Support Us

ފުވައްމުލަކުގެ ހިތްގައިމު ދަތުރު

ދުރުން ބަލާއިރު ފުވައްމުލައް ފަދަ ހިތްގައިމު ޖަޒީރާއަކަށް ރަސްމީ ދަތުރެއް ކުރުން މީހަކަށް ފެންނާނީ ވަރަށް އިއްޒަތްތެރި ދަތުރެއްގެ ގޮތުގައެވެ. މަޖަލާއި އުފަލުން ފުރިފައިވާ ދަތުރެއްގެ ގޮތުގައެވެ. ބައެއް ފަހަރު ހަގީގަތް ވަރަށް ތަފާތުވެދާނެއެވެ.

އަހަރެމެން މީޑިއާއިން ވަރަށް ހަނި ޝެޑިއުލެއް ކަވަރު ކުރަން އުޅޭ މީހުންނަށް ފެންފޮދެއް ބޯލާނެ ވަގުތެއް ވެސް ނުލިބިދާނެޔޭ ބުނެފިއްޔާ އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ކޮންމެއަކަސް އެ ދުވަހު މުލަކުގައި ފަހަރަކު ކަމެއް ކައިރިކައިރީގައި ހިނގަމުން ދިޔައެވެ. އެއްތަނެއް ނިމޭ އިރަށް އަނެއް ތަނަކަށެވެ. އެއީ ރީތި ބޮޑު ރަށެކެވެ. އުނދަގޫވީ އެހެންވެއެވެ. އެދުވަހު ކަވަރުކުރަން ޖެހުނު ހުރިހާ އިވެންޓެއް ނިންމާފައި ނިދާގެޔަށް ދެވުނީ މެންދަމުން އެނބުރިފަހުންނެވެ. އޭރު މުޅި ރަށް ވަނީ އަނދިރިވެފައެވެ. ވެފައިވާ ވަރުބައްޔާއެކު އަހަރެން ބެލީ އަވަހަށް ނިދާލެވޭތޯ އެވެ. އެއީ ނުހަނު އާ، އެހާމެ ރީތި ގެޔެކެވެ. ނިދަންވެގެން ބަލާލިއިރު ކޮޓަރިއަކު ފެންޖަގެއް ނެތެވެ. ގެޔަކު އެކަކުވެސް ނެތެވެ. ޓެޕުން ފެން ނުބޯންވެގެން ނިދައިފީމެވެ. ހެނދުނު ސަޔާއި މީރު ކެއުންތައް ހުންނާނެތީއެވެ.

ވަރަށް ފަތިހާ ސައިކަލެއްގައި މީހަކު ބަލައި އަތުވެއްޖެއެވެ. މަގުހެދުމުގެ މަޝްރޫއެއް ނިމޭތީ ކަމެއް ފެށޭތީ ކަމެއް ހަނދާނެއް ނެތެވެ. ދެން އެކަންތައް ހަމަ ނިމުނުތަނާ މީހަކު އައިސް ބުންޏެވެ. އަވަހަށް ފުރަން ދާންވީއެވެ. ލޯންޗް އެ ނައްޓާލަނީއެވެ. ދެން އަވަހަށް ދިޔައީއެވެ. އެހުރިހާ މީރު ސަޔާ ހެދިކާތައް ތައްޔާރުވެފައި ހުއްޓާވެސް މެއެވެ. ލޯންޗަށް އެރިތަނާ ނައްޓާލައިފިއެވެ. ދެން އަވަހަށް ބެލީ ފެން ލިބޭތޯއެވެ. ނަސީބު ދިމާކުރީ ހީކުރި ގޮތަކަށް ނޫނެވެ. ލޯންޗުގައި އެންމެ ފެންފޮދެއް ވެސް ނެތެވެ. އެދުވަސް ހޫނުގަދަ ދުވަހަކަށް ވީކަން އަދި މާދެރައެވެ.

ލޯންޗު ދުއްވަނީ ދުއްވުނު އެންމެ ބާރަކަށެވެ. ދަނީ އައްޑުއަތޮޅު ގަމާ ދިމާއަށެވެ. ވަށައިގެން ވިއްސަމުން ދަނީ ލޮނެވެ. އެވެސް ފެނެއް ނޫނެވެ. ގަމަށް ދެވޭނީ ކިހާއިރަކުން ބާއޭ ހިތަށް އަރައަރާ އިނީމެވެ.

މިއޮތް ހިތްގައިމު ދަތުރުގައި ފެންފޮދެއް ނުލިބިފައި ހުންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. ދެރައީ މީގެ ކުރީގައި މިކަހަލަ ހާދިސާއެއް ދިމާވެފައި ނެތީމައެވެ. މިހާރު މަގެއް ހުރަސް ކުރަން ދާއިރު ވެސް ފެންފުޅިއެއް ގެންދަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *