Support Us

ޑރ. ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އަކީ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއް: އިދިކޮޅު

ޕި.ޕީ.އެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީ ސަރުކާރުން ކުޅޭ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއްކަން ރައްޔިތުންނަށް އެނގޭ ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލީޝަނުން މިހެން ބުނީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ބައްޕާފުޅުގެ ހަނދާނުގައި މަޖީދީމަގުގައި އިމާރާތްކޮށްފައި ހުރި މަސްޖިދުއް ޒިކުރާ އަލުން އިމާރާތް ކުރަން ކުރީގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައިި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް އުފުލައި، ދައުވާކުރަން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅު ކޯލީޝަނުން ބުނީ އެއީ "އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ކަމެއްގައި، އުފަން ކުރުވާފައިވާ މައްސަލައެއް" ކަމަށެވެ.

"ހުރިހާ ގޮތަކުންވެސް ސަރުކާރު ފެއިލްވެ، ހެދޭ ނެހެދޭ ނޭނގޭ ހިސާބަށް ކަންކަން ގޮސް، ރައްޔިތުންގެ ނުރުހުން ސަރުކާރަށް ޢަމާޒުވާން ފެށުމުން، ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މަތި ޖެހުމަށްޓަކައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަޤާމެއް އަދާ ކުރައްވާފައިވާ ކޮންމެވެސް ބޭފުޅަކާ ގުޅުވައިގެން މައްސަލައެއް އުފައްދާ ދައުވާ ކުރުމަށް ފޮނުވުމަކީ މި ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއްކަން ރައްޔިތުން މިއަދު ޤަބޫލުކުރެއެވެ. އެގޮތުން ޑރ. ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީވެސް އެފަދަ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއްކަން ރައްޔިތުންނަށް އެނގެއެވެ." އެ ބަޔާނުގައިވެއެވެ. "މިކަމަކީ ކޮޗިން ފެރީއާއި އިންޑިއާގެ ސިފައިން ރާއްޖޭގެ ސަރަޙައްދުތަކުގައި ޤާއިމުވެ ތިބޭ މައްސަލައިގައި ރައްޔތުންގެ ނުރުހުން ސަރުކާރަށް ޢަމާޒުވެ އަދި ކޯވިޑް މެނޭޖް ނުކުރެވިގެން ޤައުމަށް ކުރިމަތިވަމުން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތެއް ނޭނގުމާއި، ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ވައްކަމާއި ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަތަކުގެ އަޑު ގަދަވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާއި މެދު އިންތިހާއަށް ބޮޑުވެ އެވާހަކަތައް ރައްޔިތުން ދައްކަމުން ގެންދާތީ، ރައްޔިތުންގެ ފޯކަސް އަނބުރާލުމަށް ކުރަމުން ގެންދާ ކަންތައްގަނޑެއްކަން ރައްޔިތުންނަށް މިއަދު އެނގެއެވެ."

އެ ބަޔާނުގައި އިތުރަށް ބުނީ "ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑް ކުރަން ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލާ ހައްޔަރުކުރި ނަމަވެސް، މިކޯލިޝަނުން ރައްޔިތުންގެ ޙައްޤުގައި ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެއްސޭނެ ކަމަށް ސަރުކާރަށް ހީވާނަމަ އެއީ ކުށްހީއެއް" ކަމަށެވެ.

"މި ކޯލިޝަން ލީޑް ކުރަން ތިބި އެންމެން އެއްކޮށް ހައްޔަރުކުރި ނަމަވެސް، މި ކޯލިޝަން ލީޑް ކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ އެތައް ހާސް ރައްޔިތުންނެއް މިކޯލިޝަންގައި ތިބިކަން ސަރުކާރަށް ހަނދާންކޮށްދެމެވެ. އަދި ނުޙައްޤުން ޑރ. ޒިޔާދާއި އަދި އެހެނިހެން ފަރާތްތަކަށް ކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި ވަކި ފަރާތްތަކަށް އަމާޒުކޮށް ކުރަމުންދާ ސިޔާސީ ދައުވާތައް އަނބުރާ ގެނެސް ރައްޔިތުންނަށް ޚިދުމަތެއް ކުރެވޭތޯ މަސައްކަތް ކުރުމަށާއި އިންސާފުގެ ނަމުގައި އަނިޔާވެރިވުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް