އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އައިއެންއެސް ސުނޭނާ ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 27 އިން އަންނަ މަހުގެ 4އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ.
މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގާ ޕެޓްރޯލެއް ކަމަށާއި މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް ސުނޭނާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 4 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



advertisment