ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީ އާއި އެސް.ޓީ.އޯގެ ގުޅުމަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ހަފުލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅައިފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ކުންފުނީގެ އިތުރު ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، އެސްޓީއޯގެ ޗެއަރމަން އާމިރު މަންސޫރާއި މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމާއި އެސްޓީއޯގެ ކުރީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި ޖަޕާނު ސަފީރު އިޝިގާމީ ރުމިކޯ، ހިޓާޗީގެ މެނޭޖިން ޑިރެކްޓަރ ޔޮޝިޔޫކީ ބަންޑޯ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިމާދު އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ޑިރެކްޓަރ އިބްރާހިމް މިރްޒާޤް ވާހަކަ ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކައިގައި ހިޓާޗީއާއި އެސްޓީއޯއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ހިޓާޗީ ބްރޭންޑާއެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އާންމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމަށް އަލިއަޅުވައިލެއްވިއެވެ.

މި ހަފްލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭކޮށްފައެވެ. މީގެ އިތުރުން، ހިޓާޗީއާއި އެސްޓީއޯގެ މި 25 އަހަރުވީ ޕާޓްނަޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ގަތް ހަތަރު ކަސްޓަމަރެއް އަގުވަޒަންކޮށް އެވޯޑް ދިނެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުން، މި ހަފްލާގައި ހިޓާޗީން އަލަށް ތަޢާރަފް ކުރި "ހިޓާޗީ ނިއު އެއަރ" ރޭންޖްގެ ޕްރޮޑަކްޓްތައް ލޯންޗު ކުރިއެވެ.
"ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފް ކުރެވުމާއެކު، ދިވެހީންގެ މެދުގައިވެސް މި ބްރޭންޑުގެ އުފެއްދުންތައް ވަނީ ބޮޑު މަގުބޫލުކަމަކާއި އިތުބާރެއް ހޯދައި މިއަދާ ހަމައަށްވެސް އެ އިތުބާރު ދަމަހައްޓައިފައެވެ. އެގޮތުން ހިޓާޗީ އޭ.ސީ އާއި އައިސް އަލަމާރި ފަދަ ޕްރޮޑަކްޓްތަކަކީ ގިނަ ބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މި ހަފްލާ އަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެކެވެ." އެސް.ޓީ.އޯގެ ބަޔާނެއްގައި ވެއެވެ.



advertisment

