Support Us

ގާސިމްގެ އާ ކައިވެންޏަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ކައިވެންޏެއް ބައްލަވައިގެން ވާހަކަ ވެގެން ދިޔައީ ރެއާއި މިއަދު ސޯޝަލް މީޑިއާ ހިލުވާލި ވަރުގަދަ ހަބަރަކަށެވެ.

އުމުރުން 69 އަހަރުގެ މަހުޖަނު އަންގާރަ ދުވަހުގެ ރޭ ކައިވެނި ބައްލަވައިގަތީ މާމިގިއްޔަށް އުފަން އުމުރުން 21 އަހަރުގެ ރާނިޔާ އަބްދުލްހަމީދާއެވެ. ހަތަރު ވަނަ އަނބިކަނބަލުންގެ ކައިވެނީގެ ހަފުލާ އޮތީ ރޭ ސަން އައިލެންޑު ރިސޯޓުގައެވެ.

ރައްޔިތުންގެ މަޖިލިސްގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމްގެ 14 ބޭފުޅުން ތިއްބަވައެވެ. ރާނިޔާގެ ކުރިން ގާސިމް ކައިވެނި ބައްލަވައިގަތީ ހއ. ހޯރަފުށީ އައިޝަތު ނަހުލާއާއެވެ. ނަހުލާ އަކީ ގާސިމްގެ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލީޝަން ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

އާ ކައިވެންޏާ އެކު ސޯޝަލް މީޑިއާގައި ގާސިމްގެ ދެކަނބަލުންނަށް ސަނާ ކިޔުމާއި ފާޑު ކިޔުންތައް ދަނީ ފުނިޖެހެމުންނެވެ. އުފާވެރި ކައިވެންޏަކަށް އެދި ގިނަ ބަޔަކު މަރުހަބާ ކިޔަމުން ގެންދާއިރު އުމުރުން ދުވަސްވެފައިވާ ގާސިމް ފަދަ މަހުޖަނަކާ ޒުވާން ކުއްޖަކު ކައިވެނި ކުރުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.

ގާސިމަކީ އެއްވެސް އިރެއްގައި ބަޔަކު ކިޔާނެ އެފަދަ ފާޑު ކިޔުމަކަށް މާބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް އަމިއްލަފުޅު ނިންމެވުންތައް ނިންމަވާ، ވަރުގަދަ އަޒުމެއްގައި ހުންނަވާ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގާސިމްގެ ކައިވެނީގެ ހަބަރާ އެކު އެކައިވެނީގެ ފޮޓޯތައް ވެސް ދަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ. ހަމަ ގައިމުވެސް އެފޮޓޯތަކުން ގާސިމްއާއި ރާނިޔާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު އަނގަޔަށް ލަވައިން ކާންދޭ ފޮޓޯ ވެސް ވަރަށް ރޮމޭންޓިކެވެ. ކައިވެންޏަކީ ދެމީހެއްގެ ދެމެދުގައި އުފެދޭ ގުޅުން އިތުރަށް ބަދަހިކޮށް، ހަލާލް ގޮތުގައި އެކުގައި އުފާވެރި ހަޔާތެއް ހޭދަކުރަން ކުރާ ވަރަށް މަތިވެރި މާތް ކަމެއް ކަމުގައިވާއިރު ގާސިމްގެ މިކައިވެންޏަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކަށް ވެގެން މިއުޅެނީ ގޮތެއް ވެސް ބަލާލަން އެބަޖެހެ އެވެ.

ސޯޝަލް މީޑިއާގައި އެ ދެކަނބަލުންގެ ކައިވެނީގެ ފޮޓޯތައް ޝެއާކޮށް، ކޮށްފައި ހުންނަ ބައެއް ޕޯސްޓްތަކަށް ކޮމެންޓްކުރާ ބައެއް މީހުން ބުނާ ގޮތުގައި ހަމަ ގައިމުގެ ގާސިމް ފަދަ ބޭފުޅަކާ ކައިވެނިކުރުމުން "ޕްރިންސެސް އެއްހެން ގެންގުޅޭނެ. ދަރިންތަކެއް ލިބުނީމަ އެއްލާފައި ނުދާނެ،" ކަމަށް ބުނެފައިވެއެވެ. އަދި ގާސިމް ފަދަ މަހުޖަނަކު ޒުވާން އަންހެން ކުއްޖަކާ ކައިވެނިކުރެއްވީމާ ބައެއް ފަރާތްތަކުން ފާޑުކިޔާނީ ޖެލަސްވާތީ ކަމަށް ވެސް ބުނެފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައްކާ ބައެއް ވާހަކަތަކަކީ މުޅިން ދޮގެކޭ ވެސް ނުބުނެވޭނެ އެވެ.

އާންމުކޮށް ހަތަރު ފުރުސަތުގެ ބޭނުން ކުރައްވަމުން ގެންދަވާ ގާސިމް، ރާނިޔާއާ ކައިވެނި ބައްލަވައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓަރ އަދި ގާސިމްގެ ހަގު ހަ ބޭފުޅުންގެ މަންމަ ނަހުލާ ވަރިކުރެއްވުމަށް ފަހު ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ އަޑުތަކެއް އަރުވައިފަ އެވެ. ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތެކެވެ. ގާސިމަކީ ގާސިމާ އެކު އުޅެން ހުރިހާ ހިނދަކު، ކައިވެނި ބައްލަވައިގަންނަވާ އެއްވެސް މީހަކަށް ދެރަ ގޮތެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ގާސިމްގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

 

ނަހުލާގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ނަހުލާ ވަނީ ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން އެތައް ފަހަރަކު އެދިވަޑައިގެންފައެވެ.

"އެއީ ނަހުލާއަށް އެކަށީގެންވާ ވަރަށް މިހާރު ގާސިމަށް ވަގުތު ނުދެއްވޭތީ ގާސިމަށް ކެއާ ކުރާނެ ކުއްޖަކު ހޯއްދަވައި ދެއްވަން ނަހުލާ ބޭނުންވާތީ،" އޭނާ ބުނެފައިވެއެވެ.

އެހެން މީހަކު ލިޔެފައި ވެއެވެ. "އެހެންދޯ ވާނީ ހަބަރުގަ އަބަދުވެސް ލިޔަނީ ބޯ ތަލަ މީހުންނޭ އެންމެ ކާމިޔާބު ވާނީ. އެހެންވެ ބޮލުން އިސްތަށި ބާލާ ޓައިލްސް ޖަހައިގެން އަހަރުން މި ތިބެނީ! ވާކަމެއް ކީއްކުރަން ވީކަމެއްވެސް ހަމަ ހަރާމް."

ގާސިމްގެ 21 އަހަރުގެ އަނބިކަނބަލުންނަށް ވެސް ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ފައިސާއަށްޓަކައި މަހުޖަނެއްވީމަ ކިތަންމެ ދުވަސްވެފައި ހުއްޓަސް އިނދެލީ ކަމަށް އެއް ބަޔަކު ބުނެއެވެ. އަދި ކައިވެނީގެ ކުރިން ޖޭޕީގެ އިވެންޓްތަކުގައި ރާނިޔާ އާއި ގާސިމް ތިއްބެވި ފޮޓޯއަކާ ކައިވެނި ހަފްލާގައި ސެލްފީއެއް ނަގާ ފޮޓޯއެއްގައި ރާނިޔާ ހިއްޕަވައިގެން ހުންނަ ފޯނަށް ވެސް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ކައިވެންޏެއް ކުރުމަށްފަހު އެ އަންހެން މީހާގެ ހުރިހާ ޒިންމާތަކެއް އުފުލަން ޖެހޭ ފަރާތަކީ ދީނީ ގޮތުން ވެސް، ގާނޫނީ ގޮތުން ވެސް ފިރިމީހާ ކަމުގައިވާއިރު ގާސިމްއާ އިންނަ މީހެއްގެ އަތުގައި ކުރިން އޮތް ފޯނެއްގެ ބަދަލުގައި އެންމެ ފަހުގެ ފޯނަކަށް ބަދަލުވުމަކީ ބަޔަކު އެކަމާ ބަހުސްކުރަން ޖެހޭ ކަމެއްތޯ މިއީ ވެސް ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލެކެވެ.

ގާސިމްގެ ކައިވެންޏަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ޒައިދު ވިދާޅުވީ މީހަކު މީހަކާ އިނަސް ނުވަތަ ވަރިކުރިއަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކައިވެނީގައި ހިނގާ ކަންކަން ދުރުގައި ތިބޭ ބަޔަކަށް ނޭނގޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. (އަންހެނަކު އުމުރުން) 18 އަހަރު ވުމަށް ފަހު ގާނޫނީ ގޮތުން ވެސް ބޮޑު މީހަކަށްވީ ހިނދު އަމިއްލަ އިހްތިޔާރުގައި ކުރާ ހުއްދަ ކަމަކާ ބެހެން ޖެހޭ ސަބަބެއް ނުވިސްނުން،" ޒައިދު ޓުވީޓް ކުރައްވާފައިވެ އެވެ.

ގާސިމްގެ ގާތް މީހަކު ބުނެފައި ވެއެވެ. "ކޮންމެ ކަމަކާ ދިމާކުރެއްވިއަސް ގާސިމް އުޅުއްވަން ބޭނުންފުޅުވާނީ އެންމެ ކުރީގައި. ގާސިމަކާ ޗެލެންޖެއް ނުކުރެވޭނެ."

އަދިވެސް އޮންލައިންގެ ރާނިޔާގެ ފަރާތުން، ގާސިމާއި އަނބިކަނބަލުން ރާނިޔާ އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި، ބާއްޖަވެރި، އުފާވެރި ހަޔާތެއް މާތްﷲ މިންވަރުކޮށްދެއްވުމަށް އެދި ދުއާކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *