Support Us

ވާހަކަ: ހިތްގައިމު ޚަބަރު

މެންދުރުގެ އަވިން މާލޭގެ މަގުމަތި ދިއްލި އުޖާލާވެފައި އޮތެވެ. އާދައިގެ ގޮތެއްގައި ދުއްވާ ތަކެތިން ތޮއްޖެހިފައެވެ.

އަޔާން، އިމްތިޙާނުތައް ނިމި، ސްކޫލްގެ ކިޔެވުންތަކުގެ އަހަރުތައް ނިމުން ފާހަގަކުރުމަށް އޭނާގެ ރަށަށް، ތިމަރަފުށްޓަށް ދިޔައެވެ.

އިލާއާއި އިޔާން ބައްދަލުވެ ރައްޓެހިކަން އުފެދުނީ އެންމެ ކުޑައިރުން ފެށިގެންނޭވެސް ބުނެވިދާނެއެވެ. އަމީނިއްޔާއިން މަޖީދިއްޔާއިން ވެސް އެކުގައި ކިޔަވަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާ މަގުމަތީގައި ބައްދަލުވެލުމަކީ އާދައެކެވެ. މިއިން ކޮންމެ ފަހަރަކުވެސް ހިނިތުންވެލުމަކުން، ބަލާލުމަކުން އެތައް ވާހަކައެއް ދެކެވި އެތައް ވައުދުތަކެއް ކުރެވެމުން ދިޔައެވެ. ލަފްޒުތަކަކާ ނުލައެވެ.

އޭރު ބަދަލުކުރެވުނު ޓެކްސްޓް ފޮތްތަކާއި ފޮތުގެ ހަވާސާތަކުގައި ކިތަންމެހާވެސް ގިނައިން ހިތުގެ ޝުއޫރުތައް އެކި ބަހުރުވައިން އެކިގޮތަށް ހިއްސާ ކުރެވިފައިވެއެވެ. އެކި ކަހަލަ ސަމާސާތަކާއި، ޒުވާން ލޯބީގެ ފޮނިމީރުކަން އެކުލެވޭ ބަސްތައް ލިޔެ ހާމަކުރެވިފައި ވެއެވެ. ދެމީހަކު ލޯބިވާކަން ހާމަކުރަން ބަސްތަކެއް ބޭނުމެއް ވެސް ނުވެއެވެ. އެހެންކަމުން އެ ލަފްޒު ސީދާ ލިޔެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ބަލާލި ކޮންމެ ދިމާއަކުން ވެސް އެނޫން ބަހެއް ބުނެވޭ ތަނެއް ވެސް ނުފެނެއެވެ.

އިލާގެ މައިންބަފައިންގެ ލޯތައް އޭނާގެ މައްޗަށް އިރުގެ އަލިފަދައިން އެޅިފައިހުރެއެވެ. އެހެންކަމުން މިނިވަންކަމާއެކު އެ ދެ މީހުންނަށް ދުވަހަކުވެސް އެކަހެރިވެވިފައެއް ނުވެއެވެ. އެމީހުންގެ ހުންނަނީ ބޯދާ ވިސްނުން ވީމައެވެ. ސްކޫލުން ގެޔަށް، ގެއިން ސްކޫލަށް ނޫން ތަނަކަށް އިލާއަކަށް ނުދެވެއެވެ. އެހެން ތަނަކަށް ދެވެނީ އެމީހުންގެ އަތުގައި ހިފައިގެންނެވެ.

ސްކޫލް ނިމުމުން އަޔާން އެނބުރި އޭނާގެ ރަށަށް، ތިމަރަފުށްޓަށް ޗުއްޓީއަކަށް ދިއުމުގެ ކުރީން އިލާއަށް އެންގިއެވެ. ބައްދަލުވެލެވެން އޮތްތޯ ވެސް އެއްސެވެ. އެހެން ނަމަވެސް އެ އުންމީދު ފުރިހަމަ ނުވެ އޭނާ ފުރައިގެން ދިޔައެވެ. ފުރުމުގެ ކުރީން އޭނާ ކުރު މެސެޖެއް ފޮނުވިއެވެ.

"ސީ ޔޫ ސޫން."

މާލޭގެ ހައިޖާނީ މާހައުލު ފަސްދީ ދިއުމުން، ރަށްފުށުގެ ހަމަހިމޭންކަން އޭނާގެޒުވާން ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އޭނާގެ ރަށުގެ ހިތްގައިމުކަން ވަކީން ބޮޑަށް އިހްސާސްވިއެވެ.

މަސްދުވަސް ފަހުން އޭނާ އެނބުރި މާލެއައީ ގޮތެއް ނިންމުމަށް ހިތުލައިގެންނެވެ. މާލެއިން ވަޒީފާއެއް ހޯދައިގެން މިތާ އުޅެންވީ ބާއެވެ؟ ނުވަތަ ރަށުގެ ހަމަހިމޭންކަމުގެ ތެރޭގައި އުޅެންވީ ބާވައެވެ؟ އޭނާ އިލާގެ މަތީން ހަނދާންވިއެވެ.

އިލާ އޭނައަށް ހަވީރު ސަޔަކަށް ދައުވަތު ދިނެވެ.

"މިހާރު ބައްދަލު ކުރެވޭނެ،" އޭނާ މެސެޖެއް ފޮނުވިއެވެ.

އަޔާން އައުމުން އިލާ ދެބައިކުޅަ އެއްބައި އުފަލުން، އަނެއް ބައި ލަދުވެތިކަމުން ހީނލާފައި އޭނައާ ސަލާން ކުރިއެވެ.

"މިހާރު ދެން ސްކޫލު ދައުރުގެ ހުރަސްތަކެއް ނެތެއްނު،" އިލާ އޭނައަށް މަރުހަބާ ކިއެވެ. "އެކަމަކުވެސް އަދިވެސް މައިންބަފައިންގެ ބެލެހެއްޓުމެއް ނިމިގެންނެއް ނުދޭ."

ގެޔަށް ވަދެ ސިޓިން ރޫމްގައި ދެމީހުން އިށީނެވެ.

"ރަށުގެ ކަންތައް ކިހިނެއްތަ؟ އާ ކަމެއް ދިމާވިތަ؟" ރަކި ގޮތަކަށް އިލާ އަހާލިއެވެ.

"އާ ކަންކަމާ ދިމާވި. އާ ވާހަކަވެސް އެބަހުރި."

"އެހެންވީ އިރު އަވަހަށް ކިޔައިދީ،" އިލާ އަވަސްއަރައިގެންފައި ހުރީ އެ ވާހަކަތައް އަޑުއަހާ ހިތުންނެވެ. މިހާރު އިޔާން ފެންނަނީ ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ. ސްކޫލް ކުއްޖެއްގެ ސިފަތައް ވަނީ ގެއްލިފައެވެ.

"އަދި ކިޔައިނުދެވި ލަހެއްނުވެއެއްނު."

"އާނ ދޯ،" އިލާވެސް އިތުރު ފުރުސަތު ދީފިއެވެ.

ދެން އިސާހިތު ސަޔާއި ބޯކިބަލާއި ގުޅަޔާއި މިހެން ގޮސް ނަން ހުސްކޮށް ހެދިކާ ގެނެސްފިއެވެ. ދެން އެ ދެ މީހުން އެކުގައި ސައި ބޮމުން ސްކޫލް ދައުރުގައި ކުރެވުނު އެކި މަޖާ ކަންކަމުގެ ވާހަކަ ދައްކަން އެތައް އިރަކު ތިއްބެވެ.

ސައިބޮއި ނިމިގެން އަނެއްކާވެސް އިލާ ހަނދާންކޮށްދިނެވެ.

"ކޮބާ ބުނަން ހުރި ވާހަކަތައް؟"

"އަދި ބުނެވިދާނެއެއްނު. މިހާ އަވަހަށް އަހަރެން ފޮނުވާލަނީތަ؟" އިޔާން ސަމާސާކޮށްލިއެވެ.

"ނޫން. އަޔާން ހަމަ ބޭނުން އިރަކު އިންނަންވީ."

އޭރު ސިޓިން ރޫމުގައި ހުރި ޓީވީން ރީތި ހިންދީ ޑްރާމާއެއް ދައްކާތީ ދެމީހުންވެސް އެއަށް ގެއްލިގެން މަޖާވެފައި ތިއްބެވެ.

އެންމެ ފަހުން އިރު އޮއްސެން ކައިރިވުމުން އިޔާން ދާން ތެދުވިއެވެ.

"ކޮބާ ބުނަން އުޅޭ ވާހަކަ؟" އިލާ ޝައުގުވެރިކަމާއެކު އަހާލިއެވެ.

އަޔާން ހީނލާފައި ބުންޏެވެ.

"ބުނާނަން ނުކުންނަމުން،" އޭނާ ބުންޏެވެ. "އެއީ ނިކަން ހިތްގައިމު ޚަބަރެއް."

"އެހެންވިއްޔާ އަދި މާބޮޑަށް އަޑުއަހާ ހިތްވެއްޖެ،" އިލާ ޝައުގުވެރިކަމާއެކު ބުންޏެވެ. "އެހެންވީއިރު ހިނގާ ބޭރަށް ނުކުންނަން…"

އެ ދެ މީހުން ދޮރާ ހަމަޔަށް ނުކުމެވުމުން "ދެން އަވަހަށް ބުނޭ" އިލާ ބާރު އަޅައިލިއެވެ.

ކޮން ޚަބަރެއްކަން އަހާ ހިތުން އިލާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ.

"އަވަހަށް ބުނޭ!"

އަޔާން ހިނިތުންވެލިއެވެ. "އެ ޚަބަރަކީ… އަހަރެން ކުއްޖަކާ ހިތާވެއްޖެ ވާހަކަ."

އިލާ އުފަލުން މޯޅިވެގެން ދިޔައެވެ. "އަހަރެމެން ވަރަށް އަވަހަށް ކާވެނިކުރަން ވެސް ހަމަޖެހިއްޖެ."

އަޔާން ނުހަނު ހަމަޖެހިލައިގެން ހުރެ ބުންޏެވެ.

"އެކަމަކު މައިންބަފައިންގެ ގާތު ނުބުނެ ތިހާ ފަސޭހައިން ކާވެނި ކުރެވޭނެތަ؟" އިލާ ހުރީ ވަރަށް އުފާވެފައެވެ.

"އެމީހުން ރުހެޔޭ،" އަޔާން އުފަލާއެކު ބުންޏެވެ.

"ކައިވެނިކޮށްގެން އަހަރެމެން ދިރިއުޅޭނީ ވެސް އެ ގޭގައި،" އޭނާ ޝައުގުވެރިކަމާއެކު ބުންޏެވެ. "އަހަރެންގެ ދިރިއުޅުން ރަށަށް ބަދަލުކޮށްލަން ނިންމައިފިން."

"އެކަމަކު!" އިލާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ވިސްނާނެ އެއްޗެއް ނޭނގުނެވެ. ނޭވާއެއް ނުލެވުނެވެ. އޭނާ ލަދުން ވިރިގެން ދިޔައެވެ.

"އަހަރެން ރަށަށް ދިޔަތަނާ ނިކަން ހިތްގައިމު ކުއްޖަކާ ދިމާވީ،" އަޔާންއަކަށް އިލާގެ ހިތުގެ ހާލެއް ވިސްނޭހެންނެއް ހިޔެއް ނުވެއެވެ. "ފުރަތަމަ ނަޒަރުން ހިތާވެވުނީ. އެކުއްޖާވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ."

އިރުކޮޅަކަށް ބަސްހުއްޓިފައި ހުރެފައި އިލާ ބުންޏެވެ. "ކޮންގްރެޓްސް!"

އިލާ އިސްދަށަށް ޖަހާލީ ލޮލުން އޮހެން ފެށި ކަރުނަ އޮބަހައްޓާށެވެ. "ދެ މީހުންނަށް އުފާވެރި ދިރިއުޅުމަކަށް އެދެން."

އިލާގެ ހުރިހާ ހުވަފެންތަކެއް ތެޅި ފުނޑުފުނޑުވެގެން ދިޔައެވެ.

"ގުޑް ބައި އަޔާން،" އިލާ އަވަހަށް އެތެރެއަށް ވަދެއްޖެއެވެ.

އެތައް އިރެއް ވަންދެން އިލާ އެ އިންތަނުގައި އިށީނދެ އިނެވެ. މުޅި ހަޔާތުގައި މިވީހާ ތާނގައި އޭނައަށް ދަސްވެ، ގުޅުން އުފެދިފައިވާ މީހަކީ އަޔާން އެވެ. އެ ގުޅުންވެސް ކެނޑިގެން ދިޔައީ އެހާ އަވަހަށް ކުއްލިއަކަށެވެ.

އޭނާގެ ލޮލުން ކަރުނަ ހުސްވަންދެން ރޮއިފިއެވެ. ބައެއް ފަހަރު މުޅި ހަޔާތުގައި ވެވުނު ލޯބި ނިމިގެންދާނީ ކަރުނައަކުން ނޫނެވެ.

ހިތްގައިމު ޚަބަރަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *