މިތަނުގެ މޭޒެއްގައި އިށީނުމުން ވަށައިގެން ފެންނާނީ ކާބަފައިން ބޭނުންކުރި ގެވެހި ކަންވާރުތަކާއި، ހިފައިގެންގުޅޭ ތަކެއްޗާއި ފެހުމާއި ވަޑާން ކުރުމަށް ބޭނުންކުރި އާލާތްތަކާއި މަސައްކަތްތެރި ކަމުގައި ބެނުންކުރި އެކި ޒާތުގެ އެހެނިހެން އާލާތްތަކެވެ. އަދި ކާބަފައިން ދުއްވަން ބޭނުންކުރި ބައިސްކަލާއި މުދާ އުފުލަން ބޭނުންކުރި ގާޑިޔާތަކުގެ ބައިތަކެވެ. އަދި ގެދޮރުގައި ހަރުކޮށްފައި ހުންނަ މުސްކުޅި ތަކެތިވެސް ފެންނަން ހުރެއެވެ.

ފުވައްމުލަކު ދިގުވާނޑު އަވަށު ފިނިވާމަގުގައި ހުންނަ "ކެފޭ 1940″ އަށް ވަނުމުން އެ ވަދެވެނީ ފުވައްމުލަކުގެ ތާރީޚުގެ ތެރެއަށެވެ. މުސްކުޅި އާދަކާދައާއި ސަޤާފަތުގެ ތެރެއަށެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން، 1153ގެ ކުރިން، ބޭނުންކޮށްފައިވާ ދެ ކަންވާރެއް ވެސް މިތަނުގައި އެބަހުއްޓެވެ. އެހެންކަމުން 872 އަހަރުގެ ތާރީޚުގައި ފުވައްމުލަކުގައި ފެންނަން އޮތް އެންމެ ދުވަސްވީ ތަރިކަ ބަލައިލުމަށް ވެސް މިއީ ރަނުގެ ފުރުސަތެކެވެ.

"ކެފޭ 1940″ މިއީ އުފެއްދުންތެރި ޚިޔާލުގެ މުޅިން އެހެން ލެވެލެއްގެ ކެފޭއެކެވެ. މި ކެފޭއަކީ ފުވައްމުލަކު ޒުވާނެއް ކަމަށްވާ ސަނީސައިޑް، އިބްރާހިމް ރަޝީދު (ރާއްޓޭ)، 36، ހިންގާ ތަނެކެވެ. ތަނުގެ އިންޓީރިއާ ހަދައިފައިވަނީ ވެސް ރާއްޓޭގެ އަމިއްލަ މަސައްކަތާއި ޚިޔާލަށެވެ.

ކެފޭ 1940، ތެޅި ގަލުން ރާނައިފައިވާ މުސްކުޅި ގެއަކަށް ގެންދިއުމުގެ ޚިޔާލުވެސް ރާއްޓޭ ގެންގުޅެއެވެ. ނަމަވެސް އެފަދަ މުސްކުޅި ޢިމާރާތެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޓޭއަކަށް އަދި ކުރިއެރުމެއް ނުލިބެއެވެ.

ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަގުބޫލުކަން މި ކެފޭއަށް ލިބިފައިވާކަން މިތަނަށް ވަދެލުމުން ފާހަގަވިއެވެ. އެވަގުތުވެސް އޮއްވަޅު ކުޅޭގޮތް ތަޖުރިބާކޮށްލުމަށް ފަތުރުވެރިން ޝައުޤުވެރިކަން ދީގެން ތިބިތަން ފެނުނެވެ. އަދި އެ މީހުންނަށް މައުލޫމާތު ދިނުމުގައި ވެސް ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ.

ރާއްޓޭގެ ކެފޭ 1940 އިތުރު މަރުހަލާއަކަށް ގެންދިއުމަށް ސިޓީ ކައުންސިލަށް އެހީތެރިވެވިދާނެކަމަށް ފެނެއެވެ. މިފަދަ އުފެއްދުންތެރި މަސައްކަތަކައިގެން ތެދުވާ މީހުންނަށް ލޯކަލް ކައުންސިލުން އެއްބާރުލުން ދިނުމީ ފަތުރުވެރި ކަމަށާއި އިޤްތިޞާދީ ދާއިރާއިން މި ސިޓީ ކުރިއަރައި ދިއުން ހަލުވިވާނެކަމެކެވެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް މިފަދަ އުފެއްދުންތެރި އައު ކަންކަމަށް ސަރުކާރާއި ލޯކަލް ކައުންސިލްތަކުން އެހީތެރިވެދެއެވެ.










advertisment

