Support Us

މި ފޮޓޯ ފެނި… އެ ހަނދާނުގައި…

"ލޯބިން ގުޅޭ ދެ ހިތެއް ސަފުން، ވަކިކުރެވިދާނޭތޯ؟…"

"އަސްރު ދިޔައީ ގެއްލިގެން އުންމީދުކުރަމުން އައި ނަޔާ…"

"ގައުމަށް އައި މިނިވަން ނޫރާނީ، ދައުރުން މި ހަނދާންތައް އާކުރަނީ…"

އަޅުގަނޑުގެ އުމުރުން އޭރު ދިހަ ބާރަ ވަރަކަށް އަހަރެވެ. ފަނަރައެއް ނުފުރޭނެއެވެ. ގޭތެރޭގައި ކުޅެން އުޅެނިކޮށް، މީހަކު ލަވަކިޔާ އަޑު އިވިއްޖެއެވެ. ދަންނަ ލަވައެކެވެ. ރައްޓެހި އަޑެކެވެ. ލަވަ އިވޭ ދިމާލަށް އަވަސް އަވަހަށް ދިޔައިރު، އެ މީހަކު ލަވަކިޔަން އިނީ ބޭރުގޭތެރޭގައި ހުރި އުނދޯއްޔެއްގައެވެ. އުނދޯލީގައި ސައިތައްޓެއްވެސް ހުއްޓެވެ. އޭނާ ލަވަ ކިޔަމުން ދިޔައީ ސައި ބޮމުންނެވެ. އުނދޯލި ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން ތުއްތައްތަ އިނެވެ. އެއީ ބައްޕަ ފަރާތުގެ ހަމަ އެކަނި ބޮޑުދައިތައެވެ. މަންމައެއް ފަދަ، ނުހަނު ލޯބިވާ ބޮޑުދައިތައެކެވެ.

ތުއްތައްތައާ ވާހަކަ ދައްކަމުން، ސައި ބޮމުން، ދުފަމުން އެ މީހާ ފަހަރަކު ލަވައެއް ކިޔަމުން ދިޔައެވެ. ބައެއް ލަވަތައް ކިޔަނީ ތުއްތައްތަ ބުނީމައެވެ. ހަމަ ހީވަނީ ރޭޑިއޯ ހުޅުވައިގެން އުޅޭހެންނެވެ. އެކަމަކު އެއީ ކާކުތޯ އަހައިލާކަށް ނުކެރެއެވެ. ކުޑަކުއްޖަކަށް ވާތީ އާއި އަދި ބޮޑެތި މީހުންނަށް އިހުތިރާމްކުރަން ޖެހޭތީ އެވެ.

ސައިތަށި ބޮއެ ނިންމާލައިފައި އެ މީހާ އުނދޯލިން ތެދުވެއްޖެއެވެ. ދަމުން ދިޔައީ އަޅުގަނޑުގެ ބޮލުގައި ކޮއްޓައިލައިފައެވެ. މިއީ ކޮން ކުއްޖެއްތޯ ވެސް އަހައިލިއެވެ.

އެ މީހަކު ދިއުމުން، އެއީ ކާކުތޯ ތުއްތައްތަ ގާތު އަހައިލީމެވެ. ތުއްތައްތަ ބުނީ އެއީ ހޮޅުދޫ އަބްދުﷲ ކަމަށެވެ. މަޝްހޫރު ލަވަކިއުންތެރިޔާ ހޮޅުދޫ އަބްދުﷲ ކަމަށެވެ؛ އެ އަޑަކުން އަޅުގަނޑުމެންގެ ހިތްތައް އުފާކުރުވި އަޑުގެ ވެރިޔާއެވެ. ރޭޑިއޯ ހުޅުވައިލައިފި ނަމަ އޭރު އެންމެ ގިނައިން އިވޭނެ އެއް އަޑަކީ އެއީއެވެ. ގައުމީ ލަވައެވެ. އަދި މަދުން ނަމަވެސް އިޝްގީ ލަވައެވެ. ހުކުރު ނަމާދަށްފަހު ރޭޑިއޯ އިން އެންމެ ގިނައިން އޭރު ފޮނުވާނީ ހޮޅުދޫ އަބްދުﷲގެ މަދަހަތަކެވެ.

އެއީ އަށްޑިހައިގެ ކުރީކޮޅެވެ. ޓީވީއެމްގެ ޒަމާނެއް ނޫނެވެ. އެހެންވެ، އެ މަދަހަތަކާއި ލަވަތައް ކިތަންމެ ރައްޓެއްސަސް، ހޮޅުދޫ އަބްދުﷲ އެއް އަޅުގަނޑު ނުދަންނަމެވެ. ނުދެކެމެވެ. ނުފެނެއެވެ. ފެނުނަކަސް ނުވެސް އެނގޭނެވެސް މެއެވެ. އެހެންވެ އަޅުގަނޑަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެކަމަކު އެހައި އުފާވެސް ވިއެވެ. ހޮޅުދޫ އަބްދުﷲއާ ބައްދަލުވީތީއެވެ. އަދި އޭނާގެ ރަން އަޑު، އަސްލުކޮށް އިވުނީމައެވެ. އޭގެ ފަހުން ހޮޅުދޫ އަބްދުﷲގެ ލަވަތަކާއި މަދަހަތަކަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ހޮޅުދޫ އަބްދުﷲއާ ވެސް ގާތްކަމެއް އުފެދުނީމައެވެ.

އެބައި ނިމުނީއެވެ.

"ކާކުތޯ ނުދާނެނީ މި ގުލްޝަނުން ވަކިވެނުދާ؟ ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގާ؟"

"އާދެ ރަމަޟާން މަހުން ފާޅުކުރެވޭ ދުލުން، ޙަމްދު ޞަލަވާތް ކިޔުން އިތުރުވާނޭ ގޮތުން…"

ހަމަ އެ ދުވަސްވަރެވެ. އަނެއްކާ ވެސް އުނދޯލި ގޭތެރެއިން ލަވަކިޔާ އަޑު އިވިއްޖެއެވެ. މި ފަހަރު ގޮސް ބަލައިލި އިރު މިއީ އެހެން މީހެކެވެ. އޭނާ ވެސް އިނީ އުނދޯލި ހެއްލަމުން ސައިތައްޓެއް ބޯށެވެ. ހަނދާންވާ ގޮތުން ތުނބުގައި ސުއްޓާއެއް ވެސް ހުއްޓެވެ. އޭނާ ކިޔަނީ މާ މުސްކުޅި ފާޑުގެ، ދަމާ ރާގުތަކުގެ ލަވައެވެ. އެކަމަކު އެ ލަވަތަކަކީ ވެސް ރޭޑިއޯއިން އިވޭ، ދަންނަ ލަވަތަކެއްކަން ކަށަވަރު ކުރެވުނެވެ.

އެއީ ގަސްކުޑަތުއްތުއެވެ. މަޝްހޫރު ގަސް ކުޑޭއެވެ. އޭނާއަކީ، އަޅުގަނޑުމެންގެ އާއިލީ އަވަށްޓެރިއެކެވެ. އަޅުގަނޑުމެންގެ ގެ، ހ. ރީތިގަސްދޮށުގެ ހުންނަ އަމީރުއަހުމަދު މަގުގައި ހުންނަ ހ. ފްލޮރިޑާގައި އުޅުއްވި ބޭކަލެކެވެ. އޭނާއަކީ މުހައްމަދު ފަރީދު ރަދުންގެ ބޮޑީގާޑަކަށް ވެސް އުޅުއްވި ބޭކަލެކެވެ. ރެކޯޑުކޮށްފައިވާ ލަވަތައް މަދު ނަމަވެސް، އެއީ ރީތި ލަވަތަކެކެވެ.

ގަސްކުޑޭއަކީ އާއިލީ ރަހުމަތްތެރިއެކެވެ. އޭނާގެ ދަރިފުޅު ރާބިޔާ (ރާބިއްތަ) ވެސް އަޅުގަނޑުމެން ގެއަށް އައިސް އުޅެއެވެ. އަދި އަޅުގަނޑުމެން ވެސް އެ ގެއަށް ދާ ހަނދާން ވެއެވެ.

އެ ވާހަކަ ނިމުނީއެވެ.

"ޝާދީގާނާ މި ލޯބިލޯބި ހަސްތީ ބަހާރުގާ ސުހާނާ ދޭތީ ފޯރީ، ޗާންދު މިރޭގޭ ޝާދީގާނާ.."

"ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް، ނިކަން ލޯބިން ދެކޭ ހިތްވެޔޭ…"

އެއީ ނައިފަރު ދޮހޮއްކޮ ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އަޅުގަނޑުމެންގެއަށް ދޮހޮއްކޮބެ އަންނަތަން ފެނުނީ ތަންކޮޅެއް ފަހުންނެވެ. ނުވަދިހައިގެ ކުރީކޮޅުއެވެ. ދޮހޮއްކޮބެ އަންނަނީ އަޅުގަނޑުމެން ގޭގައި ދޭތެރެއަކުން މާލެ އައިސް އިންނަ ނ. ވެލިދޫ ނަސްރީނާގެ ރަހުމަތްތެރި ކަމުގައެވެ. އެއީ ވަރަށް ކުރިއްސުރެ ގާތް ދެ ރަހުމަތްތެރީންނެވެ. ދޮހޮއްކޮބެ އަންނަ ބައެއް ފަހަރު އެކި ލަވަލަވައިގެ ތަންތަންކޮޅު އޭނާ ކިޔައި ހަދައެވެ. އަޑު އަހާލާ ހިތުން ބުނީމައެވެ.

އެ ވާހަކަ ވެސް ނިމުނީއެވެ.

އަސްލު ވާހަކައަކީ މިއީއެވެ. މަތީގައިވާ ފޮޓޯއެވެ. ކުރީ ޒަމާނުގެ އެންމެ މަޝްހޫރު ހަތަރު ލަވަކިއުންތެރިން އެކުގައި ތިބި ފޮޓޯއެވެ. މިއީ ފޭސްބުކުން މިއަދު ފެނުނު ފޮޓޯއެކެވެ. އެ ފޮޓޯގައި އެ ތިބީ، (ކ-ވ) ހޮޅުދޫ އަބްދުﷲ، ހޯރަފުށީ ފަރީދާ، ގަސްކުޑޭ އަދި ދޮހޮއްކޮބެއެވެ. ދިވެހި ލަވައިގެ ހަތަރު ލެޖެންޑުންނެވެ. މި ފޮޓޯގައި އެ ތިބަ ހަތަރު ލެޖެންޑުންގެ ތެރެއިން އަޅުގަނޑާ ބައްދަލުނުވަނީ ހަމައެކަނި ފަރީދާއެވެ. ފަރީދާ އެންމެ މަޝްހޫރުވެގެން އައީ "ކިއުބާ ދަތުރުފުޅު" ލަވައިންނެވެ. އޭގެ އިތުރުން "ފެހިފެހި އާޒާދީ" ފަދަ އެތައް ލަވައެއް އޭނަގެ ރަން އަޑުން ވަނީ ގިރިޓީކޮށްދީފައެވެ. މި ފޮޓޯގައި ޖޭމު ދޮންކަމަނަ އާއި ޖަމީލާ ހަސަން ތިބި ނަމަ އޭރުގެ ހުރިހާ ލެޖެންޑުން ހަމަވީހެވެ.

މި ހުރިހައި ލެޖެންޑުން މިއަދު ވަނީ މި ދުނިޔެއާ ވަކިވެފައެވެ. (އެ ބޭފުޅުންގެ ފުރާނަށް މާތް ﷲ ހެޔޮ ރަހުމަތް ލައްވާށިއެވެ.) އެންމެފަހުން ދުނިޔެ ދޫކުރީ ހޮޅުދޫ އަބްދުﷲ އެވެ.

މި ލެޖެންޑުން ވަކިވެދިޔަ ނަމަވެސް ލެޖެންޑުންގެ ލަވަތަކާ އަޅުގަނޑުމެންނަކަށް ވަތްކެއް ނުވެވެއެވެ. ނުވެސްވެވޭނެ އެވެ. ދުވަސް ވީވީހެން އެ ލަވަތައް ވަނީ ރީއްޗެވެ. ޒަމާނީ ގޮތަށް ބަދަލުކޮށްގެން ވެސް ޒުވާން ލަވަކިއުންތެރިންގެ ވެސް ކިޔަން ބޭނުންވަނީ އެ ލަވަތަކެވެ. ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލަނީ އަދިވެސް އެ ރާގުތަކުން ކަމަށްވާތީއެވެ.

އަޅުގަނޑު މިއަދު އެންމެ ހިތާމަކުރަނީ ފަރީދާ އާއި ޖޭމު ދޮންކަމަނަ އާއި ޖަމީލާ ހަސަނާ ބައްދަލުވެފައި ނުވާތީއެވެ. ނަމަވެސް "ހަވީރު"ގައި މަސައްކަތް ކުރި ދުވަސްވަރު، ޖޭމު ދޮންކަމަނަ ނިޔާވި ޚަބަރު ނޫހުގައި ލިޔުނީ އަޅުގަނޑެވެ. އަދި، ވަކިވަކި ލެޖެންޑުންނަށް ހާއްސަކޮށްގެން 2004 ގައި ޓީއެމުން ގެނެސްދިން "އެ ހަނދާނުގައި" ޝޯތަކުގެ ތެރެއިން، ޖަމީލާ ހަސަންގެ އެޕިސޯޑަށް، އޭނާގެ ޕްރޮފައިލް ލިޔެދިނީ އަޅުގަނޑެވެ. އެއީ އެ ޝޯތަކުގެ މޭސްތިރިއަކަށް އުޅުއްވި މުހައްމަދު އާސިފް (މޮންދު)ގެ އެދިވަޑައިގަތުމަށެވެ. އަޅުގަނޑު ދަންނަވާލި ދަންނަވައިލުމަކަށް އެ ޕްރޮފައިލް މިއަދު މޮންދު ފޮނުއްވި އެވެ. އެކަމަށްޓަކައި މޮންދު އަށް ޝުކުރު ދަންނަވަމެވެ. ޝައުގުވެރިކަން ހުރި ބޭފުޅުން ބައްލަވައިލައްވާށެވެ.

އިހުގެ ލެޖެންޑުން އެ ދުވަހު ލަވަތައް ކިޔައިފައި ވަނީ، މިއުޒިކް ސާމާނާއި ރެކޯޑިންގެ ވަސީލަތްތައް އެންމެ ފުރިހަމަ އަށް ނެތީސް، ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކު އަދިވެސް ގިނަ ބަޔަކަށް އެންމެ ކަމުދަނީ އިހުޒަމާނުގެ އެ ރަން އަޑުތަކެވެ.

އެ ހަނދާންތަކުގެ ވާހަކަތައް ދައްކައި ނުނިމޭނެއެވެ. ކޮޅުންނުލާނެއެވެ. އެހެންޏާފަހެ، އެ ލެޖެންޑުންގެ ކޮންމެ ލަވައެއް، ކޮންމެ މަދަހައެއް އަދި ކޮންމެ ފޮޓޯއަކުން ވެސް މާޒީގެ ސަޮފުހާތައް ހުޅުވެއެވެ. އެ ހަނދާންތަކުގެ ފީތާ ފެންނަން ފަށައެވެ. އެއީ ވަކިވެވެން ނެތް ހަނދާން ތަކެކެވެ. އެކަމަކު ލެޖެންޑުންގެ އެ ހަނދާނުގެ މި ވާހަކަ ދެން މި ނިމުނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ފުރިހަމަ ހަނދާންތަކެއް. ވަރަށް ފުރިހަމަ ލިޔުމެއް. ހިއްސާކުރީތީ ޝުކުރިއްޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *