Support Us

އަޝްފާ ފިލްމީ ދާއިރާއަށް ނުކުތީ ތަޖުރިބާ ކޮށްލަން

ކުޑައިރުއްސުރެ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ މަރިޔަމް އަޝްފާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށްވުމެވެ. މިއަދު އޭނާއަކީ ރާއްޖޭގައި ތިބި ލަވަކިޔުންތެރިންގެ އެންމެ މަތީ ހަރުފަތުގައި ފައިހަމަކޮށްފައިވާ މަޝްހޫރު ފަންނާނެކެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި ގިނަ ބައެއްގެ މަގްބޫލްކަން ވެސް ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ މިހާރު ވަނީ ޑާކްރެއިން އެންޓަޓޭންމަންޓުގެ "ބީވީމާ" އިން ފިލްމީ ދާއިރާއަށް ނުކުމެފައެވެ. އެއީ ގިނަ ބަޔަކު ސިއްސުވާލި ހަބަރެކެވެ. އަޝްފާގެ ފޭނުންނަށް އޭނާ ދިނީ ވަރަށް ބޮޑު ސަޕްރައިސެކެވެ.

ސްކޫލް ދައުރުގައި ލަވަކިޔައިގެން އެތައް ވަނަތަކެއް ވެސް ހޯދައިފައިވާ އަޝްފާ "އަދިވެސް"އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި ފިލްމް ކުޅުމުގެ ޝައުގުވެރިކަމެއް ކުރިން ނެތެވެ. ނަމަވެސް ފަހުން ފިލްމީ ދާއިރާގެ ދެތިން ޕްރޮޑަކްޝަން ހައުސްއަކުން ރަނގަޅު ހުށަހެޅުންތައް ލިބެމުންދިޔަ އެވެ. އެގޮތުން ޑާކް ރެއިން ފަދަ ރާއްޖޭގައި ނަންހުރި ބަޔެއްގެ ރަނގަޅު ހުށަހެޅުމެއް ލިބުނީމަ ގަބޫލްކުރީ އެވެ. އަދި ފިލްމީ ދާއިރާއަށް ނިކުތީ އެކްސްޕީރިއެންސްއެއް ކޮށްލުމުގެ ބޭނުމުގައި ކަމަށާއި ފިލްމީ ދާއިރާއަށް ނިކުތް ނަމަވެސް އޭނަ އަބަދުވެސް ކުރިއަށް ދާނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ކަމަށް އަޝްފާ ބުންޏެވެ.

އަޝްފާ ބުނީ "ބީވީމާ" އަށް ފަހު ފިލްމީ ދާއިރާއިން ދެން ނުފެންނާނެއޭ ބުނާކަށް އަދި ނޭނގޭ ކަމަށާއި އެކަން ނިންމާނީ މި ފިލްމަށްފަހު ބެލުންތެރިންގެ ފަރާތުން ލިބޭ ފީޑްބެކަށްފަހު ކަމަށެވެ.

"ރާއްޖޭގައި ރެޕިއުޓެޑް ޕްރޮޑަކްޝަން ކުންފުންޏަކުން ރަނގަޅު ހުށަހެޅުމެއް އައިމަ އެކްސްޕީރިއެންސް ކޮށްލަން ބޭނުންވީ. މި ފިލްމަށްފަހު ބެލުންތެރިންގެ ފީޑްބެކަށް ބަލާފައި ކުރިއަށް އޮތް ތަނުގައި ފިލްމެއް ގަބޫލްކުރުމަށް ގޮތެއް ނިންމާނީ. އެކަން އެނގޭނީ ވެސް ވަގުތު ޖެހުނީމަ،" އަޝްފާ ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އެންޓަޓެއިންމަންޓް ދާއިރާގެ މާބޮޑު މަސައްކަތެއް ނުފެނުނު ނަމަވެސް ފަރުދާގެ ފުރަގަހުގައި ބުރަކޮށް އުޅޭ ތަރިންގެ ތެރޭގައި އަޝްފާ ގުނާލެވެއެވެ. އެގޮތުން ކޮވިޑް ކަންތައްގަނޑު ހަމައަކަށް އެޅުމުން ޕްރިމިއާ ކުރުމަށް ހަމަޖައްސާފައިވާ އަށެއްކަ ފިލްމަށް އޭނާ ވަނީ ލަވަކިޔައިދީފައެވެ. އޭގެތެރޭގައި ޔާރާ ޕްރޮޑަކްޝަންގެ ފިލްމަކާއި، ނަހުލާގެ "ސޮރީ" އާއި ޓެޑްރީގެ "ލަސްވިޔަސް" އާއި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އަދި ޔޫސުފް ޝަފީއުގެ "ހެހެސް" އާއި ޑާކްރެއިން އެންޓަޓޭންމަންޓްގެ "ނޮވެމްބަރ" އަދި އައިފިލްމްގެ "ނީނާ" ހިމެނެއެވެ.

އަޝްފާ ކިޔައިދިން ގޮތުގައި އޭނާ މިހާރު ކުރިއަށް ގެންދަނީ އޭނާގެ ޑްރީމް ޕްރޮޖެކްޓެއް ކަމުގައިވާ އަމިއްލަ ޑެބިއު ވީޑިއޯ ލަވައެއްގެ މަސައްކަތެވެ. އެގޮތުން މިހާރު އެލަވައިގެ އޯޑިއޯގެ މަސައްކަތް ނިމި، ވަރަށް އަވަހަށް ވީޑިއޯގެ މަސަތްކަތް ފަށާނެ އެވެ. އަދި މިއަހަރުގެ ތެރޭގައި ބެލުންތެރިނަށް އެވީޑިއޯ ލަވަ ފެންނާނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ.

"މިއީ ފުރަތަމަ އަމިއްލަ ސޯލޯ، މިއީ އަހަރެންގެ ޑްރީމް ޕްރޮޖެކްޓެއް،" އަޝްފާ ބުންޏެވެ.

ދިވެހި ފިލްމްތަކަށް ލަވަކިޔަން ފެށުމުގެ ފަހުން އޭނާ އަކީ އަބަދުވެސް ބެސްޓް ފައިވްގެ ތެރޭގައި ނޮވިނޭޓްވަމުން އަންނަ ފަންނާނެކެވެ.

އަޝްފާ ފުރަތަމަ އާއްމުންގެ ތެރެއަށް ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނިފައިވަނީ 2006 އަހަރު އޭނާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަ) އާ އެކީގައި ކިޔާފައިވާ "ދަންދަން" މިލަވައިންނެވެ. މިހާތަނަށް އަޝްފާ ވަނީ ވިއްސަކަށް ލަވަ ފިލްމްތަކަށް ކިޔައިދީފަ އެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ލަވަތައް އޭނާ ވަނީ ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
135116
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *