Support Us

އ.ދ.ގެ މައިމަރުކަޒުގައި ދިވެހި ދިދަ ވިހުރުވޭން ފެށިތާ 60 އަހަރު

ދިވެހިރާއްޖެ، އ.ދ.ގެ މެމްބަރު ގައުމަކަށްވީ 21 ސެޕްޓެމްބަރ 1965 ގައެވެ. އެއިގެ ފަހުން، މީގެ ބަރާބަރު 60 އަހަރު ކުރިން، 12 އޮކްޓޫބަރު 1965ގައި، އ.ދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވި، ބައިނަލްއަޤުވާމީ ސަފުގައި ދިވެހި ޤައުމީ ދިދަ ވިހުރުވޭން ފެށިއެވެ.

އެ ތާރީހީ ދުވަހަށް މިއަދު 60 އަހަރުވީއެވެ!

ތާރީޚީ ގޮތުން ދިވެހި ދިދަ

މިހާރު ހުންނަ ގޮތަށް ދިވެހި ދިދަ ބަދަލުކުރުމުގެ ކުރިން ޤައުމީ ދިދައެއްގެ ގޮތުގައި ބޭނުންކުރީ ރަތްކުލައިގައި ހުންނަ ދިދައެކެވެ. ބޭރު މީސްމީހުން ލިޔެފައި ހުންނަ ލިޔުންތަކުން މިކަން އެނގެއެވެ. އެ ދުވަސްވަރުގައި ދިދަ ނަގައި އުޅުނީ ބޭރުގެ އިއްޒަތްރެރިއަކު ވަޑައިގަތުމަށް މާލެ ޒީނަތްތެރި ކުރުމުގައެވެ. އާކޯއްޓޭ ދިދަ ދަނޑިއަށާއި ބޮޑުކޯއްޓޭ ދިދަ ދަނޑިއަށްވެސް އޭރު ދިދަ ނަގައެވެ. އެ މުނާސަބަތު ނިމުމުން ދިދަ ނަގަނީ ހިތިދުވަސް ފަދަ ރަސްމީ ދުވަސްތަކުގައެވެ. އެ ޒަމާނުގައި މިފަދަ މުނާސަބާތަކުގައި ދިދަ ނަގާއިރު، ދިދައިގެ މައްޗަށް ހުންނަނީ އަމަރާލިނަގާފައެވެ. (އަމާރާއްޔަކީ ހަނިދިގު ކަފި ދިދައެވެ.)

ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 20ވަނަ ދުވަހަކީވެސް ހަތަރު އަވަށު މައިޒާންދޮށުގައި ހުންނަ ކޯއްޓޭއަށް ދިދަ ނަގާ ދުވަހެކެވެ. ހެންވޭރު ބޮޑު ކޯއްޓޭއަށާއި، ދުނބުގަސްދޮށު ބޮޑުކޯއްޓޭއަށެވެ. އެ ޒަމާނުގައި ބޭރުގެ އުޅަނދެއް މާލޭގެ ބޭރު ބަނދަރަށް ވަނުމުންވެސް ބޮޑުކޯއްޓޭއަށް ދިދަ ނަގައި އުޅެއެވެ. ދިދަ ނަގަނީ އެ އުޅަނދެއް ބަނދަރުގައި އޮންނައިރު ހަޔަކުން ހަޔަކަށެވެ. ދިދަ ނަގައިފައި ހުންނަނީ ބޮޑުކޯއްޓޭ ދިދަ ދަނޑީގެ ހުންނަ ކާލިގަނޑަކަށް އެ ބޯއްޓެއް ރަޖިސްޓްރީ ކޮށްފައިވާ ދައުލަތެއްގެ ދިދައެކެވެ. ވިޔަފާރި އުޅަނދެއް ނަމަ އެ އުޅަނދެއް އަންނަ ގައުމެއްގެ ދިދަ ނަގާ ކަމަށް ވެއެވެ.

ކުރިން ނަގަމުން އައި ރަތްކުލައިގެ ދިދަ އަށް ބަދަލު ގެންނެވީ ސުމުއްވުލްއަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ކިލެގެފާނު މަޝްހޫރު ޙައްޖުދަތުރުފުޅު ނިންމަވާފައި މިސުރާއި، ޝާމްކަރައާއި، ޢިރާޤަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތީ 1930 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ގައެވެ. މި ދަތުރުފުޅަށްފަހު އެކިލެގެފާނުގެ ލަފާފުޅުގެ މަތިން އެކިލެގެފާނުގެ އަމުރުފުޅަށް ދިވެހި ދިދައެއް ފަރުމާކުރެއްވީ) ނަޚްޛާ ހަސްނަ ކަލޭގެފާނު (ފަހުން ހަސަން ރަނަހަމާންތި ކަލޭފާނު) އެވެ. ކީރިތި މަހާރަދުންގެ ޚާއްޞަ ދިދައެއް ކަމުގައި ހަމަޖެއްސެވީ ދިވެހި ދިދައިގައި ހުންނަ ހަނދުފަޅީގެ އިތުރަށް ތަރިއެއް ޖަހައިފައިވާ ދިދައެކެވެ. އެ ޒަމާނުގެ ބައެއް ރަސްމިއްޔާތުތަކުގެ ފޮޓޯތަކުން މިކަން ފެންނަން އެބަހުއްޓެވެ. މި ޒަމާނުގެ ދިވެހި ދިދަ ތައްޔާރުކުރި ކަމަށް ބެލެވެނީ، 1930މ. ވަނަ އަހަރު ތެރޭގައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އަލްއުސްތާން މުޙައްމަދު ޝަމްސުއްދީނެވެ. ޢަމަލީގޮތުން ދައުލަތް ހިންގަވަނީ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. މި ދިދަ އެންމެ ފުރަތަމަ ބޭނުންކުރީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން (ތިންވަނަ) ހިއްޗަށް ވަޑައިގެންނެވި ރަސްމިއްޔާތުގައެވެ.

ދިވެހި ދިދަ ފަރުމާކުރުމުގެ ކަންތައް ހިނގައިދިޔަ ގޮތް

އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު، ހަސަންކަލޭފާނު ބަލައި ފޮނުވާ އަތިރިމާފަންނު ގެއަށް އެއް ދުވަހެއްގެ މެންދުރެއްހާއިރު ގެންދަވާފައި ކިލެގެފާނު ވިދާޅުވިއެވެ.

"ހަސަން މާލިމީ (އޭރު ހަސަންކަލޭފާނަކީ ސަރުކާރުގެ ނާޒޯންގް ފަހަރުގެ ބޮޑު މާލިމީއެވެ.) މިއަދު މިގެނައީ ބޮޑުކަމަކު އެވެ. މި ރާއްޖެއިން އެންމެ ގިނަ ދަތުރު ބޭރަށް ކުރާ މީހުންގެ ތެރޭގައި ހަސަން މާލިމީ ވާނެންޏާއެވެ. ވީމާ ރަތް ކަނޑިކި ފޮތިގަނޑެއް މި ރާއްޖޭގެ ދިދައަކަށް ހުންނާތީ ބޮލަށްވާ އުނދަގުލުން މި ރާއްޖެއަށްވެސް ކަމުދާ ވައްތަރެއްގެ ދިދައެއް ފަރުމާކުރަން ހަވާލުކުރަން ވެގެންނެވެ. ޙަސަން މާލިމީ ދެންނެވިއެވެ. އަޅުގަނޑަކީ ކުރަހާ މީހެއްވެސް ނޫނެވެ. މާފަތްތަކުރުފާނުގެ އާދަމްމަނިކު (ފަހުން ޞ.ސ. އާދަމް ނަސީރު މަނިކު) ކަހަލަ ކުރެހުންތެރިން ނުވަތަ ފިނޭ އަލިފުޅު ނުވަތަ ތަބައް އަލިފުޅު ފަދަ ލިޔުންތެރި މީހަކާ ހަވާލުކުރެއްވިއްޔާ މިކަމުގައި ރަނގަޅެއްނުވާނެބާއޭ ހިތަށް އަރައެވެ، އެމީހުންގެ ކިބައިގައި ފާޑުވެރިކަން ހުންނާނެތީއެވެ. ކިލެގެފާނު ވިދާޅުވިއެވެ. އެމީސްމީހުނަށްވުރެ މިކަމަށް މާލިމީ މޮޅުވާނެތީ ގެނައީމެވެ. ލިޔެކިޔުމެއްވެސް ނޫނެވެ. މީ މަންޒަރު ކުރެހުމެއް ވެސް ނޫނެވެ. ނޫޓެއް ނުވަތަ އިސްޓޭމްޕެއް ކުރަހާ ނަމަ އެމީސްމީހުން ގެނައީމުހެވެ. މާލިމީ ދެންނެވިއެވެ. ދިދައިން ރަމްޒުކޮށްދޭ ދިދައިގައި ހިމަނާނެ ވަކި ކަންތަކެއް ކިލެގެފާނުގެ ކިބަފުޅުގައި ވޭތޯއެވެ؟ ކިލެގެފާނު ވިދާޅުވިއެވެ. މިއީ ދަރުމަވަންތަ ރަސްގެފާނާ ހަމައިން ފެށިގެން އިސްލާމް ޤައުމެކެވެ. އެކަން ދިދައިން އެނގެންވާނެއެވެ."

މިކަމާ ބެހޭގޮތުން ޙަސަން މާލިމީ ހާމަކުރައްވާފައިވެއެވެ.

"ގެއަށް އައިސް ދެތިން ދުވަހަކު ވިސްނައި ހަދައިގެން ވިސްނުމަށް އައީ، ހަނގުރާމަތަކެއް ކޮށް ބަޔަކު ޝަހީދުވެގެން ދެމެހެއްޓިފައިވާ ޤައުމެއް ކަމަށް ވަންޏާ އެވީ ޤުރުބާނުގެ ނިޝާނަކަށް ރަތްކުލަ އެންމެ ބޭރަށް ލުމަށާއި، އަމާންތަނެއްގެ ގޮތަށް އޮތަތީވެ އޭގެ ރަމްޒަކަށް ފެހިކުލަ މެދުތެރޭން ބޭނުން ކުރުމަށާއި، އިސްލާމްދީން ދެމެހެއްޓުމުގެ ރަމްޒެއްގެ ގޮތުގައި ހުޅެވި ހަނދެއް ހުދުކުލައިން ދިދަ ދަނޑިޔާ ދިމާލަށް އޭގެ ތުނޑު ވާނެހެން އެންމެ އެތެރެއަށް ލުމަށެވެ. އަދި ދިދައިގެ މަތީގައި ކަޅާއި ހުދު ބެހެއްޓުމަށެވެ. އެއީ ޤައުމަށް ދިމާވި އަލިކަމާއި އަނދިރިކަމާ ދައްކައިދިނުމަށެވެ. މިއީ ރަތްކުލައިގެ ފޮތިގަނޑެއް ދިދައަކަށް ހުރިއިރުވެސް ބޭނުންކުރާ ދެކުލައެވެ. މިގޮތަށް ކުރަހައިގެން ކަރުދާހުގައި އެކުލަތައް ޖައްސާނެ އެއްވެސް ފާޑެއްގެ ކުލައެއް ގަންނަން ނުލިބިގެން ބާޒާރުން އެކުލައިގެ ފޮތި ގަނެގެން އައިސް މިހާރު މ. ސްކޫނަރ (ކުރިން ދަތުރުނާގެ) ދޮންއަލީ ސަރަނގު (އެއީ ބުރިގް އަތިއްޔަތުއްރަހުމާނު ބޮޑުނާކޮޅުގެ ސަރަނގެވެ.) ހޯދައިގެން ގެނެސް އޭނާ ލައްވާ ކަރަންކާގޭގައި ދިދައެއް ފެއްސެވީއެވެ. ރަނގަޅު މިންގަނޑެއް ނުކުތީ ހައެއްކަ ދިދަ ފެހިފަހުންނެވެ. އެ ދިދަ ހިފައިގެން އަތިރީ މާފަންނުގެއަށް ގޮސް ކިލެގެފާނުގެ އަތްޕުޅަށް އެރުވީމަައި ބަންދުކޮށްފައިވާ ކަރުދާސް ކަނޑައި ދިދަ ނިއުޅައި ބައްލަވާފައި ވިދާޅުވިއެވެ. ވަރަށް ރަނގަޅެވެ. ކޮންމެ ޤައުމެއްގައި ވެސް އެތަނެއްގެ ރަސްކަލަކަށް ވަކި ދިދައެއް ހުރެއެވެ."

މިހާރުގެ ގާނޫނުއަސާސީގައި, ދިވެހި ދިދަ އެކުލެވިގެންވާ ގޮތާއި މިންތަކާއި ކުލަތައް ބަޔާންވެގެންވެެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *