ނޯޓް:
"ތިތާ" ބޭނުންކޮށްފައި އެވަނީ މާލެއަށެވެ.
"މިތާ" ބޭނުންކޮށްފައި އެވަނީ ހުޅުލެއަށެވެ.
—-
ހުޅުލެ މާލެއަށް ބުންޏެވެ.
ތިތާނގެ މަތިވެރިވެރިކަމުގެ ވާހަކައާއި ތިތާނގެ މީހުންގެ މަތިވެރިވެރިކަމުގެ ވާހަކައާއި ތިތާނގެ ބިމުގެ އަގުބޮޑު ވާހަކަ އަބަދާއިއަބަދު އަޑުއިވެއެވެ.
ދިވެހިރާއްޖޭގެ ވެރިރަށް ކަމުގައި ވިޔަސް މި ބައިގަރުނު 50 އަހަރުގެ ރަންޔޫބީލުގެ މުއްދަތުގެ ތެރޭގައި މި ތަނަށްވުރެ ވަކި ކޮންމޮޅު ކަމެއް ތިތަނަށް ލިބުނު ހެއްޔެވެ؟
މިތަނާ ނުލައި އަމިއްލައަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟
ތިތަނުގެ މީހުންނަށް ދުނިޔޭގެ ގައުމުތަކަށް މިތަނާ ނުލައި ދެވިފައިވޭ ހެއްޔެވެ؟
ދުނިޔޭގެ ގައުމުތަަކުގެ ވެރީންނާއި، އިއްޒަތްތެރީންވެސް ފުރަތަމަ މިތަނަށެވެ.
އެއަށްފަހު ތިތަނަށެވެ.
ތިތަނަށް ވަޑައިނުގަންނަވާ ދުނިޔޭގެ ކިތަންމެ އިއްޒަތްތެރީންނެއް މިތާނގައި މަޑުވެސް ކުރެއްވިއެވެ.
ފުރަމާލެއޭ ކިޔުނު ނަންވެސް މާލެއަށްވީ މި ބައިގަރުނުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ ވެރިރަށް ހާސް އަހަރުވީ ސަހަރެވެ.
ސިޓީއެވެ.
ޒަމާނީ ޑިމޮކުރަސީގެ ތެރެއިން، ސިޓީ ކައުންސިލް އުފެދި ހިނގާތާ 10 އަހަރު ފާއިތުވިއިރު، އިދާރީގޮތުން އަދިވެސް ލިޔެކިޔުންތަކުގައި މިއަތޮޅުގެ އާންމު ރަށެއް ފަދައިން "ކ. މާލެ" ކަމުގައި އެބަފެނެއެވެ.
ކިހިނެއްވާ ކަމެއް ހެއްޔެވެ؟
އާބާދީ ގެންދިއުން
މީގެ ފަންސާހަކަށް އަހަރުގެ ތެރޭގައި މިތާނގެ މީހުންކޮޅު ގެންގޮސް މިތާނގެ އާބާދީ ހުސްކުރިއެވެ.
އެކަމަކު މިތާނގެ މީހުންކޮޅު ގެންދިޔަތާ 30 އަހަރު ނުވަނީސް މިތާނގެ ބޮޑު ފަޅުގެ ތެރޭގައި ބޮޑުސިންގާ ރަށެއް ހިއްކަައި، މުޅި ރާއްޖޭގެ އެތައް ބަޔަކު ވަޒަންވެރި ކުރުވައިފިއެވެ.
އެހެން ގޮތެެއް ނެތިގެން ތިތާނގެ ފަޅުން ހިއްކެން އޮތްހައި ތަނެއް ހިއްކައި އަދި ތިޔަފަޅުގައި ނެތް (ކަނޑުގައި އޮތް) މި އަތޮޅުގެ ވިލިގިނލިވެސް ތިތާނގެ ބައެެއް ބައެެއް ކަމުގައި ހިމަނައިގެންވެސް ތިތާނގެ މީހުންނަށް ދިރިއުޅޭވަރު ނުވެގެން ނޫން ހެއްޔެވެ؟
މިތާނގެ މީހުންކޮޅު ގެންދިއުމާ ހަމައަށް މިއަތޮޅުގެ ވެރިކަންވެސް އޮތީ މިތަނުގައި ނޫން ހެއްޔެވެ؟
މި އަތޮޅުގެ ވިލިގިއްޔާއި މިތާނގެ ބޮޑު ފަޅުގެ ތެރޭގައި ހެދި ހުޅުމާލެއޭ ކިޔާ ރަށް ތިތާނގެ ބައެެއް ކަމުގައި ދުސްތޫރުވެސް ކޮށްފިއެވެ.
އެކަމަކު މިތަނަކީ، ތިތަނުގެ ބައެއް ކަމަށް އަދިއެއް ދުސްތޫރެއް ފުރަމާނައެއް ނުކުރެވެއެވެ. ފަތްތޫރައެއް ނުހިންގެއެވެ.
މާލެއެވެ.
ތިޔަ ތަން ހޯދި ކަމަށް ކިޔައިއުޅެނީ އަދި ތިޔަތާނގައި އެންމެ ފުރަތަމަ ވަޒަންވެރިވި ކަމުގައި ބުނެވެނީ ގިރާވަރު މީހުންނެވެ.
އެކަމަކު ގިރާވަރު މީހުން ހާލުގައި ޖެހުމުން އެމީހުން ލެއްވީ މިތަނުގައެެވެ.
އެމީހުންނަށް މިތަނުން ވަޒަންވެރިކަމުގެ ހައްގު ދިނީމެވެ.
މިތާނގެ މީހުން ހުސްކޮށްލިއިރު އެބައިމީހުންވެސް ގެންދިޔައީތާއެވެ!
މިތަނުން "އުދުހެން" ތައްޔާރުވުމެވެ. މިކަމަށްޓަކައި މީގެ 60 އަހަރު ކުރިން، މިތާނގައި ކުރެވުނީ ރާއްޖޭގެ އެންމެ ފައިދާ ހުރި، އެންމެ ބޮޑު އިންވެސްޓުމަންޓު ކަމުގައިވި ބޮޑުވެގެންވީ ބުރަ މަސައްކަތްތަކެވެ.
ރާއްޖޭގެ އެންމެން ޝާމިލުވެގެންނެވެ.
އެހެންވެ ރާއްޖޭގެ އެއްވެސް ރައްޔިތަކު މިތާނގައި ތަފާތު ކުރުމެއް ނެތެވެ.
ކުރިންވެސް ތަފާތު ކުރުމެއް ނެތެވެ.
ތިތާނގެ ބިން އަގުއުފުލުނީ އަދި ތިތަން މަރުކަޒީކަން އިތުރުވީ މިތާނގެ މީހުންވެސް ތިތަނަށް ދިޔަފަހުން ނޫން ހެއްޔެވެ؟
ތާރީޚީ ސަގާފީ ގޮތުން ކިޔާއުޅޭ ވާހަކަތަކުން…
މާލެއެވެ.
މިރާއްޖޭގެ ވެރިރަށް ފުރަމާލެއެވެ.
ތާރީޚީ ސަގާފީ ގޮތުން ތިތަނުގެ މަތިވެރިކަމުގެ ވާހަކައަށް ބަލާލައި އަސްލު ކިޔައިދީ ނަސްލު ކިޔައިދެން ހެއްޔެވެ؟
މީގެ 700 އަަހަރު ކުރިން މިތާނގެ ހިލާލީ ކަލޯއާއި ގޯޅާވަހި ކަނބުލޯގެ ދެމަފިރިން، ތިތަނަށް ހިޖުރަކުރީ މިތަން ދަތިވެގެންނެއް ނޫނެވެ.
އަދި ކީއްހެއްޔެވެ؟
"އިރުވަރުން" ދެއްކި ފަދައިން ތިތަނަށް ވެެރިވެގަތުމެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރާނެ ދަރިފަސްކޮޅެއް ތިތާނގައި ދެމެހެއްޓުމަށެވެ.
މީގެ 700 އަހަރު ކުރިން ފެށިގެން މިއަދާ ހަމަޔަށް ފުރަމާލޭގެ ޢިއްޒަތްތެރި ބޭފުޅުންނަކީ އެ ދެމަފިރިންގެ ދަރީން ނޫން ހެއްޔެވެ؟
މަތިވެރި ދިވެހި އަޖުދާދުންވެސް އެ ދަރިކޮޅުތަކުން ނުއުފެދޭ ހެއްޔެވެ؟
ގައުމީ އަބުތާލުންނާއި ވަތަނީ ޒައީމުންނެވެ.
ހިލާލީ ދަރިކޮޅުގެ 200 އަހަރުގެ ރަސްކަމެވެ.
އެ ދަރިކޮޅުން އެތަން މިތަނަށް ފޮނުވާލި ދަރިކޮޅުތަކުން އުތީމު ދަރިކޮޅެވެ.
ގައުމީ އެންމެ އަގުހުރި ބަތަލު ބޮޑުތަކުރުފާނެވެ.
އާރާއިބާރު ހުރި ބޮޑުރަސްގެފާނާއި އައުދާނަ އިސްކަންދަރު މަހާރަދުންނެވެ.
ހިލާލީ ދަރިކޮޅުގެ ތެރެއިން އުފެދުނު ކަމުގައި ބުނެވޭ ހުރަވީ ދަރިކޮޅެވެ.
ޣާޒީ ދޮންބަންޑާރައިންނެވެ.
ހުރަވީ ދަރިކޮޅުގެ 200 އަހަރުގެ ރަސްކަމެވެ. ވެރިކަމެެވެ.
ހުރަވީ ޝާހީ ބޭފުޅުންގެ ޝާހީކަމެވެ.
އެބޭފުޅުންގެ މަތިވެރިކަމެވެ.
މި ނޫންވެސް ފުރަމާލޭ މަތީ މީހުން ކަމުގައި ވެފައިވާ އައުލާދުތަކަކީ ހިލާލީ ދަރިކޮޅުގެ މިނިމިނީން ނޫންހެއްޔެވެ؟
ރާއްޖޭގެ އަގުބޮޑު ޚަޒާނާ
މިއީ ރާއްޖެ ތަރައްގީގެ "ދޫނިތައް އުދުއްސާ ޖައްސާ" މައިމަރުކަޒެވެ.
ތިޔަ ތަނުގައި މިކަން ކުރެވެން ނެތިގެންނެވެ.
އެކަމަކު "ދޫނިތައް އުދުއްސާ ޖައްސާ" މިރީތި ހިތްގައިމު މަންޒަރުތައް ދެކެލުމުގެ އުފާ ލިބިލިބި ރަންޔޫބީލަށްވުރެ ގިނަ އަހަރުވީ ނޫން ހެއްޔެވެ؟
މިތަނުގެ ފައިދާއާއި ނަފާ މަންފާ ޚާއްޞަކޮށް ތިތަނަށް ނޫން ހެއްޔެވެ؟
މުޅި ރާއްޖެއަށެވެ.
ހުރިހާ ރައްޔިތުންނަށެވެ.
މި ބައިގަރުނުން ފެށިގެން މިއީ ރާއްޖޭގެ ތަރައްޤީގެ މައި ނާރެހެވެ.
މިލިޔަނުން މީހުން އައިސްގޮސްވުމެވެ.
ތިޔަ ތަނަށް އައުމެއް ދިއުމެއް ނެތި މިިލިޔަނުން ފަތުރުވެރިން ރިސޯޓުތަކަށެވެ.
ތިޔަ ތަނަށް ގޮސްލަނީ ނިސްބަތުން މަދު ފަތުރުވެރިންނެވެ.
ދުނިޔޭގެ ތެރެއަށް ވައިގެ ތެރެއިން ދިވެހީން ގޮސްއައިސްވުމަށް އުދުހެނީ މިތަނުން ނޫން ހެއްޔެވެ؟
އަދި ރަށްރަށަށް ގޮސް އައިސްވުމަށް އުދުހެނީވެސް މިތަނުންނެވެ.
މިތަނުގެ ޑިމާންޑު ދުވަހުންދުވަހަށް އަންނަނީ ބޮޑުވަމުންނެވެ.
ތިތަނުގެ ޑިމާންޑު ދުވަހުން ދުވަހަށް ދަނީ ދަށްވަމުންނެވެ.
ހުޅުމާލެ، ތިލަމާލެ، ގުޅިމާލެ، މިގޮތަށް މުޅި މިއަތޮޅު މާލެ ކަމުގައި ހަމަޖައްސާ ވަރަކަށް ތިޔަ "ފުރަމާލޭގެ" ބިމުގެ އަގު ދަށްވަނީއެވެ. ކުލިތައްވެސް އަންނަނީ ކުޑަވަމުންނެވެ.
މިތަނަކީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު އެންމެ އަގުހުރި ތަނެވެ.
އެކަމަކު މިތަނުގެ ރަޖިސްޓަރީގައި އެކަކު ވެސް ނެތެވެ.
މިތަނުގައި ދިރިއުޅޭނެ މީހުން ބޭނުމެއް ނޫނެވެ.
މިއީ ދިވެހި ހުރިހާ ރައްޔިތުންގެ ރަށެވެ.
މިތަނަށް އެންމެން އައިސްގޮސްވެއެވެ.
މިއީ އެންމެ ކާރޫބާރޫ ބޮޑު އެންމެ މުއްސަނދިތަނެވެ.
މިތަނުން ފައިސާ އޮހެނީއެވެ.
ދިވެހިރާއްޖެއަށް "ރަންބިސްއަޅާ ކުކުޅުތަކުގެ" (ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު ފަތުރުވެރިކަމުގެ) މައި ވިއުގައަކީ މިއީއެވެ.
ކޮވިޑުން ސާބިތުވީ ތިތަން ފުރަބަންދުވިޔަސް ރާއްޖެ ނުހުއްޓޭނެ ކަމެވެ.
އެކަމަކު މިތަން ފުރަބަންދުވުމުން މުޅި ރާއްޖެ ހުއްޓުނީއެވެ.
އާނއެކެވެ.
ގަބޫލުކޮށް އެއްބަސްވަމާ ހިންގަވާށެވެ.
މިއީ، ރާއްޖޭގެ ތަރައްގީއަށްޓަކައި "ދޫނިތައް އުދުއްސާ ޖައްސާ" މައިމަރުކަޒު ކަމުގައެވެ.
ރާއްޖޭގެ އިގުތިސާދުގެ މައިނާރެސް ކަމުގައެވެ.
މިލިޔަނުން މީހުން އައިސްގޮސްވުމާއި އެންމެ ގިނަމީހުން ޒިޔާރަތް ކުރުމުގެ ރެކޯޑު ކަމުގައެވެ.
ރާއްޖޭގެ އެންމެ އަގުހުރި "ރަން ބިން" ކަމުގައެވެ.
ދިވެހިރާއްޖޭގެ "އެންމެ އަގުހުރި ޚަޒާނާއެވެ."
ދިވެހި ހުރިހާ ރައްޔިތުންގެ ރަށެވެ.



advertisment