އެޑްވާޑް މޯޑްރޭކްގެ ވާހަކައަކީ މިހާތަނަށް ކިޔައިދެވިފައިވާ އެންމެ ބިރުވެރި މެޑިކަލް ލެޖެންޑްތަކުގެ ތެރެއިން އެއް ވާހަކައެވެ. ކުރީގެ ލިޔުންތަކުގައިވާ ގޮތުން އޭނާއަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ އާއިލާއަކަށް ނިސްބަތްވާ، ބޮލުގެ ފަހަތުގައި އިތުރު މޫނެއް ހުރި ޒުވާނެކެވެ.
މި މޫނަށް ކެއުމާއި ވާހަކަދެއްކުން ފަދަ ކަންކަން ނުކުރެވުނު ނަމަވެސް، އެޑްވާޑް ރޯ ވަގުތު އެ މޫނު ހީނ، އަދި ވައިއަޑުން ވާހަކަދައްކާ ކަމަށް ވެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެ މޫނު ބިރުވެރި ވާހަކަތައް، ނުވަތަ އެޑްވާޑް ސިފަކުރި ގޮތުންނަމަ "ނަރަކައިގެ ބިރުވެރިކަން" އެކުލެވޭ ވާހަކަތައް ވައިއަޑުން ކިޔައިދޭކަމަށް އޭނާ ބުނެފައިވެއެވެ.
އެ މޫނުގެ އުނދަގޫ ބޮޑުވެ، އެކަމަށް ކެތްނުކުރެވިގެން، އެ މޫނު ނަގައިދިނުމަށް އެޑްވާޑް ޑޮކްޓަރުންގެ ކިބައިން އާދޭސްކުރި ކަމަށް ވެއެވެ. ނަމަވެސް އޮޕަރޭޝަންކޮށްފިނަމަ އޭނާ މަރުވެދާނެ ކަމުގެ ބިރަށް އެއްވެސް ޑޮކްޓަރަކަށް އެކަން ކުރާކަށް ނުކެރުނެވެ. މި ވާހަކަ ނިމިގެންދަނީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. އެގޮތުން އުމުރުން އެންމެ 23 އަހަރުގައި އެޑްވާޑް އަމިއްލައަށް މަރުވިކަމަށް ބުނެވެއެވެ.
އެހެންނަމަވެސް، ތާރީޚީ އިލްމުވެރިންނާއި ޑޮކްޓަރުން މިހާރު ޤަބޫލުކުރާ ގޮތުގައި މިއީ ހަޤީޤަތެއް ނޫނެވެ. މިއީ ހަމައެކަނި ދައްކާ ވާހަކައެކެވެ. މި ވާހަކަ އެންމެ ފުރަތަމަ ފެނިފައިވަނީ 1896 ވަނަ އަހަރު ނުކުތް "އެނޯމަލީސް އެންޑް ކިއުރިއޯސިޓީސް އޮފް މެޑިސިން" ކިޔާ ފޮތަކުންނެވެ. މިއީ ހަޤީޤީ ހާދިސާތަކާއި ޚިޔާލީ ވާހަކަތައް އެއްކޮށްގެން ލިޔެފައިވާ ފޮތެކެވެ.
އެޑްވާޑް މޯޑްރޭކް ދުނިޔޭގައި އުޅުނުކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ނަމަވެސް، މިއަދުވެސް މި ވާހަކަ ގިނަ ބައެއްގެ ޝައުޤުވެރިކަން ދަމައިގަނެއެވެ. އަދި މިއީ ސިއްހީ އަޖައިބެއްތޯ ނުވަތަ ބިރުވެރި ފުލޯކު ވާހަކައެއްތޯ ވަކިކުރަން ދަތިވާ ހިސާބަށް މި ވާހަކަ ވަނީ މަޝްހޫރުވެފައެވެ.



advertisment