އިންޑިއާ، އެކުވެރި ޢަރަބި ޢިމާރާތް، އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ތިއްބަވާ ސަފީރުކަމުގެ މަޤާމުތަކަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ގޮތުން އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހ. ނިޔާސާ، ޑޮކްޓަރ ޙުސައިން ނިޔާޒެވެ. އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހ. މިސްޓީލޮޖް، އާމިނަތު ޝަބީނާއެވެ. އަދި، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ގ. ޗޭނުގެ، ފަރުޒާނާ ޒާހިރެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ޑޮކްޓަރ ޙުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފީ އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި، އެ ކަމަނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އާމިނަތު ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެ ކަމަނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
މިއަދުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިނުގަންނަވައެވެ. ރާއްޖެއިން ބޭރަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅަކަށްފަހު ޝާހިދު ހުންނެވީ ކަރަންޓީންގައި ކަމަށް ވިޔަސް، ދުބާއީ ދަތުރުފުޅަށްފަހު މި މަހުގެ 19 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެން ޖެހިގެން އައި ދުވަހު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓްރެޜަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުން ހުރި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމުން، އެ އިވެންޓުގައި ޝާހިދު ބައިވެރިވެވަޑައިގަތީ ދައުލަތުގެ ޒިންމާއެއް އަދާކުރައްވަން ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.



advertisment