Support Us

މޫނުގައި އާދަޔާ ހިލާފަށް އިސްތަށި ފަޅާ ކުއްޖެއްގެ ވާހަކަ

އިންޑިއާގެ މަދްޔަޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ލަލިތް ޕަތިދާރަކީ ވިހެއުމުގައި ހައިޕަޓްރިކޯސިސް ހުރި ކުއްޖެކެވެ. މި ބައްޔަށް "ވިއަރވުލްފް" ސިންޑްރޯމްއޭވެސް ކިޔައެވެ. ހައިޕަޓްރިކޯސިސް ސަބަބުން އެމީހެއްގެ މޫނާއި، އަތް ނުވަތަ ގައިގައި އާދަޔާ ހިލާފަށް އިސްތަށި ފަޅައެވެ.

ލަލިތް މިހާރު ކިޔަވަމުންދަނީ މަދްޔަޕްރަދޭޝްގެ ސަރުކާރު ސްކޫލެއްގައެވެ.

"އަހަރެން ވިހެއި އިރު މުޅި މޫނުގައި ވަރަށް ގިނަ އިސްތަށި ހުރީމާ އަހަރެން އެހެން ކުދިންނާ ތަފާތު ވަނީ. ބައެއް ފަހަރު ހިތަށްއަރާ، އެހެން ކުދިންނާ ތަފާތު ނޫން ނަމައޭ. އެކަމަކު މިކަމާ ގުޅިގެން އަހަންނަށް މާ ބޮޑު ކަމެއް ކުރެވޭކަށް ނެތް. މިހާރު މިގޮތަށް ހޭނިއްޖެ. މިހާރު އުނދަގުލެއް ނުވޭ މިހިން ހުންނާތީއެއް،" ލަލިތް ބާކްރޮފްޓް ޓީވީއާ ވާހަކަ ދައްކަމުން ބުންޏެވެ.

ލަލިތުގެ މަންމަ ޕަރްވަތިބާ ޕަތިދާރް އަކީ ވަރަށް ބުރަކޮށް ގޭތެރޭގެ މަސައްކަތުގައި އުޅޭ މީހެކެވެ. އެ ގޭގައި ލަލިތުގެ ފަސް ދައްތައިން ލައިގެން މުޅި ޖުމްލަ 14 މީހުން އުޅެއެވެ.

"ލަލިތް ވިހެއިތާ ފުރަތަމަ ބައިގަޑިއިރެއްހާއިރު އަހަރެން ހުރީ ހައިރާންވެފައި އެސޮރުގެ މުޅި ގައިގައި އިސްތަށި ހުރިލެއް ގިނަކަމުން. އަހަރުމެން އެހެންވެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަށް ލަލިތް ދެއްކީމާ އިތުރުވެފައި ހުރި އިސްތަށިތައް ކޮށާލާފައި ބުނީ މިކަމަށް ފަރުވާއެއް ނުވާ ކަމަށް،" ލަލިތުގެ މަންމަ، 42، ބުންޏެވެ.

 

"އަހަރުމެންގެ ތިބީ ފަސް އަންހެން ކުދިން. އެހެންވެ ފައްޅިއަށް ގޮސް ވަރަށް ދުއާކުރިން ފިރިހެން ކުއްޖަކު ދެއްވާތޯ. އަހަރުމެންގެ ދުއާ އިޖާބާވީ ލަލިތް ލިބުނީމާ. އެސޮރަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއް. އެކަމަކު އެއީ އަހަރެމެންނަށް ހާއްސަ ކުއްޖެއް. އެއީ، އަހަރުމެން ވަރަށް ދުއާކުރި ފަހުން ލިބުނު ކުއްޖެއްވީމަ،" ލަލިތުގެ މަންމަ އިތުރަށް ބުންޏެވެ.

ލަލިތުގެ ހާލަތަށް އޭނާ ހޭނިފައި ވީނަމަވެސް ބައެއް ދުވަސް ދުވަހު ލަލިތަށް އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. މިގޮތުން ބައެއް ދުވަސް ދުވަހު އޭނާގެ ފެނުމަށާއި ނޭވާލުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

ލަލިތުގެ ބައްޕައަކީ 45 އަހަރުގެ ދަނޑުވެރިއެކެވެ. އޭނާ ބުނިގޮތުގައި ލަލިތު ކުޑައިރު ބޮޑު ހޮސްޕިޓަލަކަށް ގެންދިޔުމުން މި ބައްޔަށް ފަރުވާއެއް ނުވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ފަރުވާއެއް ފެނުނު ދުވަހަކުން އޭނާއަށް އަންގާނެ ކަމަށް ބުނެފައިވެއެވެ.

ލަލިތުގެ މަދަރުސާއިން ބުނާގޮތުން ލަލިތަކީ ކިޔެވުމަށާއި ކުޅިވަރަށްވެސް މޮޅު ކުއްޖެކެވެ. އަދި ކްލާހުގައި އެހެން ކުދިންގެ ލޯބި ލިބޭ ކުއްޖެކެވެ. ފުރަތަމަ ސްކޫލަށް ވަންއިރު މީހުން ހައިރާންވެގެން އުޅުނު ނަމަވެސް މިހާރު އެންމެންވެސް ލޯބިވާ ކުއްޖެކެވެ.

ލަލިތުގެ އަވަށުގެ މީހުންގެ ލޯބި އޭނާއަށް ލިބުނު ނަމަވެސް، އެހެން އަވަށްތަކުގެ މީހުންގެ އަމަލުތައް ހުންނަނީ ތަފާތުކޮށެވެ. މިގޮތުން ބައެއް ތަންތަނުން މީހުން ލަލިތާ ދިމާލަށް ހުއްޓި ހުރެ ބަލައި، ބައެއް ފަހަރު ގާ އުކައި، ރާމާމަކުނެކޭ ކިޔާ ގޮވާ ހަދައެވެ.

"އެކަމަކު އެކަހަލަ ކަމެއް ވިއްޔާ އަހަރެންގެ އާއިލާ އާއި ރައްޓެހިން އާދޭ އަހަރެންގެ ހިމާޔަތަށް،" ލަލިތު އުފަލާއެކު ބުންޏެވެ.

"ބައެއް ފަހަރު އޮޕަރޭޝަން ކޮށްގެން ހުރިހާ އިސްތައްޓެއް ފިލުވަން ވެސް ބޭނުން. އެންމެންނާވެސް އޭރުން ރަހުމަތްތެރިވެވޭނެ،" ލަލިތުގެ އުންމީދު ކިޔައިދިނެވެ.

ލަލިތުގެ ހާއްސަ ހާލަތާ އެކުވެސް އޭނާ ބޭނުންވަނީ ބޮޑުވެގެން ފުލުހަކަށް ވާށެވެ. އަދި އެ މަސައްކަތުން ލިބޭ ފައިސާއިން އޭނާގެ މަންމައާއި ބައްޕަ ބަލަން ބޭނުންވާ ކަމަށްވެސް ލަލިތު ބުންޏެވެ. އަދި އެއީ އެ ދެ މީހުން މިހާތަނަށް އޭނާއަށް ކޮށްދީފައިވާ ކަންކަމުގެ ސަބަބުން އެމީހުން މުސްކުޅިވާ ދުވަހު އެމީހުންނަށް އުނދަގުލެއް ނެތް ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާތީ ކަމަށްވެސް ލަލިތު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *