ފިލްމީތަރި ސުޝާންތް ސިންގްގެ މަރުގެ ތަހުގީގު ލަސްވާކަމަށް ބުނެ މަހާރަޝްތްރާގެ ހޯމް މިނިސްޓަރު އަނިލް ދެޝްމުކް ސީ.ބީ.އައި އަށް ފާޑުކިޔައިފިއެވެ.
"ސުޝާންތް ސިންގް ރާޖްޕުޓް ވަނީ އަމިއްލައަށް މަރުވެފައިތަ؟ ނޫނީ މަރާލައިފައިތަ؟ މުމްބާއި ފުލުހުން މައްސަލަ ވަރަށް ރަނގަޅަށް ބަލަމުން ދަނިކޮށް މައްސަލައިގެ ތަހުގީގު ސީ.ބީ.އައި އާއި ހަވާލު ކުރީ. އެހެންވީމާ ސީ.ބީ.އައި އިން ޖެހޭނެ ވީ އެންމެ އަވަހަކަށް މި ތަހުގީގުގެ ނަތީޖާ ވަރަށް އަވަހަށް ނެރެން" އޭ.އެން.އައި ނިއުސް އޭޖެންސީ އާއި ވާހަކަދައްކަމުން އަނިލް ބުންޏެވެ.
މީގެ އިތުރުން އަނިލް ވަނީ ސީ.ބީ.އައިގެ ތަހުގީގުތަކަށް ނިމުމެއް އަންނާނެ އިރަކަށް މީހުން އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައެވެ.
ސުޝާންތަ ސިންގްގެ މައްސަލަ ފުރަތަމަ ތަހުގީގު ކުރަމުން ދިޔައީ މުމްބާއީ ފުލުހުންނެވެ. ނަމަވެސް މަހާރަޝްތްރާ އާއި ބިހާރުގެ އިސްވެރިންގެ ދެމެދުގައި ހިނގި ބަހުގެ ހޫނު ހަމަލާތަކަކަށް ފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ތަހުގީގު ސީ.ބީ.އައި އާއި ހަވާލުކޮށްފައެވެ.
"ސީ.ބީ.އައި އިން ދަނީ ވަރަށް ޒިންމާދާރު ތަހުގީގެއް ސުޝާންތުގެ މަރުގެ މައްސަލައިގައި ހިންގަމުން. އަހަރުމެން މި މައްސަލައިގައި ހުރިހާ ދިމާލަކުން އެބަ ތަހުގީގު ކުރަން. އަދި އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމުގައި ބަލާ، ދޫކޮށެއް ނުލަން." ސީ.ބީ.އައިގެ ސްޕޯކްސްޕާސަން އާރް.ކޭ ގައުރް ބުންޏެވެ. ގައުރް މިހެން ބުނީ ސުޝާންތްގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ލަސްކަމާމެދު ސުޝާންތްގެ އާއިލާއިން ނުރުހުން ފާޅުކޮށްފައިވަނިކޮށެވެ.
ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް މުމްބާއީ ފުލުހުންގެ ތަހުގީގު ރިޕޯޓުން އެނގެއެވެ. ނަމަވެސް ސުޝާންތްގެ އާއިލާއިން މިކަމާ ވަނީ ނުރުހުން ފާޅުކޮށް، ސުޝާންތްގެ އޭރުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ބިހާރުގެ ޓީމެއް މައްސަލަ ބެލުމަށްޓަކައި މުމްބާއީ އަށް އައުމުން ބިހާރާއި މަހާރަޝްތްރާގެ އިސް ވެރިންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ރައްދުކުރެވިފައެވެ.
ސުޝާންތްގެ މަރުގެ މައްސަލައިގައި ރިއާގެ އިތުރުން އެތައް ބަޔަކު ހައްޔަރުކޮށް، އަދި އިތުރު އެތައް ބަޔަކާ މިހާރު ވަނީ ސުވާލުކޮށްފައެވެ.