Support Us

"އަމާން" ޓަވަރު ސަރަހައްދު މަދިރިން ރައްކާކުރުމަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.

އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން، މިއަދު ހެނދުނު ފެށި މި ހަރަކާތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން، 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ހަރަކާތުގައި އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން ބައިވެރިވިއެވެ.

މަދިރި އަލާވުމާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި، އެފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދުގެ ހަރަކާތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން ވަނީ މައުލޫމާތު ދެއްވައިފައެވެ. އެގޮތުން، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، ކުނި މެނޭޖްކުރުމާއި ފެން ހަރުލާ ފަދަ ތަންތަން ނައްތާލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ، އަލީ ޒުހައިރު ވިދާޅުވީ "މަދިރިން ރައްކާ" ޝިއާރުގެ ދަށުން ހުޅުމާލޭގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް، އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނާތީ ކަމަށެވެ. އަދި މިއަދުގެ ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއެކު އެޗްޑީސީން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެއަކީ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަށް ހެދުމަށް ކަމަށެވެ.

އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، އެ މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަކުރުމަށް ވަނީ ނިންމައިފައެވެ.

ސާފުކުރުމުގެ ހަރަކާތް ނިންމުމަށްފަހު، އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޖޯލިފަތިތަކާއި، ބައްތި ހަރުކުރުމުން، އެއީ އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެއެވެ.

މީގެ ކުރިންވެސް އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އެފްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ އުކާލައިފައެވެ. މިއީ ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުންޏެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނި އުކާލެވިފައިވާއިރު، މޭ އިން ޖޫން 2026 އަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނި ވަނީ އުކާލައިފައެވެ. މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން ޖުމްލަ 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

"މަދިރިން ރައްކާ" ކެމްޕޭނަކީ، ހުޅުމާލޭގައި މަދިރި އާލާވުން ކޮންޓްރޯލުކޮށް، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލުމަށް އެޗްޑީސީން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އެ ހަރަކާތުގެ ދަށުން މީގެ ކުރިން ހުޅުމާލެތެރެ ސާފުކުރުމާއި، ރަށުތެރެ ފޮގްކުރުމުގެ ހަރަކާތްތައް ދެ ފަހަރުމަތިން ކުރިއަށްގެންގޮސްފައިވެއެވެ.

"އެޗްޑީސީގެ އަމާޒަކީ އެންމެން ގުޅިގެން، ހުޅުމާލެއަކީ މަދިރިން ރައްކާތެރިވެފައިވާ ސާފުތާހިރު އަދި ހިތްފަސޭހަ މުޖުތަމައުއަކަށް ހެދުމެވެ." އެޗްޑީސީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *