ބަސްނުމޮށެވޭ ބުޅާ އޭގެ އާދައިގެ މަތިން ޤަޟާހާޖަތް ކުރުމަށް ފަހު ހަމަވަގުތުން ދުއްވައެއް ނުގަނެއެވެ. އަދި ކިއެއްތަ؟ އެތަނުން ދުރަށްދަނީ، އެސޮރު ބޭރުކުރި ނަޖިހުގެ މައްޗަށް ވެލި އަޅާ ފޮރުވާލުމަށްފަހުގައެވެ. ބަސްނުމޮށެވޭ މި ކުޑަކުޑަ ހައިވާނަށް ރީތި ގޮތާއި، ހުތުރު ގޮތް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ބައެއް ފަހަރު އެސޮރު ސާހިބުމީހާގެ ސުފުރާއިން މަސްކޮޅެއް ވަގަށް ނަގައިފާނެއެވެ. އޭރުވެސް އެސޮރުގެ ދެލޮލުން އެކުރެވުނު ކުށުގެ އިހްސާސްތައް ފެންނަން ހުރެއެވެ. ސާހިބުމީހާ ބަލައިލުމާއެކު ފަހަތައް ސޮއްސާލަނީ އެހެން ވެއެވެ. އެހާލަތުގައި އެސޮރު ގައިގައި އޭނާ ޖަހައިފިނަމަ ކުށަށް އިއުތިރާފުވުމުގެ ގޮތުން ބޯތިރިކޮށްލައެވެ. އެސޮރަށް އެއީ ގާނޫނީ ގޮތުން މަނާ ކަމެއްކަން އެނގެނީހެއްޔެވެ؟ މިބާވަތުގެ އަމަލުތައް ނުކުރުމަށް އަންގަވާފައިވާ ބަސްފުޅުތައް އެސޮރަށް މީހަކު ކިޔަވައިދިނީހެއްޔެވެ؟ ޖަމަލު އޭގެ އަންހެން ޖަމަލާ އެއްދާންކުރަނީ ވަންހަނާގައި ސިއްރުންނެވެ. ލޯތަކަށް ނުފެންނަ ގޮތަށެވެ. މީހަކު ވަގަށް ބަލާކަން އެސޮރަށް އިހުސާސް ކުރެވިއްޖެނަމަ ވަގުތުން އެ މަސައްކަތް ހުޓާލައެވެ. އަދި ބިމަށް ބޯތިރިކޮށްލައިގެން އޮވެއެވެ. އެސޮރު ލަދުގަންނަން ދަސްކުރީ ކިހިނެއްހެއްޔެވެ؟ ކުޅަނދުރު ހަތަޔަކަށް މީހަކު ގޯނާއެއް ކޮށްފިނަމަ އެންމެ ފަހު ކުޅަނދުރާ ޖެހެންދެން ފިސާރި ފޯރީގައި ހަނގުރާމަ ކުރެއެވެ. އަދި އެންމެ ފަހު އެއްޗަށް ދާންދެން މި ހަނގުރާމައިގައި ދެމިތިބެއެވެ. އެސޮރުމެންނަށް ހިތްވަރުގަދަކަމާއި ޖާނުން ފިދާވުމުގެ ފިލާވަޅު އުނގަންނައިދިނީ ކާކުހެއްޔެވެ؟ މި ޙަޝަރާތުތަކަށް ނުވަތަ އިންސެކްޓް ތަކަށް ޙިކުމަތާއި އިލްމާއި ބޭސްފަރުވާއާއި އަޚްލާޤާއި ދުނިޔެއުޅުމުގެ ސިޔާސަތު ދަސްކޮށްދިނީ ކާކުހެއްޔެވެ؟ އެ ފަރާތަކީ ކުޅަދުންވަންތަ މާތް الله ކަން ބަޔާންކުރައްވާފައިވާ ބަޔާންކުރެއްވުން ތެދުކޮށް ގަބޫލުނުކުރަންވީ ކީއްވެހެއްޔެވެ؟ ނުވަތަ ބަސްނުމޮށެވޭ މަޚްލޫޤުތައް އަމަލުކުރަން ކަމުދާ އުސޫލް ތަކަކާއި ގޮތްތަކެއް އެސޮރުމެން އަމިއްލަ އަށް ހޯދީހެއްޔެވެ؟ ނުވަތަ އެއީ ޚާލިޤުވަންތަ މާތް الله ގެ އުނގަންނަވާދެއްވުން ހެއްޔެވެ؟
ޣަރީޒާ (instinct) ނުވަތަ އުފެއްދެވުމުގައި އެއްޗެއްގައި ހުންނަ ގުދުރަތީ ސިފަތަކަކީ ކޮބައިހެއްޔެވެ؟ ސާފު އިބާރާތަކުން ދަންނަވާނަމަ، އެއީ އުފަންވީއްސުރެ މަޚްލޫގެއްގެ ކިބައިގައި ހުންނަ ދެނެގަތުމުގެ ޢިލްމެވެ. އެޢިލްމު މަޚްލޫގެއްގެ ކިބައިގައި ލައްވާ ފަރާތަކީ އޭގެ ޚާލިޤުވަންތަ މާތް الله ކަން ކަށަވަރެވެ.
މާތް الله ވަޙީކުރެއްވިއެވެ.
{وأوحى ربك إلى النحل أن اتخذي من الجبال بيوتاً ومن الشجر ومما يعرشون} سورة النحل_68
މާނައީ: "ކަލޭގެފާނުގެ ވެރި މާތްالله ކުޅަނދުރަށް އިލްހާމު ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!"
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
{وإذا الوحوش حشرت}
މާނައީ: "އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ."
ތަމްރީނުކުރާ މީހާ ނިޔާވުމުން އެމަންޒަރު ފެނި އަމިއްލަ އަށް މަރުވި ސިންގާއެއްގެ ވާހަކަ ޚަބަރުތަކުގައި ފެތުރުނެވެ. އޭގެ މާނައަކީ އެސޮރުމެން ވެސް ދެނެގަނެއެވެ. އެސޮރުމެންގެ ޝުޢޫރު ވެސް ހުރެއެވެ. މަސްއޫލިއްޔަތުގެ އިހްސާސް ވެސް ކުރެއެވެ. ގައިމު އެކަމުގެ ސަބަބަކަށް ވާނީ އެތަކެއްޗަކީވެސް އޭގެ ނިސްބަތުން ތަހުޒީބުވެފައިވާ ތަކެތި ކަމުގައި ވާތީތާއެވެ. އެ ތަކެއްޗަށްވެސް ބާވަތެއްގެ ޒަމީރެއް ލިބިފައި ވަނީތާއެވެ. އަނިޔާކުރުމުންނާއި ނުބައި ގޮތުގައި މުއާމަލާތުކުރުމުން އެސޮރުމެންނަށް ވޭންލިބެނީ ވެސް އެހެންވެތާއެވެ.
މި ހުރިހައި ކަމަކުން މި ދޭހަވަނީ، ކަލެއްގެ ކަށަކުޅަދުންވަންތަ ކަމެވެ.
* ޑރ. މުޞްޠަފާ މަޙްމޫދު ރަޙިމަހުاللهގެ ތަރުޖަމާއެއް




advertisment