ޕާކިސްތާނުގައި ހަތިޔާރު އެޅި ދެ މީހަކު ވެގެން އަންހެނަކު އޭނާގެ ދަރިންގެ ކުރިމަތީގައި ރޭޕްކޮށް، ގަހަނާތައް ފޭރިގަނެގެން ފިލައިފިއެވެ.
ލާހޫރުގެ ހައިވޭއެއްގައި އިއްޔެ ރޭ މި ހާދިސާ ހިނގައިފައި ވަނީ ކާރު ހުއްޓުމުން، އެހީއެއްގެ އިންތިޒާރުގައި އެ އަންހެން މީހާ ހުއްޓައެވެ.
ފުލުހުން ބުނި ގޮތުގައި ޕެޓްރޯލް ހުސްވުމުން އަންހެން މީހާ ކާރުގައި އިނީ ތަޅުލައިގެންނެވެ. ނަމަވެސް އެ ދެ ފިރިހެނުން ކާރުގެ ބިއްލޫރިގަނޑު ތަޅާލައި، އަންހެން މީހާ ކާރުން ނެރުނެވެ. އަދި އޭނާގެ ދަރިންގެ ކުރިމަތީގައި ދެމީހުން ވެގެން ވަނީ ރޭޕްކޮށްފައެވެ. ލާހޫރުގެ އުތުރުގައި ހިނގި މި ހާދިސާގައި އެ ދެ މީހުން ފިލުމުގެ ކުރިން އަންހެން މީހާގެ އަތުން ފައިސާއާއި ގަހަނާތަކެއްވެސް ވަނީ ފޭރިގެންފައެވެ.
ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ހައްޔަރުކުރި 15 މީހުންގެ ތެރޭގައި ކުށްވެރިން ހިމެނޭ ކަމަކަށް ނުބެލެވެއެވެ.
ރޭޕްގެ މި ހަބަރާއެކު، އާންމު ރައްޔިތުން ރުޅިވެރިކަން ވަނީ ފާޅުކޮށްފައެވެ. އަދި މި އަމަލު ކުރި މީހުން އާންމުންގެ ކުރިމަތީގައި ދަންޖައްސާ މެރުމަށްވެސް ގޮވާލާފައިވެއެވެ.
އާންމުންގެ ރުޅިވެރިކަން އިތުރުވެގެން ގޮސްފައިވަނީ ލާހޫރުގެ ޕޮލިސް ޗީފް އުމަރު ޝެއިޚްގެ ބަސްތަކުންނެވެ. އޭނާގެ ވާހަކައިގައި މި ރޭޕަކީ އަންހެން މީހާގެ މައްސަލައެއް ކަމަށް ބުނެފައިވެއެވެ. އަދި ދަންވަރު ދަރިން ގޮވައިން ދަތުރު ކުރަންޖެހޭނީ ކާރުގައި ޕެޓްރޯލް ހުރިތޯ ޔަގީންކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ކުށްވެރިން 48 ގަޑިއިރުގެ ތެރޭގައި ހޯދާނެ ކަމަށް ޝެއިހް ބުނެފައި ވީނަމަވެސް އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. މިގޮތުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އުމަރު ޝެއިހް ވަގުތުން ވަގުތަށް މަގާމުން ވަކިކުރުމަށްވެސް ގޮވާލާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނުގައި މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ.



advertisment