Support Us

ގައުމީ ދިދަ ދެކެ ދިވެއްސަކު ވާ ލޯބި

މިސްކިތުން ފައިބައިގެން ސައިކަލަށް އަރަން ދާން މަގު ހުރަސް ކުރަން އުޅެނިކޮށް ބައްދަލު ކޮށްލަން ބޭނުވެފައި ހުރި މީހަކު ފެނިއްޖެއެވެ. އޭނާ އަކީ ދެކެފަރިތަ އަދި ފެނުމުން ނިތް އެއްލާ މީހެކެވެ. ދުވަހަކު ވެސް އަނގައިން ބުނެ ވާހަކަ ދައްކާ މީހެއް ނޫނެވެ. ޖާނުގައި ވަރު ހުރި އަދި އަހަރެން ފަދައިން މެދު އުމުރު ފަހަނަ އަޅާފައިވާ ފިރިހެނެކެވެ.

އަބަދު ވެސް ފެންނައިރު ހުންނާނީ ނަލަކޮށް ރީތި ކޮށެވެ. ގިނައިން ލާ އުޅޭތަން ފެނިފައިވަނީ ޓީޝާޓެވެ. އެކަމަކު ރޭގަނޑު ފެންނައިރު ހުންނަނީ އަތްބުރި ގަމީސް ލައިފައެވެ. އަބަދުވެސް ފެންނަނީ ފަޓްލޫނު ލާފައި ހުއްޓައެވެ.

އަތުގެ އިޝާރާތުން މަޑު ކޮށްލުމަށް އެދެފީމެވެ. ސައިކަލު މަޑު ކޮށްލީ އަހަރެންނާ ވަރަށް ކައިރިއަށެވެ. ސަލާން ގޮވައިލުމަށް ފަހު ބުނެފީމެވެ. މަޑު ކޮންލަން އެދުނީ ވަރަށް މުހިންމު ސުވާލެއް ކޮށްލަން ވެގެންނެވެ. އޭނާގެ ޖަވާބަކީ އަވަހަށް ސުވާލު ކޮށްލާށެވެ.

އަހަރެން ބުނެފީމެވެ. ފެންނަ ކޮންމެ ފަހަރަކު ހާދަ އުފާވާކަމެއް އެބަފެނެއެވެ. އޭނާ ބުނެފިއެވެ. އެއީ ކޮންކަމެއް ހެއްޔެވެ. އަހަރެން ބުނީމެވެ. އެއީ ދިވެހި ގައުމުގެ ދިދަ ފެނުމެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ.

"މިއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަހަރެން ލާ ހުރިހާ ހެދުމެއްގައި ވެސް ދިދަ ހަރުކޮށްފައި ހުންނާނެ."

އޭނާ ލާ ޓީޝާރޓްތަކުގައި ވެސް އަދި ގަމީސްތަކުގައި ވެސް ދިދަ ހުރެއެވެ. ގިރުވާނުގައި ފުރަގަހުން ފެންނަ ބައިގެ މެދުގައި ވަރަށް ނަލަ ކޮށް ފަށުވިން ދިދަ ހަރުކޮށްފައި ހުރެއެވެ. ދިދައިގެ ބޮޑު މިނުގައި ހުންނާނީ ދެ އިންޗިއާއި އެއް އިންޗިއެވެ. މިންގަޑުތަކަށް ފެތޭ ގޮތަށެވެ.

އެ ދުވަހު އެ ވާހަކަ އެ ހިސާބުން ނިންމައިލުމުގެ ކުރިން އަހަރެން އެދުނީ ނޫހެއްގައި ނުވަތަ ޓީވީއަކުން ތިޔަ ކަމާ ބެހޭ ގޮތުން މައުލޫމާތު ފަތުރައިލުން ރަނގަޅު ކަމުގައި ބުނަމުންނެވެ. ނަމަވެސް އޭނާ އެ ގޮތެއް ގަބޫލެއް ނޫނެވެ. އެއީ ކޮވިޑް19ގެ ކުރިންނެވެ.

ދެން އޭނާއާ ދިމާވީ މިހިނގާ އޮކްޓޫބަރު މަހުގެ ކުރީކޮޅުގައެވެ. އެއް ރެއެއްގެ އިރާކޮޅުގައެވެ. ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގެ ތެރެއިންނެވެ. އެރޭ ވެސް އަހަރެންގެ އުފަލަކަށް ވީ ދިދައިގެ ވާހަކަ ދައްކައިލުމެވެ. އަދި އެއް ކަމެއްގައި އެދުނީމެވެ. އޭނާގެ ފުރަގަހުން ދިދަ ފެންނަ ގޮތަށް ފޯނުން  ފޮޓޯއެއް ނަގަން ބޭނުން ކަމުގައެވެ. އެ ކަމަށް ވަރަށް ފަސޭހަކަމާއެކު ރުހި ގަބޫލުވިއެވެ. މި ހިސާބުން ރަހުމަތްތެރިކަމެއް އުފެދިއްޖެއެވެ.

ސަފަރު މަހުގެ ފަހުކޮޅެވެ. ގައުމީ ދުވަސް އަންނަން ގާތްވަމުން ދަނީއެވެ. ހިތުގައި އެނބުރެނީ އާ ރަހުމަތްތެރިއާ ބައްދަލު ކޮށްލާ މި ވާހަކަ ކޮންމެ ވެސް ސިފައެއްގައި ލިޔެލުމުގެ ޝައުގު ވެރިކަމެވެ. ފޯނު ނަންބަރެއް ނެތެވެ. ނަމަވެސް މިހާރު ދިރި އުޅޭ ގޭގެ ވާހަކަ އެރޭ ދެއްކިއެވެ. ދިރިއުޅުމާ ގުޅޭ ދެތިން ވާހަކައެއް ވެސް ބުނެލިއެވެ. އޭނާގެ މައިފުނަގެ ހުންނަނީ އަހަރެންގެ މައިފުނަގެ ވެސް ހުންނަ އަވަށްކަމުގައިވާ ގަލޮޅުގައި ކަން އެނގުނީ އެ ރެއެވެ.

އަހަރެންގެ ވަރަށް ގާތް އަޚަކާ މި އާ ރަހުމަތްތެރިޔާއާ ވާހަކަ ދައްކަން ހުއްޓާ ތަންކޮޅެއް ކުރިން ދެތިން ދުވަހަކު ވަނީ ފެނިފައެވެ. އެ ހަނދާން އާވުމާއެކު އެ އަޚާއާއި ގުޅައިލައިފީމެވެ. އަދި ސިފަ ކިޔައި ދީފީމެވެ. އަދި ދިދައިގެ ވާހަކަ ދައްކާލުމާއެކު އޭނާގެ ނަމާއެކު ނަންބަރު ދީފިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ ގުޅައިލައިފީމެވެ. އަދި ދިދަ ބޭނުން ކުރަން ފެށުނު ގޮތުގެ ވާހަކައިން ސުވާލު ކުރީމެވެ. ވަރަށް ތަފުސީލުކޮށް ދިދަ ހަރުކުރަން ފެށުނު ގޮތުގެ ވާހަކަ ކިޔައިދީފިއެވެ.

އޭނާ ބުނާ ގޮތުން ފުރަތަމަ އެކަން ފެށުނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައެވެ. އެއީ ހެދުން އަޅާ ފޮށީގެ ބޭރުގައި ދިވެހި ގައުމީ ދިދަ ތަތްކޮށްފައި ބެހެއްޓުމެވެ. މިކަމަކީ ވެސް އާންމު ދިވެއްސަކު ކުރާ ޒާތުގެ ކަމެއް ނޫނެވެ. ހައްޖާ އުމްރާއަށް ދާ ވަފުދުތަކުން މީހުންގެ ފޮށިތަކުގައި ދިވެހި ދިދަ ހަރު ކުރެއެވެ. އަދި ރާއްޖެއިން ބޭރުގެ ކުޅިވަރު މުބާރާތްތަކަށް ދާ ޓީމްތަކުން މިކަން ކޮށް އުޅެއެވެ.

އަދި މިވަރުން ނިމުނީކީ ނޫނެވެ. އޭނާގެ ފޮއްޓަށް އަޅާ ތަކެތީގެ ތެރޭގައި މުސައްލައިގެ އިތުރުން ވަރަށް ޚާއްސަ އެއްޗެއް ވެއެވެ. އެއީ ދިވެހި ގައުމީ ދިދައެވެ. އޮފީސްތަކުގައި މިހާރު ނަގާފައި ހުންނަ ސައިޒްގެ ފޮތީގެ ދިދައެވެ. އެންމެ ދިދަ އެއް ވެސް ނޫނެވެ. ދެ ދިދަ އެވެ. ބޭނުންވެސް ކިޔާ ދިނީ ވަރަށް އުފަލުން ހުރެކަން އަޑުން އިހުސާސް ވިއެވެ.

"އަހަރެން ހުންނަ ހޮޓަލުގެ ކޮޓަރީގެ ފާރުގައި ދިދަ ހަރުކޮށްލަނީ އަދި އެނޫން ތަނެއްގައި ވެސް ފަސޭހައިން ފެންނަ ގޮތަށް ހަރުކޮށްލަނީ،" އޭނާ ބުންޏެވެ.

މި ވާހަކަ އިވުމުން ހިތަށް ވެރިވީ އެހެން ޝުއޫރު ތަކެކެވެ. އަހަރެމެންނަށް ގައުމީ ލޯބީގައި ކުރެވެނީ ކޮންކަމެއް ބާވައެވެ؟ އޭނާގެ އުފަން ގައުމު ދެކެ ހާދަ ލޯތްބެއް ވެއެވެ.

ލާ ހެދުމުގައި ދިދަ ހަރުކުރަން ފެށުނު ގޮތާއި ބެހޭ ގޮތުން ބުނީ އެކަމުގެ ޚިޔާލު އައީ ބޭރަށް ކުރާ ދަތުރު ތަކުން ކަމުގައެވެ. ބޮޑަށް ވިސްނެން ފެށީ އެ ގައުމުތަކުގެ މީހުން ލާ ހެދުމުގައި ދިދަ ހުންނަ ތަން ފެނުމުން ކަމަށެވެ. ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރުގެ ބައެއް މީހުންގެ ޓީޝާޓްގައި އެ ގައުމުގެ ދިދަ ހުންނަ ތަން ފެނުމުންނެވެ. އެ ގޮތަށް ހުންނަނީ ސީދާ ޓީޝާޓް ޕްރިންޓް ކުރާއިރު ފަރުމާ ކުރުމުގައި ކަމަށެވެ. އަދި އާންމުކޮށް ގަންނަން ލިބެން ހުންނަތަން އޭނާއަށް ފެނެއެވެ.

އެއީ މީގެ 14 އަހަރު ކުރިއެވެ. އެ ފަހަރު އޭނާ ގަސްދުކުރީ ބެންކޮކުން ދިވެހި ދިދަ ހެއްދުމަށެވެ.    

"ދުއިސައްތަ ކުދި ދިދަ ފަށުވިން ހެއްދީ. އެ ތަނުން ވަރަށް ފަސޭހައިން އަދި އަގުހެޔޮކޮށް އެކަންވޭ. އެކަމު މި ދިދަ އަންނައުނުގައި ހަރުކުރަނީ އަހަރެންގެ އަންހެނުން. އޭނާ އެކަން ކޮށްދެނީ ވަރަށް ގަޔާ ވެގެން ލޯބިން."

ރަހުމަތްތެރިޔާ މިހާރު ދިރިއުޅޭ އެޕާޓްމަންޓްގެ ސިޓިންގ ރޫމްގައި ވެސް ދިވެހި ގައުމީ ދިދަ ހުންނާނެކަމުގައި ބުންޏެވެ.

ފޯނުން ދެކެވެނު ވާހަކަ ނިންމައިލަމުން އޭނާ ވަރަށް ކަންބޮޑުވާ ވާހަކައެއް ބުނެލިއެވެ. އެއީ މި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ކޮންމެ އިރެއްގައި ވެސް ބުރޫ އަރާފަދަ ކަންކަމުގެ ކަންބޮޑުވުމެވެ.

"ހަމަ އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ތިބުމަކަށް ތާއީދެއް ނުކުރަން. އަހަރެމެން ނެތް ދުނިޔެއެއްގައި އަހަރެމެންގެ ދަރިން ވެސް އުޅެން ބޭނުންވަނީ އަހަރެން މި ގައުމުގައި އުޅުނުހެން މިނިވަން ކަމާއި އުފަލުގައި… އަޅުވެތިވުމުގެ އިހުސާސް ކުރެވޭކަށް ބޭނުމެއް ނުވޭ."

ރަހުމަތްތެރިކަން އުފެދުނު ދެކެފަރިތަ މޫނުގެ ވެރިޔާ މިއަދު ވަނީ އަހަރެންގެ ރަހުމަތްތެރިއަކަށް ވެފައެވެ. އޭނާއަކީ ސަރުކާރު ވަޒީފައެއްގައި އުޅޭ މީހެއް ނޫނެވެ. އަދި ދުވަހަކު ވެސް ސިޔާސީ މަގާމެއްގައި އުޅުނު މީހެއް ނޫނެވެ. ރަސްމީކޮށް ދިވެހި ދައުލަތް ތަމްސީލް ކުރާ މީހެއް ވެސް ނޫނެވެ.

އެކަމަކު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަރައެވެ. ރަހުމަތްތެރިޔާގެ ގައިގައި ހަރުލާފައިވާ ދިވެހި ގައުމީ ދިދަޔަށް ކުރާ ލޯތްބާއި އިހުތިރާމަކީ އަޖައިބެއް ކަހަލަ ކަމެކެވެ. މި ދިވެހި ރާއްޖެއިން އޭނާ ފަދަ ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. އޭނާއަށް އަހަރެން ކުރުނީސް ކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
34
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *