މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ބީއެމްއެލްގެ "ބޭންކް ފަންޑު"ގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން، އެފަދަ ފަރާތްތައް މުޖުތަމަޢަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

"އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގައިފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ." ބީއެމްއެލް އިން ބުނެއެވެ.
"ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާ ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާޢީ މަޝްރޫޢުތަކަށް ބޭންކުން އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ."



advertisment

