Support Us

ދެކުނު އޭޝިޔާގެ ޒުވާން ސިޔާސީ ލީޑަރުންގެ ފޯރަމްގައި މުންދު ބައިވެރިވެވަޑައިގެންފި

ދެކުނު އޭޝިޔާގެ ޒުވާން ސިޔާސީ ލީޑަރުންގެ ހަ ވަނަ ފޯރަމްގައި، ދިވެހިރާއްޖޭގެ ފަރާތުން، ވާދަވެރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނާއިބު ރައީސް އަދި ޚާރިޖީ ސިޔާސަތާބެހޭ ޑިޕާޓްމަންޓް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މުހަންމަދު ޙުސައިން ޝަރީފް (މުންދު) ބައިވެރިވެވަޑައިގެންފިއެވެ.

ކޮވިޑް-19ގެ ސަބަބުން ވާޗުއަލްކޮށް މިރޭ ބޭއްވުނު މިފޯރަމްގައި ކުރީގެ ޒުވާނުންނާ ބެހޭ ވަޒީރުކަމާއި ރާއްޖޭގެ ސަފީރުކަން ކުރައްވާފައިވާ މުންދު ވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިމަގުގައި އެޅިދާނެ ބައެއް މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ސަރަޙައްދީ ޖަމްޢިއްޔާ ސާކްގެ ތެރެއިން ބިނާކުރެނިވި މަސައްކަތްތަކެއް ކުރުމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވާ، އޭނާ ވަނީ މިސަރަޙައްދުގެ ޤައުމުތަކުގެ ދެމެދުގައި ހުރި ތަފާތުތައް ދެނެގަނެ، އެކަމުގެ އަލީގައި ކުރިއަށް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި، ދޭދޭ ޤައުމުގެ ދެމެދުގައި ހުރި ނުތަނަވަސްކަން ނައްތާލުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެ އިތުރުން، ރޮހިންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާމެދު ރާއްޖެއިން ދެކޭގޮތާއި، އަޅާފައިވާ ފިޔަވަޅުތަކާމެދު ވާހަކަ ދައްކަވާފައެވެ.

މި ފޯރަމްގައި މުންދު ދެއްކެވި ވާހަކައިގައި، ރާއްޖެއާ ޗައިނާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމެއްކަން ފާހަގަކުރައްވާ، ސިޔާސީ ފައިދާއަށްޓަކައި އެކަމުގެ ޙަޤީޤަތް އޮޅުވާލަން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން، އަވަށްޓެރި އިންޑިޔާއަށް ޝައްކާއި ވަޙުމު ވަދެ، ރާއްޖޭގެ ކުރިމަގަށް ބުރޫއަރާ ފަދަ ތަފާތު ކަންތައްކަތެއް ކުރަމުންދާކަން ހާމަކުރައްވާފައެވެ. އަދި، ރާއްޖޭގެ ސަރަޙައްދުގައި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ޤާއިމުވެތިބުމަކީ ދިވެހި ރައްޔިތުން އެދޭގޮތް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފޯރަމްގައި ބައިވެރިވެވަޑައިގެން ބޭފުޅުންގެ ތެރޭގައި، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ކައުންސިލް މެންބަރު އަދި ތަރުޖަމާނު ބެރިސްޓަރ މިއަން އާމިރު ޙަސަން، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޚާރިޖީ ކަންކަމާބެހޭ ކޮމިޓީގެ މެންބަރު އަދި ޕާޓީގެ ކައުންސިލް މެންބަރު ބެރިސްޓަރ މީރް ޙިލާލް، އަފްޣާނިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޒުވާނުންގެ މަންދޫބު މިސް ޝްކުލާ ޒާދްރަން ހިމެނިވަޑައިގެންނެވިއެވެ.

ދެކުނު އޭޝިޔާގެ އެކިއެކި ޙައްސާސް މައްސަލަތަކާމެދު ބަހުސްކުރެވުނު މިފޯރަމް ވަނީ ފޭސްބުކް މެދުވެރިކޮށް ވަގުތުން ގެނެސްދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *