Support Us

މަޞްނޫޢީ ރީތިކަން- 1

ކޮންމެ އަންހެން ކުއްޖަކުވެސް ލޯބިކުރަނީ އޭނާއަކީ ފަރި، ޖާދުވީ، ޝައުގުވެރި، ރީތީގެ ރާނީއެއް ކަމަށް ވުމަށެވެ. ނަމަވެސް ސުވާލަކީ، ރީތިކަމަކީ ކޮބައި ހެއްޔެވެ؟!

ރީތިކަމަކީ، މޫނުގައި ޖަހާ ފުށް، ރަތްކުލައިގެ ލިޕްސްޓިކް، ކްރީމް، ވިދާ ބަބުޅާ ލިޕް ގްލޯސް، އައިލައިނަރ، ބުމަހެދުން މި ބާވަތުގެ އެއްޗިއްސަށާއި ކަންތައްތަކަށް ކިޔާނަމެއް ހެއްޔެވެ؟

އެއީ އިސްތަށިގަނޑުގެ ކުލައާއި، ދިގުމިނާއި، އިސްތަށިގަނޑުގެ ސްޓައިލާއި، މޭމަތީގެ ސައިޒާއި، ކަކުލުގެ ވަށައިގެންވާ ސަރަހައްދާއި، ފައިގެ ބައްޓަމާއި، އުނަގަނޑުގެ ހިމަކަމާއި ބުޑު ހެއްޔެވެ؟!

ރީތިކަމަކީ ހެދުމެއް، ވިގެއް، އިސްތަށިގަނޑު ރީތިކުރުމަށް ބޭނުންވާ ތަކެތި، އަތްދަބަހެއް، ބޫޓެއް، ނުވަތަ އަވިއައިނު ފަދަ ތަކެތި ހެއްޔެވެ؟!.

މިއީ ޒަމާނީ އަންހެނުން ރީތިކަން ތަޞައްވުރު ކުރާ ގޮތެވެ…

ޒަމާނީ އަންހެނަކު ވިސްނާ ހުރިހާ އެއްޗަކީ، އޭނާގެ ސިފައާއި، ބޭރުފުށުގެ ބައްޓަމާއި، ލޮލާއި ބުމައާއި ތުންފަތުގެ ވަށައިގެން އުނގުޅާ ކުލައާއި މޭކަޕްކުރުމާއި ހަށިގަނޑު ފަރުމާކުރުމާއި އަޅައިގަންނަ ގޮތެވެ.

އޭނާ ތަޞައްވުރު ކުރާގޮތުގައި ރީތިކަމަކީ ގޮތްގޮތަށް ކުލަޖެއްސުމެވެ. (ނޭފަތް ފަދަ) ވަނާތައް ސައިޒުކޮށް ކޮށައި މެށުމެވެ. ގޮތްގޮތަށް ފުނާއެޅުމާއި ހަންގަނޑަށް ގެންނަ ބަދަލުތަކެވެ.

އެ ހުރިހާ ކަމަކީ ވެސް ހަމައެކަނި އުނގުޅާލާ ކުލައެއްކަމާއި، ބާވަތެއްގެ ވާނިޝްއެއް ނުވަތަ ދަވާދެއްކަން އޭނާ ހަނދުމަނެތިކޮށްލައެވެ. ހޫނުގައި ހިނގާލާއިރަށް މުޅިން ތަފާތު މޫނެއްގެ ވެރި ހެއްވާ ޖޯކަރަކަށް ބަދަލުވާނެކަންވެސް ހަނދާނަކު ނުހުރެއެވެ. އެހެނީ އޭނާ އުފެއްދި ހުރިހާ އެއްޗަކާއި ގެނެސްގަތް ހުރިހައި ބަދަލުތަކަކީ، ހަމައެކަނި ބޭރުފުށުގެ ޒީނަތްތެރި ޑެކަރޭޝަނެކެވެ. ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ ދޮގުތަކެއްގެ ސިލްސިލާއެކެވެ. ސެންޓު އުފައްދާ މީހާއާއި، ފާމަސިސްޓާއި، ސްޕެއާޕާޓްސް ވިއްކާމީހާ އާ އެންމެން ބައިވެރިވި މޮޅު އުފެއްދުމެކެވެ. އޮޅުވައިލުންގަނޑެކެވެ.

އެއީ ދިގުދެމިގެން ނުދާނެ އޮޅުވައިލުމެކެވެ. އަބަދަށް ނުވިއްކޭނެ އަސްލު ނޫން ދޮގު ސިއްކައެކެވެ.

އޭނާގެ ހަށިގަނޑާއި އޭގެ މިންތައް ވެސް ފުރަތަމަ ފަހަރަށް ބަލިވެ އިނުމާއެކު ބަދަލުވެގެންދެއެވެ. ހަށިގަނޑަށް ވަގުތުނުދެވިގެންނެވެ. ލޫޅާފަތި ފުއްލާ މީގޮނަކަށް ބަދަލުވެއެވެ.

ރީތި މޫނާއި ނާޒުކު ވަނާތަކަކީ، ކޮންމެ ދުވަހަކު ފެނިފެނި އެއަށް އާދަވާ އެއްޗެކެވެ. ޒަމާނާއެކުވެގެން އޭގެ ޝައުގުވެރިކަން ގެއްލިގެންދާ ފަދަ ވައްތަރެއްގެ ރީތިކަމެކެވެ.

ޝައްކެއްނެތެވެ. ބޭރުފުށުގެ ރީތިކަމަކީ، އޭގެ ނަސީބު ވަރަށް ދެރަ އެއްޗެކެވެ. އެއީ އަބަދުވެސް ފަނޑުވެ، އޭގެ އަސަރު ގެއްލިގެން ދިއުން ކަނޑައެޅިފައިވާ އެއްޗަކަށް ވާތީއެވެ.

ބޭރުފުށުގެ ރީތިކަމަކީ ފިރިހެނުން އޭގައި ޖެހޭ ވަގުތީ މަޅިއެކެވެ. ފިރިހެނެއްގެ ވަގުތީ ސަމާލުކަން ހޯދައިގަނެ، ކިހިލަފަތްދޮށުލުމަށްޓަކައި، ޠަބީޢީގޮތުން އަންހެނަކަށް ލިބޭ ދެރަވަރުގެ ހަދިޔާއެކެވެ. ލޮލަށް ލިބޭ ވައްތަރެއްގެ ކެއްސެކެވެ.

 

* އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރު މުޞްޠަފާ މަޙްމޫދު رحمه اللهގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *