Support Us

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން

ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާ އިން ދީފި

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން މިއަދު ދީފައެވެ.

"މި 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ކޮންޑިޝަނެއް، ނުވަތަ ޝަރުތަކާއި ނުލާ ފޯރުކޮށްދެވޭ އެހީއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ބޭނުންކުރުމުގެ މިނިވަންކަން އޮންނާނެއެވެ،" މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވެއެވެ.

މި އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ އެސް.ބީ.އައި މެދުވެރިކޮށް ކަމަށާއި މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ. އަދި މާލީ އެހީގެ މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސް.ބީ.އައި އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައި ކަމަށާއި 10 އަހަރު ދުވަހުގެ ޓެނިއާ އަކާއެކު ފޯރުކޮށްދޭ 250 މިލިއަން ޑޮލަރުގެ މި 'ސޮފްޓް ލޯން’ގެ އިންޓްރެސްޓް ރޭޓް ވެސް ވަރަށް ކުޑަ ކަމަށާއި އަދި ޕްރިންސިޕަލް ޕޭމެންޓް އަދާކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން، ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ހައި ކޮމިޝަނަރ ސަންޖޭ ސުދީރުގެ އިތުރުން އެސް.ބީ.އައި މާލެ ބްރާންޗްގެ ސީ.އީ.އޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގަތެވެ.

ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި ހަވާލުކުރި 250 މިލިއަން ޑޮލަރަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ދެންނެވުމުން ފޯރުކޮށްފިން އެހީއެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި މި އެހީ ފޯރުކޮށްދީފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމްތަކުގެ ދަށުން ކަމަށް ވެސް ބުންޏެވެ.

މާލީ އެހީތެރިކަމުގެ މި އަދަދު ފުރަތަމަ އިއުލާނުކުރީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާރިޗު މަހުގައި އިންޑިއާއިން ވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެއަށް ފޮނުވައިފައެވެ. އަދި އޭޕްރިލް މަހުގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓެއް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ފަހުން މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ ހަތަރު ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްފައެވެ. އަދި އިންޑިއާއިން ވަނީ އެކި ފަހަރު މަތިން އެކްސްޕޯޓް ރިސްޓްރިކްޝަން އުފުލައި، ދިވެހިރާއްޖެއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ރެސްޕިރޭޓަރީ އެޕެރޭޓަސް އަދި ޓެސްޓިން ކިޓުތަކާއި ރިއެޖެންޓްތައް ފޯރުކޮށްދީފައެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ވިޔަފާރީގެ ދަތިތަކާއި އެކުވެސް އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާނާގެ ބާވަތްތައް ސަޕްލައި ދަމަހައްޓައިދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް