Support Us

މަލިކު ސްކޫލް ހުޅުވުމާ ބެހޭ ޚާއްސަ ބަޔާން "މަލިކު ދިވެހި ބަހުން"

ކޮވިޑަށް ބަންދުކުރުމަށްފަހު މަލިކުގެ ސީނިއަރ ސެކަންޑަރީ ސްކޫލްގެ ގްރޭޑް 6ން 12ގެ ކްލާސްތަކުގެ ކިޔެވުން އަލުން ފެށުމާ ބެހޭގޮތުން ޚާއްސަ ބަޔާނެއް ދިވެހި ބަހުން ވަނީ ނެރެފައެވެ. އެ ބަޔާނުގައި، ދަރިވަރުން ކަންތައް ކުރަންވީ ގޮތާއި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަން ވަރަށް ތަފްސީލްކޮށް ވަނީ ކިޔައިދީފައެވެ.

ދިވެހި ބަހުން ދީފައިވާ މި ބަޔާން މީސްމީޑިއާގައި ދިވެހިންގެ ތެރޭގައި ވެސް ވަރަށް ފޯރީގައި ދަނީ ޝެއަރކުރަމުންނެވެ. އެ ބަޔާނުގައި ދިވެހި ބަސް ބޭނުންކޮށްފައިވާ ތަފާތު ގޮތްތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މަލިކު ސީނިއަރ ސެކަންޑްރީ ސްކޫލްގެ ޕްރިންސިޕަލްގެ ފަރާތުން ނެރެފައިވާ މި ބަޔާން ތައްޔާރުކޮށްފައި ވަނީ ވީޑިއޯއާއެކުއެވެ. މި ބަޔާން ފެށުމުގެ ގޮތުން އަރުވާފައި އޮންނަނީ "އިސްކޯޅު ނިގުޅަނީ" ކަމަށެވެ. މާނައަކީ އަލުން ހުޅުވަނީ ކަމަށެވެ.

"ސަރްކާރީ ޖޫނިއެރު ބޭސިކް އިސްކޯޅު މަލިކު"ގެ ނަން ބޯޑުގެ ފޮޓޯއެއް ވެސް މި ވީޑިއޯގައި ދައްކައެވެ.

މި ބަޔާނުގައި ބޭނުންކޮށްފައިވާ ތަފާތު ބައެއް ބަސްތައް ތިރީގައި މިވަނީއެވެ.

    • އަމުރުގެ ގޮތް މަތިން (އަމުރާ އެއްގޮތަށް)
    • ހުކުރު ފިޔަވައި އަބަދު ހެނދުން ބުރީގައި އެކަނި (ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހުނދުނު ދަންފަޅި އެކަނި)
    • ހުކުރު ފިޔަވައި އަބަދު މެންދުރު ބުރީގައި އެކަނި (ހުކުރު ފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު ދަންފަޅި އެކަނި)
    • ސްކޫލަށް ދަމުން ހުރިހައި ކުދިން ކަރަވަރަށް މާސްކް އަޅަންވާނެއެވެ. (ސްކޫލަށް ދަމުން ހުރިހައި ކުދިން ވެސް މާސްކް އަޅަންޖެހޭނެކަން ހަނދާންކުރާށެވެ.)
    • މައިބަފައިން މިކަމަށް ހާއްސަ އެހީ ދޭންވާނެއެވެ. (މައިންބަފައިން މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.)
    • ބޯނެ ފެންފުޅިއެއްވެސް ނަގަންވާނެއެވެ. (ބޯނެ ފެންފުޅިއެއް ގެންދަންވާނެއެވެ.)
    • … ބަލައި ވިސްނަން ކެރޭނެއެވެ. (ބަލައި ސަމާލުކަން ދޭންވާނެއެވެ.)


މަލިކުގެ ދިވެހި ބަސް

"މަލިކުގެ ދިވެހި ބަހަށް" ބަލާލާއިރު އެ މީހުންގެ ދިވެހި ބަހާއި ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ވާހަކަ ދައްކާ އުޅޭ ބަސްތަކާއި ބަހުރުވަތަކާއި ތަފާތެވެ. ބައެއް އަކުރުތަކުގެ އަޑާއި ފިލިތައް ކިޔާ ގޮތެވެ. މިސާލަކަށް ލާމުގެ އަޑެވެ. ހީވަނީ ލާމުގެ އަޑާއި ޅަވިޔަނީގެ އަޑުގެ ދެމެދުން ކިިޔާހެނެވެ. އަލިފުގެ ސުކުން ކިޔާ ގޮތެވެ. އާންމު ދިވެހި ބަހުގައި ހުއްޓުން އަރުވާފައި، ޖެހިގެން އޮންނަ އަކުރު ދެފަށްވާ ގޮތަަށް ކިޔުމުގެ ބަދަލުގައި، ވަރަށް ކުޑަ ގޮތެއްގައި ސުކުނުގެ ވަޒީފާ އަދާކުރެވި، ސުކުނެއް ނެތްފަދަ ގޮތެއްގައި އޭގެ ކުރީގެ އަކުރާއި އޭގެ ފަހުން އޮންނަ އަކުރު ގުޅުވާލާހެން ހީވެއެވެ. އަދި މިފަދައިން ވާހަކަ ދައްކާއިރު، ރާއްޖޭގެ ދިވެހި ބަހުގެ އަހުލުވެރިިޔަކަށް ހީވަނީ އަލަށް ދިވެހި ބަސް ދަސްކޮށްގެން އުޅޭ މީހެއްގެ ވާހަަކަ ހެންނެވެ. ފަހަރެއްގައި އަޅުގަނޑުމެންގެ ކަންފަތްތައް މަލިކު ބަހާ ނުވަތަ ބަހުރުވައާ މާ ބޮޑަށް ބީރައްޓެހިވިމާ ހީވާ ގޮތަކަށްވެދާނެއެވެ.

މަލިކުގައި ވާހަކަ ދައްކަނީ އެމީހުންގެ އަމިއްލަ މަހަލްބަހުންނެވެ. ދިވެހިރާއްޖޭގައި ވާހަކަ ދައްކަނީ ދިވެހިންގެ އަމިއްލަ ދިވެހިބަހުންނެވެ. ދެ ބަސް ވަރަށް އެއްގޮތެވެ.

ކޮންމެ އަކަސް ދިވެހި ބަސްތަކާއި ބަހުރުވަތައް ވެސް އިލްމީ ސިފައެއްގައި ދިރާސާކުރަން ޖެހޭކަން މިވަގުތު ހަނދާންކޮށްލަމެވެ. ރާއްޖޭގެ ޔުނިވަރސިޓީތަކުގައްޔާއި މަތީ ތައުލީމުދޭ ކޮލެޖުތަކުގައި މިކަން ކުރުމުގެ ޝައުގު ހުންނަ ދަރިވަރުން އުޅޭނޭ ކަމަށް އުއްމީދުކުރަމެވެ.

ތާރީޚީ ގޮތުން މަލިކު

ތާރީޚި ލިއުންތަކުން ފެންނަން ހުރި ގޮތުގައި މަލިކަކީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި، މީގެ 900 އަހަރު ކުރިން އޮތް ކަމަށްވެއެެވެ. އެއީ 1153ގައި ރާއްޖެ އިސްލާމްވުމުގެ ވެސް ކުރިންނެވެ. އިސްކަންދަރު ރަސްގެފާނު (1648-1687)ގެ ރަސްކަމުގައި މަލިިކުވެސް އޮތީ ރާއްޖޭގެ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އިސްކަންދަރު ރަސްގެފާނު ވަނީ މަލިކުން އައްޑުއަށް (މަލިކައްޑޫގެ) ވެރިކަން ކުރައްވައިފައެވެ.

 

ވޭތުވެދިޔަ 800 އަހަރަށްވުރެ ގިނަ ޒަމާންތަކުގައި ދިވެހިރާއްޖެއަކީ ތިލަދުންމަތިން އައްޑުއަށް (ކެލައައްޑޫ) އެވެ.
ވީމާ، ދިވެހިންގެ އަސްލާއި ނަސްލު، ބަހާއި ދީނާއި ސަގާފަތާއި އާދަކާދައިގެ ގޮތުން އެއްގޮތް ކަމުގައިވިޔަސް މަލިކަކީ "ކައިރި ނަމަވެސް ދުރުގައިވާ މަލިކު" ކަމުގައި ބުނެއުޅެތެވެ.

މިހާރުގެ އިންޑިޔާގެ ރަށަކަށް މަލިކު ބަދަލުވީ އިންޑިޔާ 1947 ގަައި މިނިވަންވުމަށްފަހުއެވެ. އިނގިރޭސީން އިންޑިއަން ސަބްކޮންޓިނެންޓް އިސްތިއުމާރުކުރިއިރު މިހާރުގެ އިންޑިޔާއޭ މިކިޔާ ސަރަހައްދުގައި އޮތީ ތަފާތު އެކިއެކި ގައުމުތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *