Support Us

އައިޝްމާ – ދިވެހި އަދަބީ އުދަރެހުން ވިދާ ތަރިއެއް

އަދަބީ ދުނިޔެއިން ނަންފުޅު ވިދާ "އައިޝްމާ" ނުވަތަ ޢައިޝަތު ޙުސައިން މަނިކަކީ ނުހަނު އިޚްލާޞްތެރިކަމާ އެކު ގައުމީ ޚިދުމަތުގައި ދެމިހުންނެވި، ފާހަގަކޮށްލެވޭ ފަންނުވެރި އަދީބާއެކެވެ. އޭނާއަކީ ލިޔުންތެރިއެކެވެ. ޅެންވެރިއެވެ. ކިޔަވައިދެއްވާ މުދައްރިސެކެވެ. އިޖުތުމާޢީ ޚިދުމަތްތެރިއެކެވެ. އެކި ރޮނގުތަކުން ގައުމަށް ޚިދުމަތްކުރައްވާ އިޚްލާޞްތެރި އަންހެން ބޭފުޅެކެވެ. އައިޝްމާގެ އަދަބީ ޙަޔާތަކީ ތަޢުލީމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ފެންނަ ރީތި ނަމޫނާއެކެވެ. ފުރިހަމަ މިސާލެކެވެ.

ޢައިޝަތު ޙުސައިން މަނިކަކީ ދިވެހިބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ދިވެހިބަހުގެ ޑިގްރީއާއި، ޕޯސްޓް ގްރެޖުއޭޓް ޓީޗިން ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ތަޢުލީމީ ގޮތުން ޤާބިލް ޝަޚްޞިއްޔަތެއް ވެސް މެއެވެ. އޭނާގެ ބަސްމޮށުންތެރިކަން ހަމައެކަނި ދިވެހިބަހަށް ހަނިވެފައެއް ނުވެއެވެ. ޢަރަބި، އިނގިރޭސި، އުރުދޫ، ޗައިނީޒް އަދި ޖަޕަނީޒް ބަސް ދެނެވަޑައިގަތުމަކީ އޭނާގެ އަދަބީ މަސައްކަތްތަކަށް ލިބިފައިވާ މުއްސަނދިކަމެކެވެ.

ލިޔުންތެރިކަމުގެ ދާއިރާއަށް ބަލާ އިރު، އައިޝްމާ ވަނީ ފާހަގަކުރެވޭ ފަދަ ގިނަ ފޮތްތަކެއް ލިޔުއްވައި ނެރުއްވައިފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފޮތްތަކުގެ ނަންނަތައް ތިރީގައި މިވަނީއެވެ.

1. ޅެމުގެ މައުވަށި

2. ޅެމުގެ މައުވަށީގެ ސުވާލާއި ޖަވާބު ފޮތް.

3. ޅެމުގެ މައުބޮނޑި

4. "ޅެމުގެ މައުވަށި"ގެ އިނގިރޭސި ތަރުޖަމާ.

5. ލޯބީގެ ދާސްތާން 1 (ކުރުވާހަކަ)

6. ލޯބީގެ ޖަޒުބާތު 2 (ކުރުވާހަކަ)

7. އަދަބީ ބަހުގެ މައްޗަށް އެކުލަވާލެވިފައިވާ "އަދަބީ އަޒްހާރު".

މީގެ އިތުރުން، ދިވެހިބަހުން މަދަހަ، މަޒުމޫނު، ދީނީ މަޒުމޫނު، ދީނީ ޅެމާއި ކުރުވާހަކަ ލިޔުއްވުމުގައި އޭނާ ދައްކަވައިފައިވަނީ އާދަޔާޚިލާފު ހުނަރުވެރިކަމެކެވެ.

އަދަބީ އުފެއްދުންތަކުގެ އިތުރުން، އޭނާއަކީ "ހަވީރު" ނޫހާއި "މިއަދު" ނޫހަށް ލިޔުއްވި ލިޔުންތެރިއެކެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީ ޕްރޮގްރާމްތަކުގައި ބަހާއި އަދަބިއްޔާތުގެ މަޢުލޫމާތު ހިލޭސާބަހަށް ފޯރުކޮށްދެއްވައެވެ. ގައުމީ ފެންވަރުގައި އޭނާ ކުރެއްވި އެންމެ ބޮޑު އެއް ޚިދުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ގާނޫނު ހެދުމުގެ ދާއިރާއިން ޚިދުމަތް ކުރެއްވުމެވެ.

އަދަބިއްޔާތާއި އިޖުތިމާޢީ ދާއިރާއިން އައިޝަތު ޙުސައިން މަނިކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެވި، ޝަރަފުވެރި އެވޯޑުތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި އަދަބުގެ ދާއިރާއިން ވިމެން ކެރިޔަރ އިންޓަރނޭޝަނަލް އެވޯޑާއި، އަންހެނުންގެ ޚިދުމަތުގެ އަގުވަޒަންކޮށްމިނިސްޓްރީ އޮފް ޖެންޑާއިން ދެއްވާ ރެހެންދި އެވޯޑާއި ހެންވޭރު އަންހެނުންގެ ކޮމިޓީގައި 13 އަހަރު ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދެއްވި ޚާއްޞަ އެވޯޑު ފާހަގަކުރެވެއެވެ. މީގެއިތުރަށް، އެކާވީސް ފަހަރެއްގެ މަތީން ގައުމީ އެކިއެކި އަދަބީ މުބާރާތްތަކުން ހާސިލްކުރައްވައިފައިވާ މަތީ ވަނަތައް ހިމެނެއެވެ.

ހަގީގަތަށް ބުރަވެ، ދަންނަވާ ނަމަ ދެންނެވޭނީ ޢައިޝަތު ޙުސައިން މަނިކަކީ ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރާ ކޮންމެ ދަރިވަރަކަށާއި ޒުވާނަކަށް ހުރި ނަމޫނާއެއް ކަމުގައެވެ. އޭނާގެ މަސައްކަތްތަކަކީ ދިވެހި އަދަބީ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ އަގުހުރި ޚިދުމަތްތަކެކެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުން ޢައިޝަތު ޙުސައިން މަނިކު ބަހާއި އަދަބުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް އަމިއްލަފުޅަށް ކުރިމަތިލައްވާތާ އެތައް އަހަރެއް ވެއްޖެއެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އިނާމުގެ ލިސްޓުން މަހުރޫމްވަނީއެވެ. މީހެއްގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭނީ ކިހައިވަރަކަށް ޚިދުމަތްކުޅައުމުން ބާވައޭ ހިތަށް އަރައެވެ. ހިތްވަރު ދިނުމުގެ އިނާމަކީ އެކިއެކި މަސައްކަތްތަކުގެ ދާއިރާތަކުން ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމުހޫރިއްރާ ދެއްވާ ރިޔާސީ އިނާމެކެވެ. އެ އިނާމު އެކި ފަހަރު އެކިއެކި ފެންވަރުގެ ޚިދުމަތްތަކުގެ ވެރީންނަށް ދެއްވައިފައި އެބަ ހުއްޓެވެ.

އަޅުގަނޑު ހިތުން ބަހާއި އަދަބުގެ ދާއިރާއިން ޢައިޝަތު ޙުސައިން މަނިކަށް ހިތްވަރު ދިނުމުގެ އިނާމު ހައްގުވާ މިންވަރަށް އޭނާ އަދަބީ ޚިދުމަތް އެބަ ކުރައްވައެވެ. ހިތްވަރު ދިނުމުގެ އިނާމް ބޭނުންފުޅުވެގެން އޭނާ އެ ކަމާ އުޅުއްވާތާ އެތައް ދުވަހަކެވެ. އޮންނަ ހަމައާއި ގަވާއިދުގެ ތެރެއިން ރީތިކޮށް އޭނާ ކަންކުރައްވާތީ ލިބިވަޑައިނުގަންނަވަނީ ތޯއްޗެކެވެ.

އަޅުގަނޑު ޢައިޝާ ވަރަށް ރަނގަޅަށް ދަންނަވަމެވެ. އަދަބީ ޚިދުމަތް ކުރިއަރުވާން އޭނާ ކުރައްވާ މަސައްކަތާއި އެ ކަންކަމުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވާ މިންވަރު އަޅުގަނޑަށް އެނގެއެވެ. ޢައިޝާއަކީ ވަރަށް ހިތްވަރު ގަދަ ބޭފުޅެކޭ ދަންނަވާ ހިތްވެއެވެ. ގައުމީ އިހުތިފާލްތަކާއި ބައިނަލްއަގުވާމީ އެކިއެކި މަހާސިންތާތަކާއި ސެމިނާރުތަކުގައި ޢައިޝާ އަޅުގަނޑާ އެކު ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ފަދަ ތަންތާނގައި އޭނާގެ އަދަބީ އުފެއްދުންތައް ހުށަހަޅުއްވައި އޭގެ މައްޗަށް އޭނާ ވާހަކަދައްކަވައިފައި އެބަ ހުއްޓެވެ. ކޮޅުނބުގައި ތިބި ދިވެހި ދަރިވަރުން ބަހާއި އަދަބަށް ހޭލައްވައި އަހުލުވެރިކުރުމުގެ މަގުސަދުގައި ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ތިންފަހަރު ކުރި ޒިޔާރަތުގައި ވެސް ޢައިޝާ ބައިވެރިވެވަޑައިގެން އޭނާގެ ހުނަރާއި ފަންނުގެ ބޭނުން ހިއްޕެވިއެވެ. އަދި އިންޑިޔާގެ ދިއްލީގައި އޮތް ސާކު ލިޓްރަރީ ފެސްޓިވަލްގައި ވެސް އޭނާ ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތައް އަޅުގަނޑު ދުށީމެވެ.

ހަގީގަތަކީ މިއީއެވެ. ހިތްވަރު ދިނުމުގެ އިނާމު ޢައިޝަތު ޙުސައިން މަނިކަށް ހަގީގަތުގައި ވެސް ދެއްވާން ޖެހެއެވެ. އެ ކަމަށް އެދިވަޑައިގެން އޭނާ މަސައްކަތް ކުރައްވަނީ ފޫހިކަމެއް ނެތިއެވެ. ވީމާ، ވަގުތު ފާއިތު ނުވަނީސް މިއީ ކަމާ ބެހޭ ފަރާތްތަކުން ވިސްނާން ވެއްޖެ ކަމެކެވެ. މީހާ ދިރި ހުއްޓައި އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށްދެއްވާށެވެ. މަލާމާތާއި ފުރައްސާރައިން އިންސާނީ ކަރާމާތް އަންދައިނުލާށެވެ. މާދަމާ ވާނޭ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. ހަމަ ކުއްލިއަކަށް ދިމާ ކަމަކުން ދެރަ ގޮތެއް ވެއްޖެ ނަމަ، ތައުޒިޔާގެ ދަފްތަރު ހުޅުއްވައި ތައުޒިޔާލިޔުއްވަން ކަމާބެހޭ ފަރާތްތަކުން އިޢުލާންކުރައްވާނެއެވެ. މިހެން މިކަން ވެފައި ވަނިކޮށް އެހެން އެކަން ވެއްޖެ ނަމަ ލަދުގަންނާން ޖެހޭނީ ބަހާއި އަދަބުގެ ދާއިރާގެ އިސްވެރީންނާއި އަގުވަޒަންކުރެއްވުމުގެ މަސައްކަތްކުރައްވާން ތިއްބެވި އެކިވަރުގެ މެންބަރުންނެވެ.

ޢައިޝަތު ޙުސައިން މަނިކަށް ދަންނަވާ ހިތްވަނީ، ކެތްތެރިކަމާ އެކު ހުންނަވާށެވެ. ތިބާގެ އިސްތަށިފުޅުގައި ޝަރަފުގެ ތާޖު އެޅުވޭނެއެވެ. އެތައް ހާސް ބަޔަކު ތިބާގެ އަގުވަޒަންކުރައްވައި އުފާފާޅުކުރާނެ ދުވަސް އިރާދަކުރެއްވިއްޔާ ތިބާ ދެކޭނެތެވެ. އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ މީހުންގެ މައްޗަށް ނުނިޔަތްނުލައްވައި، އަދި މީހަކު މީހަކާ މެދު ބުނާ އެއްޗެއްގެ މައްޗަށް ފޫޅު ނުކަނޑުއްވައި މީހުންގެ ޚިދުމަތާއި މަސައްކަތުގެ މައްޗަށް އިޚްލާޞްތެރި ނަޒަރުން ބައްލަވައި ކޮންމެ މީހެއްގެ ގައުމީ، އަދަބީ ޚިދުމަތުގެ އަގުވަޒަންކުރެއްވުމެވެ. ހިތާމައަކީ، ދިވެހިބަހާއި އަދަބުގެ ހަރުދަނާ ބައެއް ޚިދުމަތްތެރީން މި ފަނާވަނިވި ޢާލަމާ ވަކިވެވަޑައިގަތީ ހިތްވަރާއި ޝަރަފުގެ އިނާމަށް ސަލާމް ޖައްސަވަޖައްސަވައިފައެވެ. ބައެއް ބޭފުޅުންގެ ހަނދާނަށް އެ ޝަރަފް ދެއްވިއެވެ. އެހެނަސް އެއިން ބޭފުޅަކު އެ ކަމާ އުފާފުޅެއް ނުކުރައްވަތެވެ. ހިތާމައަކީ މިއީއެވެ. ދެރަކަމަކީ މިއީއެވެ. ޢިބްރަތެއް ކަމަށް ބައްލަވާނެ ކަމަށް ހީކުރަމެވެ.

އަޅުގަނޑުގެ ވަޒަންކުރުމުގެ ތަރާދުން ޢައިޝަތު ޙުސައިން މަނިކު ފާހަގަވަނީ އަދަބު ވިދައިބަބުޅާ ތަރިއެއް ފަދައިންނެވެ. ހިތްވަރުފުޅު ގަދަ ބޭފުޅެއް ފަދައިންނެވެ. ކެތްތެރިކަމާ އެކު ގިނިކަންޏާ އަދަބީ ހަޔާތުގެ ތަކްލީފުތަކާ ކުރިމަތިލައްވައި ކަންކަން ހައްލުކުރައްވާ ކެރޭ ކުޅަދާނަ އިސްވާރެއް ފަދައިންނެވެ. އޭނާއަށް އަޅުގަނޑު އެދެނީ ކާމިޔާބެވެ. އުފާފާގަތިކަމެވެ. ހެޔޮނަސީބު މިންވަރުކުރައްވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *