުޅެއް ޖަހައި މެޑަމް ޕްރެޒިޑެންޓް  ލިޔެ ނޫސް ޝާއިޢު ކުރިއެވެ. އެހެންކަމުން ނަތީޖާ އެނގޭނީ ނަތީޖާ ފާޅުކޮށް ނިމުމުންނެވެ.

މިއަދުގެ ސުވާލަކީ ޓްރަމްޕަށް ކާމިޔާބު ކުރެއްވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެން ވެސް ބުނާގޮތުގައި އެހެން ވެއްޖެނަމަ ޓްރަމްޕްގެ ރެޑިކަލް ސިޔާސަތު މިހާރަށްވުރެ ވެސް ވަރުގަދަކޮށް ހިންގަވާނެއެވެ. ސައްތައިގެ ޑީލުގެ ނަމުން މަޝްހޫރުވެފައިވާ "ސިޔާސަތު" ކުރިއަށް ގެންދަވާނެއެވެ. ނަތީޖާއަކަށް ވާނީ ފަލަސްޠީނުގެ މަސްއަލަ މުޅިން ވަޅުލެވުމެވެ. އަދި 1967ގައި އިސްރާއީލު ހިފާފައިވާ ބިންތަކުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ކުރެވެމުން އައި މަސައްކަތް ހުއްޓުމެވެ. އަދި ޢަރަބި ޤައުމުތަކާ އިސްރާއީލާ ދެމެދުގައި "ޠަބީޢީ ގުޅުން" ޤާއިމު ކުރުމެވެ. މި ޑީލުގައި އައިސްފައިވާ ގޮތުގެމަތިން އިމާރާތާއި ބަޙްރައިން މިހާރު  ވަނީ އިސްރާއީލާއެކު  ގުޅުންތައް ޤާއިމުކޮށްފައެވެ. ޓްރަމްޕަށް އަލުން ރިޔާސަތު ލިބިވަޑައިގެންފިނަމަ ސުދާނާއެކު އިސްރާއީލުން ވަރަށް އަވަހަށް ސިޔާސީ ގުޅުން ޤާއިމު ކުރާނެއެވެ. އޭރުން ސޫދާން ނިރުބަވެރީންގެ ލިސްޓުން ފުހެލަދޭނެތީއެވެ.

ޓްރަމްޕަށް ވައިޓްހައުސް ކާމިޔާބު ކުރެއްވިއްޖެނަމަ ނޭޓޯ ރޫޅިގެން ދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. ސުވާލަކަށް ވާނީ ރަޝިޔާގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި ނޭޓޯގެ ޤައުމުތައް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ސަބަބުން ހުޅަނގު ޔޫރަޕް ވަނީ ކޮންމެވެސް ވަރަކަށް ބަލިކަށިވެފައެވެ.

އޭޝިޔާއަށް ބަލާއިރު ޗައިނާގެ ބިރު ދަނީ އިތުރުވަމުންނެވެ. ޖަޕާނުގެ ސަލާމަތާއި، ހޮންގްކޮންގގެ މަސްއަލައާއި ޓައިވާނުގެ މަސްއަލައަކީ އޭޝިޔާގައި ހުރި މަސްއަލަތަކެކެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެއީ އެމެރިކާއާ ބެހޭ ސަރަޙައްދުތަކެއްނޫނެވެ. ނަތީޖާއަކަށް ވާނީ ހޮންގްކޮންގާއި ޓައިވާން ޗައިނާގެ ބަޔަކަށްވެގެން ދިއުމެވެ. ހޮންގކޮންގުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އެމެރިކާގެ މާ ބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރެވެއެވެ. އެ މަސްއަލައާ ބެހެނީ އިނގިރޭސިވިލާތުންނެވެ.ޓްރަމްޕަށް ބޮޑުވެފައިވަނީ ޗައިނާގައި އުފައްދާ ވާވައި ފޯނެވެ.

މި ހުރިހާ މަސްއަލަތަކަކާއި ގަނޑުބަޑުތަކެއްގެ ސަބަބުން ދާރިސުންނާއި ބާޙިސުން ވިދާޅުވާ ގޮތުގައި މި އަހަރު އެމެރިކާގައި ބޭއްވޭ ރިޔާސީ އިންތިޚާބު ވާނީ ވޭތުވެދިޔަ 70 އަހަރުގެތެރޭގައި ބޭއްވޭ އެންމެ މުހިއްމު އިންތިޚާބަށެވެ. އެމެރިކާ މީހުންނަށާއި ދުނިޔޭގެ ރައްޔިތުންނަށެވެ. ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ނިޒާމުތަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *