Support Us

އިންޑިއާގެ ފެރީ އާގުބޯޓުން ކުޅުދުއްފުއްޓަށް ބޭލީ ދެ ކޮންޓޭނަރާއި 500 ޖަމްބޯ ބޭގުގެ ސިމެންތި

ދެވަނަ ދަތުރަށް ވަރަށް ޑިމާންޑް އެބައޮތް، ބުކިންސް ހަދާށާއި މައުލޫމާތު ސާފުކުރުމަށް ގިނަ ބަޔަކު އެބަގުޅާ: އޮފިޝަލް

އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ ދަތުރުތައް ފެށުމުގެ ގޮތުން އައި 3000 ޓަނުގެ އާގުބޯޓުން ދެ ކޮންޓެއިނަރުގެ މުދަލާއި 500 ޖަމްބޯ ބޭގުގެ ސިމެންތި ކުޅުދުއްފުއްޓަށް ބާލައިފިއެވެ.

ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) ގެ ފަރާތުން އޮޕަރޭޓްކުރާ އާގުބޯޓު އެމް.ސީ.ޕީ ލިންޒް ކުޅުދުއްފުއްޓަށް ބަނދަރުކުރީ މިއަދު ހެނދުނުއެވެ. ކުޅުދުއްފުއްޓަށް ބޭލި ދެ ކޮންޓެއިރުގައި ހިމެނެނީ އަންނައުނާއި ކާބޯތަކެއްޗާއި ބަދިގެ ސާމާނާއި މެޝިނަރީ ޓޫލް ފަދަ ތަކެތި ކަމަށް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ދެވަނަ ދަތުރަށް ވަރަށް ޑިމާންޑް އެބައޮތް. ބުކިންސް ހަދާށާއި މައުލޫމާތު ސާފުކުރުމަށް ގިނަ ބަޔަކު އެބަގުޅާ،" އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލެއް ބުންޏެވެ.

މި އާގުބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވާޗުއަލް ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަދި ކުޅުދުއްފުށީގެ ކައުންސިލްގެ މެމްބަރުންގެ އިތުރުން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.

މީގެ ފަސް ދުވަސް ކުރިން ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި ކާގޯ ފެރީގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިން މަންސުޚް އެލް. މަންޑަވިޔާ އާއި މިނިސްޓަރ ނަހުލާއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެސް.ސީ.އައި އިން އޮޕަރޭޓް ކުރާ ފުރަތަމަ ފެރީ ސާވިސްއެވެ.

"މި ފެރީ ސާވިސްގެ ސަބަބުން ދެގައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ތަކެތީގެ އަގު ހެޔޮ ވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ." ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. "އެސް.ސީ.އައި އިން އޮޕަރޭޓްކުރާ ކާގޯ ފެރީ އިންޑިއާގެ ޓުޓިކުރިން އަދި ކޮޗިންގެ ބަނދަރުތަކާއި ކުޅުދުއްފުށި އަދި މާލޭ ބަނދަރުތަކާ ގުޅުވައިދެއެވެ."

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ކާގޯ ފެރީ ސާވިސްގެ އަމާޒަކީ ދެގައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމެވެ. އަދި މި ކާގޯ ފެރީ ސާވިސްގެ ސަބަބުން ދިވެހި އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެއެވެ.

"މި ކާގޯ ފެރީ ސާވިސްއަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މާކެޓްތައް ގުޅުވާ، ދެގައުމުގެ ވިޔަފާރި އަދި އިންވެސްޓްމެންޓް ކުރުމުގެ ޕޮޓެންޝަލް އިތުރުކޮށް، ގުޅުން ބަދަހި ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮމިޓްމެންޓެކެވެ. އަދި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' އަދި ރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ނަތީޖާއެވެ."

ކުޅުދުއްފުއްޓަށް ފަހު މި އާގުބޯޓު މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް