Support Us

މަރުވި ސިފައިންގެ ޢަދަދު ޕެންޓަގަނުން ފޮރުވަނީ!

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މަރުވި، އެމެރިކާ ސިފައިންގެ ޢަދަދާ މެދު ޕެންޓަގަނުން ހަދަނީ ބުހުތާނު ދޮގެވެ. އެމެރިކާ ސަރުކާރުން ބުނަނީ އީރާން ހަނގުރާމައިގައި މަރުވީ ގާތްގަނޑަކަށް 15 ސިފައިން ކަމަށެވެ. އެންމެ 15 އެވެ. އެއީ އެމެރިކާގެ އާންމު ރައްޔިތުންގެ ހަނދާނުގައި ބަހައްޓަން އެމެރިކާއިން ބޭނުންވާ ޢަދަދެވެ. އެކަމަކު މިއޮތީ ހިސާބުން އަސްލު ދައްކާ ޢަދަދެވެ. މި އަހަރުގެ އޭޕްރީލް މަހު އީރާނާއި، އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިއިރު، ޕެންޓަގަންގެ އެތެރޭގެ ހިސާބުތަކުގައި އެމެރިކާގެ 385 މީހަކު މަރުވެފައިވާ ކަމަށް ނުވަތަ ޒަޚަމްވެފައިވާ ކަމަށް ލިސްޓްކޮށްފައިވެއެވެ. ހަނގުރާމަ ހުއްޓާލާފައި އޮތް ކަމަށް ބުނާ ދުވަސްވަރު އެ ޢަދަދު 428 އަށް އެރިއެވެ. ދެން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ނެތި، އެއްވެސް ތަފްޞީލެއް ނުދީ، އަދި ރަސްމީ ބަޔާނެއްވެސް ނުނެރި، ޕެންޓަގަނުން އެ ލިސްޓުން 15 ނަން ކެނޑިއެވެ. އަދި ޖުމްލަ ޢަދަދު 413 އަށް ދަށްކުރިއެވެ. ގަސްތުގައި ބަޔަކު ޢަދަދުތައް ބަދަލުނުކުރާނަމަ، ހަނގުރާމައެއްގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދުތައް ދަށަކަށް ނުދާނެއެވެ.

އެމެރިކާގެ އެންމެ އިޙުތިރާމް ލިބިގެންވާ އެއް ތަޙުޤީޤީ އައުޓްލެޓް ކަމަށްވާ "ދަ އިންޓަސެޕްޓުން" ވަނީ ސިހުން ގެނުވާނޭ ތަޙުޤީޤު ރިޕޯޓެއް ޝާއިޢުކޮށްފައެވެ. އެރިޕޯޓުގެ ނިންމުމުގައިވާ ގޮތުން، މި ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތީގައި، އެމެރިކާގެ ގާތްގަނޑަކަށް 750 ސިފައިން ވަނީ މަރުވެފައެވެ. ނުވަތަ ޒަޚަމްވެފައިވެއެވެ. މަރުވީ 15 މީހުންނެއް ނޫނެވެ. ޒަޚަމްވީ 300 އެއްވެސް ނޫނެވެ. ޖުމްލަ 750 މީހުން ވަނީ މަރުވެފައެވެ. އެކަމަކު، ޕެންޓަގަނުން އެކަން ކަށަވަރު ކޮށެއް ނުދޭނެއެވެ. އިންޓަސެޕްޓާ ވާހަކަ ދެއްކި ދިފާޢީ އޮފިޝަލަކު، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތެރޭގައި ހިނގަމުންދާ ކަންތައްތައް ސިފަކުރުމަށް ތިން ލަފުޒު ބޭނުންކުރިއެވެ. އެންމެ ތިން ލަފުޒެވެ. "ކެޝުއަލްޓީ ކަވަރ އަޕް" އާދެ، މަރުވާ ނުވަތަ ޒަޚަމްވާ މީހުންގެ ޢަދަދުތައް ފޮރުވަނީއެވެ. އެއީ އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއްގެ ބަސްތަކެއް ނޫނެވެ. އެއީ އެމެރިކާގެ ދިފާޢީ އޮފިޝަލަކު ބުނި ބަސްތަކެކެވެ. ދެން އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޢަސްކަރިއްޔާއިން އެމީހުންނަށް ލިބޭ ގެއްލުންތައް ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބު އަހުރެމެންނަށް ބުނެދެނީ ތާރީޚެވެ.

ވިއެޓްނާމް ހަނގުރާމައިގައި، ޕެންޓަގަންގެ ކަރުދާސްތަކުން ހާމަވި ގޮތުގައި ޖޯންސަންގެ ވެރިކަމުގައި ހަނގުރާމައިގެ މައިދާނުގެ ޙަޤީޤަތާ ބެހޭގޮތުން ކޮންގްރެސްއަށާއި، އެމެރިކާގެ އާންމުންނަށް ގަސްތުގައި އޮޅުވާލައި، ގެއްލުންތައް ކުޑަކޮށް، ދުޝްމަނުންގެ މަރުގެ ޢަދަދު އިތުރުކޮށްފައިވެއެވެ. އޭގެއިތުރުން އެމެރިކާގެ އެތައްހާސް ސިފައިން މަރުވަމުން ދިޔައިރު، ކާމިޔާބީގެ ދޮގު ތަސްވީރެއް ހުށަހަޅައިދިނެވެ. ޙަޤީޤަތް ފަޅާއެރި ހިސާބުން ހަނގުރާމައާ ދެކޮޅު ޙަރަކާތް ފެށިގެން ދިޔައެވެ. ސަރުކާރަށް އާންމުން ކުރި ތާއީދު ގެއްލިގެން ދިޔައެވެ. ހަނގުރާމަ ނިމުނީ ބޮޑު ލަދެއްގައި ބެދިގެންނެވެ. އެ ފިލާވަޅުގެ މަތިން ވޮޝިންޓަން ހަނދާނެއް ނުނެތެއެވެ. އީރާން ހަނގުރާމަ ކަވަރުކުރާ މުޙައްލިލުން ވަނީ އެކަން ސާފުކޮށް ބަޔާންކޮށްދީއެވެ. ހަނގުރާމައިގައި މަރުވާ މީހުންގެ ޢަދަދުތައް މަތިވެއްޖެނަމަ، އެމެރިކާގެ އާންމު ރައްޔިތުންގެ ތެރޭގައި ވަގުތުން ހަނގުރާމައާ ދެކޮޅު ބޮޑު އިޙުތިޖާޖެއް އުފެދިގެން ހިނގައި ދާނެއެވެ. އަދި ހަނގުރާމަ ކުރިއަށް ގެންދަންވީތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދައި، ޚުދު ރިޕަބްލިކަން ޕާޓީވެސް ބައިބައިވެގެން ހިނގައިދާނެއެވެ. މަރުވާ މީހުންގެ ޢަދަދުތައް މަތިވުމުގެ ބަދަލުގައި ދަށްވަނީ އެހެންވެގެންނެވެ.

ނިއުޔޯކްގެ އާމީ ނޭޝަނަލް ގާޑުގެ ސިގްނަލްސް އޮފިސަރެއް ކަމަށްވާ މޭޖަރ ސޮރފްލީ ޑެވިއަސް ކިޔާ މީހަކު "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެހީތެރިވުމަށް ކުވައިތަށް ފުރުވާލިއެވެ. ޚިދުމަތުގައި އުޅެނިކޮށް މި އަހަރު މާރިޗު ހައެއްގައި އޭނާ މަރުވިއެވެ. އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން އޭނާގެ ޖަނާޒާގައި ބައިވެރިވެ، އެންމެފަހުގެ އިޙުތިރާމް އަދާކުރިއެވެ. އެކަމަކު، ޕެންޓަގަންގެ ރަސްމީ "ކެޝުއަލްޓީ ޑޭޓާބޭސް" ގައި އޭނާގެ ނަމެއް ނެތެވެ. އެއީ ހަމައެކަނި ޢަދަދުތަކެއް ފޮރުވުމެއް ނޫނެވެ. އެއީ އިންސާނުންތަކެއް ގެއްލުވައިލުމެވެ. ދެން މިއޮތީ އެ ޢަދަދުތައް ފޮރުވަން ޕެންޓަގަނުން އެހާބޮޑަށް ކެތްމަދުވެފައި ތިބި ސަބަބެވެ. ޢަދަދުތަކަކީ ވާހަކައިގެ ދެބައިކުޅަ އެއްބައެވެ. އަނެއް ބަޔަކީ މިއީއެވެ.

މެދުއިރުމަތީގެ ހުރިހާ ހިސާބެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް، އީރާނުގެ ޙަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ސިފައިން ވަނީ އެތަންތަނަށް ދިއުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ ޢަސްކަރީ އޮފިޝަލުންނާ ޙަވާލާދީ ނިއުޔޯކް ޓައިމްސްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ 13 ޢަސްކަރީ މަރުކަޒެއް ވަނީ ގާތްގަނޑަކަށް މީހުންނަށް ދިރިނުއުޅެވޭ ވަރުވެގެން ދޫކޮށްލާފައެވެ. އީރާނުގެ މިސައިލްތަކުން ހަމައެކަނި ޢިމާރާތްތަކަށް ގެއްލުން ދިނީކީއެއް ނޫނެވެ. އީރާނުން ވަނީ ރާޑަރު ނިޒާމުތަކާއި، ކޮމިއުނިކޭޝަން ވަޞީލަތްތަކާއި، ކޮމާންޑް ސެންޓަރުތަކާއި، ސިފައިން ދިރިއުޅޭ ތަންތަން ނައްތާލާފައެވެ. ބައެއް ފަހަރު އެއް މަރުކަޒަކަށް އެތައް ފަހަރަކު ޙަމަލާދިނެވެ. އެހެންވީމާ އެ ހުރިހާ ސިފައިން ގެންދިޔައީ ކޮންތާކަށް ހެއްޔެވެ؟ ހޮޓާތަކާއި، އޮފީސް ޢިމާރާތްތަކާއި، ވަގުތީ ހިޔާތަކަށެވެ. މި ހަނގުރާމަ ފެށުނުއިރު މެދުއިރުމަތީގައި، އެމެރިކާގެ 40،000 ސިފައިން ޙަރަކާތްތެރިވިއެވެ. އޭގެ ތެރެއިން އެތައްހާސް ސިފައިން މިއަދު ޚަލީޖުގެ ސަހަރުތަކުގެ ހޮޓާހޮޓަލުގެ ކޮޓަރިތަކުގައި މާދުރުގައި ތިބެގެން ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގަމުން އެދަނީ އެމީހުންގެ ޢަސްކަރީ މަރުކަޒުތަކަށް އެނބުރި ދިއުމުގެ ނުރައްކާތެރިކަން ބޮޑު ކަމުންނެވެ. އެމެރިކާއިން ބައެއް ސިފައިން ވިލާތުގެ ޤައުމުތަކަށްވެސް ބަދަލުކުރިއެވެ. ސީ.އެން.އެންގެ ތަޙުޤީޤަކުން އެކަމުގެ ބޮޑުމިން ވަނީ ކަށަވަރު ކޮށްދީފައިވެއެވެ. މެދުއިރުމަތީގެ އަށް ޤައުމެއްގައި ހުރި އެމެރިކާގެ ޢަސްކަރީ 16 އިންސްޓޯލޭޝަނަކަށް ގެއްލުން ލިބިފައިވެއެވެ. މުޅި މެދުއިރުމަތީގައި އެމެރިކާގެ ފުޓްޕްރިންޓްގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. އެމެރިކާގެ މަސްދަރަކުން ސީ.އެން.އެން އާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. "މީގެ ކުރިން މިފަދަ ކަމެއް ނުދެކެން. މިއީ ޒަމާނީ ފަންނިއްޔާތާއެކު އަމާޒަށް ދިން އަވަސް ޙަމަލާތަކެއް."

ދެން އޮތީ މަތިންދާބޯޓު އުފުލާ މަނަވަރު، "ދަ ޔޫ.އެސް.އެސް ޖެރަލްޑް އާރު ފޯޑް" އެވެ. ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރެވެ. އެ މަނަވަރުގައި 5000 ސިފައިންނާއި، ހަނގުރާމަމަތީ 75 މަތިންދާބޯޓު ވެއެވެ. އެއީ އެމެރިކާގެ ކަނޑުގެ ބާރުގެ ފްލެގްޝިޕެވެ. ރަތް ކަނޑަށް އަތްގަދަކުރުމަށް އެ މަނަވަރު ފޮނުވާލިއެވެ. މަނަވަރުގައި އަލިފާން ރޯވިއެވެ. ޕެންޓަގަނުން ބުނަނީ ލޯންޑްރީގައި އެކްސިޑެންޓެއް ހިނގީ ކަމަށެވެ.  އޭގެ 200 ސިފައިންނަށް ދުމުގެ ސަބަބުން ހާނިއްކަވެގެން ފަރުވާދިނެވެ. އަދި 600 އަށް ވުރެ ގިނަ ސިފައިން ނިދަން ބޭނުންކުރާ ބައިތައް ހަލާކުވިއެވެ. ރޯވި އަލިފާންގަނޑު ނިއްވާލަން އެތައް ގަޑިއެއް ހޭދަވިއެވެ. އަދި އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ އެޑްމިރަލްއަކު ފަހުން އިޢުތިރާފުވި ގޮތުގައި، އެ މަނަވަރުން ދެ ދުވަސް ވަންދެން އެއްވެސް ޙަމަލާއެއް ދީފައި ނުވެއެވެ. އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ފްލެގްޝިޕް އެންމެފަހުން ހަނގުރާމައިގެ މެދުތެރޭގައި ގްރައުންޑްވީއެވެ. އަދި އެ ބިޔަ މަނަވަރު ހަނގުރާމައިގެ މައިދާނުން މަޑުމަޑުން އެއްކޮށް ބޭރުކޮށް، މަރާމާތު ކުރުމަށްޓަކާ ޔޫނާނުގެ ކްރީޓަށް އެހެލީއެވެ. ޖުމްލަ 13 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އުފެއްދި ދުނިޔޭގެ އެންމެ ބޮޑު އެއަރކްރާފްޓް ކެރިއަރު، ކާމިޔާބުވެފައިވާ ކަމަށް ޓުރަމްޕު ބުނާ ހަނގުރާމައެއްގެ މެދުތެރޭގައި ކޮރުޖަހަމުން މައިދާން ދޫކޮށް އެންމެފަހުން ދިޔައީއެވެ.

މި ހަނގުރާމައިގެ ފުރަތަމަ ދެ ހަފްތާގައި އެކަނިވެސް އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް 800 މިލިއަން ޑޮލަރުގެ ގެއްލުންލިބުނެވެ. ހަނގުރާމައިގެ ޖުމްލަ ބިލް ވަނީ 25 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި އެ ޢަދަދުގެ ތެރޭގައި ހަލާކުވި ޢަސްކަރީ މަރުކަޒުތައް މަރާމާތު ކުރުމުގެ ޚަރަދު ނުހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *