ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ޓެލެވިޜަން މޯލްޑިވްސްއިން ޓެލެޑްރާމާ މުބާރާތް ބާއްވަން ފެށުމާއެކު ސިފައިން ބައިވެރިވި ފުރަތަމަ މުބާރާތަކީ 1995 ވަނަ އަހަރު ބައިވެރި މުބާރާތެވެ. އޭރު ޢަބްދުލް ފައްތާޙަކީ ސިފައިންގެ ކޯސްޓްގާޑުގައި ޚިދުމަތް ކުރައްވާ ޕްރައިވެޓެކެވެ. އެ އަހަރުގެ ޓެލެޑްރާމާ މުބާރާތުން ސިފައިން އެއް ވަނަ ހޯދިއެވެ. އެއީ މަގުބޫލު ޑްރާމާ "މާބުރުގެ އުސޫލު" ންނެވެ. މި ޑްރާމާގެ ވާހަކަ ލިޔުނު ލިޔުންތެރިޔަކީ ޒުވާން ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމެވެ. މި ޑްރާމާ ޑައިރެކްޓް ކުރެއްވީ ޕްރައިވެޓް އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ.
ޢަބްދުލްފައްތާޙަކީ، ދިވެހި ފިލްމާއި، ޑްރާމާއާއި، ވީޑިއޯ ލަވައާއި، އިޝްތިހާރު އުފައްދަވައި ޑައިރެކްޓް ކުރެއްވި ބޭކަލެކެވެ. ފިލްމާއި، ޑްރާމާތަކަށް ވާހަކައާއި ސްކްރިޕްޓް ލިޔުއްވި ލިޔުންތެރިއެކެވެ. މިއީ ސްކޫލް ދައުރުގައި 1990 ވަނަ އަހަރު މި ދާއިރާއަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ނަތީޖާއެވެ. ޒުވާނަކަށް ސިފައިންގެއިން ފަހިކޮށްދެއްވި ފުރުސަތާއި ކުރެއްވި އިތުބާރުގެ ނަތީޖާ ވެސް މެއެވެ.
ޓީވީއެމްގެ ޓެލެޑްރާމާ މުބާރާތުގައި ޖެހިޖެހިގެން ހަތަރު އަހަރު އެއްވަނަ ހޯދައި އެ މުބާރާތުގެ ރެކޯޑެއް ސިފައިން ގާއިމުކުރިއެވެ. މިކަމުގައި ފައްތާޙުގެ ހިއްސާ ވަރަށް ބޮޑެވެ. މި މުއްދަތުގައި ސިފައިންގެ އެތައް ބަޔަކަށް އޭނާ ފުރުސަތު ދެއްވިއެވެ. އާ މޫނުތައް މި ފަންނަން ނެރެދެއްވިއެވެ. ޑްރާމާ ޑައިރެކްޓް ކުރުމުގެ ދާއިރާއަށް ފައްތާޙު ނުކުންނެވީ 1996 ވަނަ އަހަރުއެވެ. އެއީ އަމްޖޭއާއެކު ފައްތާޙު ފުރަތަމަ ޑައިރެކްޓްކުރެއްވި ޑްރާމާއިންނެވެ. "ވޭން" ކިޔާ މި ޑްރާމާއަކީ މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދެއްވި ޑްރާމާއެކެވެ. މަސްތުގެ އަނދިރި ވަޅުގަނޑަކަށް ދިވެހި ޒުވާން ޖީލު ވެއްޓި ސިއްރު ވާހަކަތަކެއްގެ ގޮތުގައި އޮތް މަސްތުގެ ހާލަތާއި އެކަމުގެ ވޭން މުޖުތަމަޢުއަށް ހާމަކޮށް ދެއްވީ މި ޑްރާމާއިންނެވެ. މި ޑްރާމާއަށްފަހު ފައްތާޙުއާއި އަމްޖޭ ޑައިރެކްޓް ކުރެއްވި ޑްރާމާއަކީ "ޅަފުރާ" އެވެ. މިއީ 1997 ވަނަ އަހަރުގެ އެއްވަނަ ޑްރާމާއެވެ.
ޖެހިޖެހިގެން ތިން އަހަރު ޓެލެޑްރާމާ މުބާރާތުގެ ތަށި ހޯދުމަށްފަހު ހަތަރުވަނަ ފަހަރު ސިފައިން ހުށަހެޅި ޑްރާމާއަކީ "ވަދާޢު" އެވެ. މިއީ ފައްތާޙު އެކަނި ޑައިރެކްޓްކުރެއްވި ޑްރާމާއެކެވެ. ސިފައިންނަށް ފައްތާޙު ހޯއްދަވައިދެއްވި މި ރަންވަނަ ތަކަކީ މި ދާއިރާއިން ސިފައިންގެ ތެރޭގައި އަޅައިދެއްވާފައިވާ ވަރަށް ހަރުދަނާ ރަނގަޅު ބިންގަލެއްކަމުގައި ދަންނަވަން ޖެހެއެވެ. ސިފައިން ވަނީ ޓެލެޑްރާމާގައި އަމްޖޭއާއި ފައްތާޙު އަޅައި ދެއްވި ހަރުދަބ ބިންގަލުގެ މަތީގައި ފަހުން ވެސް ވަރަށް ގިނަ ރަން ވަނަތައް ހޯދާފައެވެ.
ފައްތާޙުގެ މި ކާމިޔާބީތަކުގެ ސަބަބުން ދިވެހި ފިލްމީ އިންޑަސްޓްރީގެ ލޯތައް ހުރީ އޭނާގެ މައްޗަށް ހުއްޓިފައެވެ. ސިފައިންގެ ޚިދުމަތުން ވަކިވެލެއްވުމަށް ފަހު އުފެއްދުންތެރި އަދި ބިނާކުރަނިވި ޒަމާނީ އައު ވިސްނުންތަކާއި ފިކުރުތަކާއެކު ފައްތާޙު ވަނީ ވަރަށް ރީތި އަދި އެހާމެ ފުރިހަމަ އުފެއްދުންތަކެއް މުނިފޫހިފިލުވުމުގެ ދާއިރާއަށް ނެރެދެއްވާފައެވެ. މިފަދަ ގިނަ އުފެއްދުންތައް ފެނިގެން ދިޔައީ ޤައުމީ ޓީވީންނެވެ.
ހުނަރުވެރި ޒުވާން ޑައިރެކްޓަރ ޢަބްދުލްފައްތާޙަށް ވަނީ ދިވެހި ދައުލަތުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު – 2004 ވަނަ އަހަރު ދެއްވާފައެވެ. އެއީ މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުންނެވެ. މި އިނާމު ދިވެހި ދައުލަތުން ދެއްވިއިރު އޭނާ ވަނީ ފަސް ފިލްމާއި، އަށް ޑްރާމާ އުފައްދަވައި، 114 ލަވަ ޑައިރެކްޓްކޮށްދެއްވާފައެވެ. ނުވަ ޑްރާމާއަށް ވާހަކައާއި ސްކްރިޕްޓްވެސް ލިޔުއްވާފައެވެ. މީގެއިތުރުން އެކިވައްތަރުގެ 31 އިޝްތިހާރު ވެސް، ވަނީ ހައްދަވައިފައެވެ.
ޤައުމީ އިނާމަށް ފަހުވެސް މި ހުނަރުވެރިޔާގެ ދުވެލި މަޑެއް ނުކުރައްވައެވެ. ޢަބްދުލްފައްތާޙު ޑައިރެކްޓް ކުރައްވާފައިވާ ފިލްމުތަކުގެތެރޭގައި "ހިމޭން ދުނިޔެ"، "ރަންމުތް"، "އާނ އަހަރެންވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، އަދި 2004 ވަނަ އަހަރު ނުކުތް "އޭނާ" މި ފިލްމު ހިމެނެއެވެ. ފައްތާޙު އުފައްދާފައިވާ ޑްރާމާތަކުގެ ތެރޭގައި "އައިޝާ"، "ރޭޝަމް"، "ދޯޕައްޓާ"، "ފަހު ފިޔަވަޅު"، "މާފުކުރާށޭ" އަދި 52 އެޕިސޯޑުގެ މައްޗަށް ތައްޔާރުކޮށް ޓެލެވިޜަން މޯލްޑިވްސް އިން ފޮނުވި "ތިއޭ މިހިތުގެ ވިންދަކީ" މި ޑްރާމާ ފާހަގަކޮށްލެވެއެވެ.
ޢަބްދުލްފައްތާޙަށް މުނިފޫހި ފިލުވުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ އެންމެ ފޮނި ކާމިޔާބީތަކުގެ ތެރޭގައި މި ދާއިރާއަށް އޭނާ ނިކުންނެވިތަނާ ސަރުކާރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން ލިބިވަޑައިގެންނެވި ކާމިޔާބީތައް ހިމެނޭނެއެވެ. އެންމެމޮޅު ޑައިރެކްޓަރުގެ މަގާމު، ތިން އަހަރު ހޯއްދެވުމަކީ ކުޑަ ކާމިޔާބީއެއްނޫނެވެ. މިއީ ސިފައިންނަށް އޭނާ ހޯއްދައި ދެއްވާފައިވާ ރަންވަނަތަކެކެވެ.
ހާޓްއެޓޭކެއް ޖެހިގެން 2025 ޑިސެންބަރު 29 ވަނަ ދުވަހު ކުއްލި ގޮތަކަށް ޢަބްދުލްފައްތާޙު ޢަބްދުލް ޤައްޔޫމް ނިޔާވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާ އެކުގައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވުމަށް ވީހާ ވެސް ގިނައިން ހެޔޮ ދުޢާ ކުރައްވާށެވެ. آمیـــــــــــــن یارب العالمين
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment