މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ޝިޕިން އޭޖެންޓުންނާއި އެއަރލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިން ވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ޚިޔާލުތަކެއް ހިއްސާކުރައްވައިފައެވެ.

މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާ ގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއްގެ ގޮތަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފައިފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށް ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.



advertisment

