Support Us

އަސާސީ ބާވަތްތަކަށް ހާއްސަ ހޯލްސޭލް ސެންޓަރެއް އެސްޓީއޯއިން ބާޒާރުމަތީގައި ހުޅުވައިފި

އަސާސީ ބާވަތްތަކަށް ހާއްސަ ހޯލްސޭލް ސެންޓަރެއް އެސްޓީއޯއިން ބާޒާރުމަތީގައި މިއަދު ހުޅުވައިފިއެވެ.

އެސްޓީއޯއިން ބުނީ، އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރުކުރި 23 ބާވަތް ވެސް މާލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގައި ހުޅުވި މި ފިހާރައިން ލިބޭނެ ކަމަށެވެ.

"މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ." އެސްޓީއޯއިން ބުނެއެވެ.

"މި ފިހާރަ ހުޅުވިގެންދިއުމާއެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތައް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތައް ވިއްކޭނޭކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެއެވެ."

އެސްޓީއޯ އިން އަދި ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓީއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުން ކަމަށެވެ.

ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް

ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ:-

ހެނދުނު: 08:30 – 12:00 އަށް

މެންދުރު: 13:00 – 17:00 އަށް