ފުވައްމުލަކު މާލެގަމުއަވަށު ހޯލި، އަލީ އަޙްމަދު، ފުރަތަމަ ވަޒީފާ އަދާކުރީ 1988 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓްގައެވެ. ހޯލި އަލީ ވަރަށް ޒުވާން އުމުރުގައި ދެން ނިންމީ ވަރަށް ހިތްވަރުގަދަ ނިންމުމެކެވެ. އޭއީ އާމްދަނީ ހޯދުމަށްޓަކައި ރާއްޖޭން ބޭރުގެ ޝިޕިން ލައިނެއްގައި މަސައްކަތް ކުރަން ދިއުމެވެ.
ބޭރު ދަތުރު ކުރުމަށްޓަކައި ސީ.ޑީ.ސީ ސަޓިފިކެޓް ހޯދައި ބޭރުގެ ބޯޓް ފަހަރުތަކުގައި މަސައްކަތް ކުރުމަށް ރާއްޖޭން ފުރީ 1991 ވަނަ އަހަރުއެވެ. ރާއްޖޭން ބޭރުގައި އަށެއްކަ އަހަރު މަސައްކަތް ކުރިއެވެ. ޒަވާޖީ ޙަޔާތެއް ފެއްޓުމަށް ކާވަނި ކުރީވެސް ބޭރު ދަތުރު ކުރުމުގައި އުޅެމުންނެވެ. ކާވެންޏަށްފަހު ބޯޓްދަތުރު ކުރުމުގައި އުޅުނީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. އޭގެފަހުން ޢާއިލާއާއެކު ދިރިއުޅުމަށްޓަކައި ދަތުރުކުރުން ހުއްޓާލީއެވެ.
އޭނާ ފުވައްމުލަކަށް އައިސް ހަމަޖެހިލުމަށްފަހު ފުރަތަމަ ހުޅުވީ ހޮވަން ހޯލިގެ ނަމުގައި ފިހާރައެކެވެ. ފިހާރަ ހިންގަމުން ޓެކްސީ ލައިނެއް ހަދައި ހިންގަން ފެށިއެވެ. އެއީ ހޯލި ޓެކްސީއެވެ. އަލީގެ ނަން ހޯލި އަލީއަށް ބަދަލުވީ އޭގެ ފަހުންނެވެ. ފުރަތަމަ ގެންގުޅުނީ އެއްމެ ކާރެކެވެ. ފަހުން އިތުރު ވެހިކަލް ހޯދައި އަދަދު އިތުރު ކުރިއެވެ.
އަލީ ފުވައްމުލަކުގައި ޓެކްސީގެ ޚިދުމަތް ފެށިއިރު ޓެކްސީގެ ޚިދުމަތް ދޭ އެހެން ފަރާތްތައްވެސް ތިއްބެވެ. އޭގެ ތެރޭގައި ހިޔަލީ ޓެކްސީއާއި، ފުނަ ޓެކްސީ އަދި AIG އަލީ ހިންގި ޓެކްސީ ސެންޓަރެއް ހިމެނެއެވެ. އަލީގެ ހޯލި ޓެކްސީގެ ޚިދުމަތް ފެށީ ތިން ވަނަ އަށެވެ.
ރަށުގައި ހިންގި ޓެކްސީ ސެންޓަރުގެ ޚިދުމަތް، ފަހަރަކު ސެންޓަރެއް ބުރެކި ޖެހެމުން ގޮސް، އަލީގެ ހޯލި ޓެކްސީ ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކެއް ހުއްޓުނީއެވެ. ހޯލި ޓެކްސީއަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދިޔައެވެ. އެހެން ނަމަވެސް އަލީ ދިޔައީ އެއްކޮށް ހުއްޓާނުލާ ކޮންމެވެސް އެއް ސިފައެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.
ހުއްޓާލި ޓެކްސީ ސެންޓަރުތަކުން ދޫކޮށްލި ބައު އުޅަނދުތައްވެސް އަލީ ހޯދިއެވެ. އެތަކެތި ދުއްވޭ ފެންފަރަށް މަރާމާތު ކުރުމަށްވެސް އުނދަގޫ މަރުހަލާތަކެއް ގިރާކުރަން ޖެހުނެވެ.
އަލީގެ ޓެކްސީ ސެންޓަރު ހިންގުމުގައި ރަޙުމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑެވެ. އޭގެ ތެރޭގައި ޕާޕަރޭއާއި ހަނޫއާއި ޝޭޑީ ސައީދު، ކޮއްކޮ ޖަމްޝީދު، ޖަމްބޯ އާތިފު، ހިޔަލީ އިބްރާ، ހިޔަލީ އަލީ އަދި ރިޝްތާ މުޙައްމަދު ޙުސައިނަކީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްދިން ރަޙުމަތްތެރިންނެވެ. އަތުގައި ހުރި ބައެއް އުޅަނދުތަކަކީ ވަރަށް ބައު އެއްޗެހި ކަމުން ދުވާލު ދުއްވޭ ވަރު ކުރުމަށް ރޭގަނޑުގެ ވަގުތުގައި ތިބެނީ މަރާމާތު ކުރުމަށެވެ. ޕާޕަރޭއާއި އަލީ އުޅޭނީ ރޭގަނޑު މަރާމާތު ކުރުމަށެވެ. ޝޭޑީ ސައީދުވެސް ޓެކްސީ ކުރިއެވެ. ހަނޫ އުޅޭނީ ސެންޓަރުގެ އޮޕަރޭޝަންސް ހިންގުމަށެވެ.
ޕާޕަރޭއަކީ އަލީގެ ހޯލި ޓެކްސީ ދަތުރުގެ ކާމިޔާބީގެ ވަރަށް ޚާއްޞަ ބައިވެރިއެވެ.
ޓެކްސީ ލައިން ހިންގުމުގައި އަންހެނުން އާމިނަތު އިބްރާހިމްގެ އެހީތެރިކަންވެސް ވަރަށް ބޮޑެވެ. ސެންޓަރުގައި ކުއްޖަކު ނުހުންނަ ކޮންމެ ގަޑިއެއްގައި ފޯންކޯލްތަކަށް ޖަވާބުދީ، ވޯކީޓޯކީއިން ކާރަށް މެސެޖު ފޯރިކޮށް ދެނީ އާމިނަތުއެވެ.
މަރްހޫމް ރާޑޯ ޙަސަންބެއަކީވެސް ހޯލި ޓެކްސީއަށް ވަރަށް އެހީތެރިވެދިން އަޚެކެވެ. އޭނާގެ ގެ ރާޑޯގައި ހުރި ވޯކީޓޯކީ ސެންޓަރުންވެސް އަލީގެ ކާރުތަކަށް ދަތުރު ހޯދައިދެއެވެ.
ޓެކްސީލައިނެއްގެ ގޮތުގައި މެދުނުކެނޑި ފުވައްމުލަކުގައި ދެމެހެއްޓެމުން އަންނަ ނަމަކީ ހޯލި ޓެކްސީގެ ނަމެވެ. މި ބްރޭންޑަށް މިހާރު 27 އަހަރުވީއެވެ.
އަލީގެ ޚިދުމަތް އިތުރު ހަރުފަތަކަށް ކުރިޔަށް ޖައްސައި، ރަށަށް ޒިޔާރާތްކުރާ އިންޓަނޭޝަނަލް އަދި ލޯކަލް ފަތުރުވެރިންނަށް ކާރާއި ސައިކަލު ކުއްޔަށް ދިނުމުގެ ޚިދުމަތްވެސް މިހާރުވަނީ ފަށައިފައެވެ. ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން އަމިއްލައަށް ދުއްވުމަށް ސައިކަލު ކުއްޔަށް ނެގުމަކީ މިހާރު އާއްމު ކަމެކެވެ.
މީގެ އިތުރުން އަމިއްލަ ގޭގައި އެޕާޓްމެންޓެއް ހަދައި ކުއްޔަށް ދޭގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ.



advertisment