ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުންދައްކައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން އެނގި ހާމަވާނީވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެންވުމުން ތަފާސްހިސާބަށް އިލްމީގޮތުން ވަނީ މުހިންމު އަހަންމިއްޔަތެއް ދީފައެވެ.
މީގެ 25 އަހަރު ކުރިން 21ވަނަ ގަރުނު (މިގަރުނު) ފެށުނުއިރު، 2020އަށްކުރި ތަޞައްވުރު ތެރެއިން ގައުމީ ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާއިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ހިންގުމާއޖ ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީ ސިޔާސަތެއް ކަނޑައަޅައި ހިންގުމާއި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ބޭނުންވާ ތަފާސްހިސާބު، ޒަމާނީ ޓެކުނޮލޮޖީގެ އެހީގައި އެއްކުރެވި، ކަމާބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާ ކުރެވި، ތަފާސްހިސާބުގެ ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެއެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާއިރު، އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ 1000 އަހަރު ކުރީއްސުރެ، ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު، މިފަދަ ތަފާސްހިސާބު މަރުކަޒީ ނިޒާމުން އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގައި ބަލަހައްޓާފައިވާކަން ސާބިތުވެއެވެ.

އިއްޔެ ނޫން އިހަށްދުވަސް، 20 އޮކުޓޫބަރު އެއީ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހެވެ. ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް ފާހަގަކޮށް ނިމިގެންދިޔައިރު ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ މާޒީއަށް ބަލައިލުން މުހިންމެވެ.
މިގޮތުން 2020ގެ ތަސައްވުރު ހާސިލުވިތޯ ނޫނީ ހާސިލުނުވިތޯ ބަލާލުންވެސް މުހިންމެެވެ.
މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށީގެ މިސާލެކެވެ.
- 1811ގައި ކުޅުދުއްފުށީގައި ތިބީ ވާރުދޭ އުމުރުގެ (15 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުގެ) 112 މީހުންނެވެ.
- 1911ގައި ރާއްޖޭގައި ފުރަތަމަ ބޯހިމެނިއިރު
- ކުޅުދުއްފުށީގެ އާބާދީއަކީ 1697 މީހުންނެވެ.
- 2022 (މިހާރުގެ) ކުޅުދުއްފުށި ސިޓީގެ އާބާދީ 16،000 އަށްވުރެ އިތުރެވެ.
- 1911 (ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމެނި އަހަރު)ގެ ރާއްޖޭގެ އާބާދީއަކީ 72،237 މީހުންނެވެ.
- މީގެ 60 އަހަރު ކުރިން، 26 ޖުލައި 1965ގައި ދިވެހިރާއްޖެ ޚާރިޖީގޮތުން ފުރިހަމައަށް މިނިވަންވީއިރު، ރާއްޖޭގެ އާބާދީ ލައްކައެއް ހަމަނުވެއެވެ.
- 2022 (މިހާރުގެ) ރާއްޖޭގެ އާބާދީ 563,317 އަށްވުރެ އިތުރެވެ.
- 1911ގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގެ އާބާދީގައި 5،237 މީހުންނެވެ.
- 1911ގައި އެންމެ މަދު މީހުން ދިރިއުޅުނު ރަށަކީ އަރިއަތޮޅު މަޑޫގައްޔެވެ. (މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ.) އެ ރަށުގެ އާބާދީގައި އެންމެ 23 މީހުންނެވެ.
- 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި، 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ.
- 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ އަންހެނުންގެ 34 އިންސައްތަ ކަމުގައިވި، 10,486 އަންހެނުން ބޮނބިތަޅާ ރޯނުވެށުމުގެ މަސައްކަތްކުރެއެވެ.
ވީމާ، މިއިން އެނގެނީ ދިވެހިންނަކީ މުރާލި، މަސައްކަތްތެރި ބައެއް ކަމެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަން ހިންގި އިދާރާތައް
1000 އަހަރުކުރިން ފެށިގެން 1932 އަށް
- މަރުކަޒީގޮތުން ފުރަމާލޭ ބޮޑުބަނޑޭރިގެ
- ލާމަރުކަޒީގޮތުން އަތޮޅުތަކުގައި ކާރުދަވެރިޔާ/ ވާރުވެރިޔާ/ އަތޮޅުވެރިޔާ
- ރަށްރަށުގައި ގޮއިވެރިޔާ/ ޚަޠީބު/ ކަތީބު
1932 އިން 1959އަށް
- މަރުކަޒީގޮތުން ފުރަމާލޭ ވުޒާރަތުއްދާޚިލިއްޔާ
- ލާމަރުކަޒީގޮތުން އަތޮޅުތަކުގައި އަތޮޅުވެރިޔާ
- ރަށްރަށުގައި ގޮއިވެރިޔާ/ ޚަޠީބު
- 1959އިން 1978އަށް ވުޒާރަތުއް ދާޚިލިއްޔާ
- 1968 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒް
- 1959 އިން ފެށިގެން އަތޮޅުތަކުގެ އަތޮޅު އޮފީސްތައް
- 1959 އިން ފެށިގެން ރަށްރަށުގެ ރަށު އޮފީސްތައް
- 1978 ނޭޝަނަލް ޕްލޭނިންގ އެޖެންސީ
- 1982 މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑެވެލޮޕްމަންޓް
- 1988 މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް
- 1993 މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓް
- 1988 – 2008 މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑެވެލޮޕްމަންޓް
- 2008 – 2014 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
- 2014 – 2018- ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)
- 2018 – 2021 ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
- 2018 – 2021
- 2021- ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އުފެދުނު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
- 2023 – މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑެވެލޮޕްމަންޓް)
- 2024 މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ)



advertisment