Support Us

ދިވެހި ފިލްމު ޣާޒީ ބަންޑާރައިން ބަލައިފައި…

ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ޤައުމީ ޖިހާދުގެ މައްޗަށް ޓެލެވިޜަން މޯލްވްސްއިން 1979 ވަނަ އަހަރު އުފެއްދި ދިވެހި ފިލުމަށް ދީފައިވާ ނަމަކީ "ޣާޒީ ބަންޑާރައިން" އެވެ. މި ފިލުމު ފެށެނީ އުސްތާޛުޖީލް އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ ހައްދަވާފައިވާ "ހަނދާނުގެ ފަތްފުށުން މީ ފެންނަ ތާރީޚީ ބަޔާނެއްތާ، އަނދާ އަޅިޔަށްވެ މިނިވަންކަން މިދީބުގެ ދިޔަ ޒަމާނެއްތާ" މި ރީތި އަދި ހިތްގަމު ޅެމުންނެވެ. ޅެން ވިދާޅުވެފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ކާފަ ދަރިކަލެއް ކަމަށްވާ ޙުސައިން ޝިހާބު ރަޝިޔާގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރު ދެކެވަޑައިގެންނެވި އެއް ހުވަފެނަކީ ކާފަ ލިޔުއްވާފައިވާ ބޮޑު ތަކުރުފާނުގެ ވާހަކައިގެ މައްޗަށް ފިލްމެއް ހެއްދެވުމެވެ. މި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނީ ޙުސައިން ޝިހާބަށް ޓީވީއެމްގެ މެނޭޖަރުކަން ލިބިވަޑައިގެންނެވުމުންނެވެ. އެއީ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގެ އެންމެ ކުރީކޮޅެވެ.

ބުރާރަ މުޙައްމަދުފުޅު ކިޔުއްވިގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ އާއި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ އަސްލަކަށް ބައްލަވައިގެން މި ފިލުމުގެ ސްކްރީން ޕްލޭ ލިޔުއްވާފައިވަނީ ޙުސައިން ޝިހާބެވެ. މިނިސްޓްރީ އޮފް ހޯމްއެފެއަރޒުގެ އެދިވަޑައިގަތުމަކަށް ހެއްދެވި މި ފިލުމުގައި މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑު ތަކުރުފާނުގެ ބައި ކުޅުއްވާފައިވަނީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އާދަމް ޒާހިރެވެ. ޢަލީ ތަކުރުފާނުގެ ބައި ކުޅުއްވާފައިވަނީ އިބްރާހީމް މޫސާ އެވެ. ޙަސަން ތަކުރުފާނުގެ ބައި ކުޅުއްވާފައިވަނީ ކަށިމާ އަޙްމަދު ޝާކިރެވެ. އުތީމު ތިން ބެއިންގެ ބައްޕާފުޅު، އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ބައި ކުޅުއްވާފައިވަނީ ޢައްބާސް އިބްރާހީމެވެ. ދަންޑަހެލުގެ ބައި ކުޅުއްވާފައިވަނީ ޢަބްދުއްރަޝީދު ޙުސައިނެވެ. އާދޭހެވެ. މި ފިލުމުގެ މުހިންމު ބައިތައް ކުޅުއްވާފައިވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި އޭރު ވެސް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ދެކެވަޑައިގެންނެވީ މިއީ ފަޚުވެރި އަދި ޝަރަފުވެރި މަސައްކަތްޕުޅެއްގެ ގޮތުގައެވެ.

ދިވެހި ފިލުމު ޣާޒީ ބަންޑަރައިންގެ ފުރަތަމަ މަންޒަރެއްގެ ގޮތުގައި ފެންނަނީ އުތީމު ގަނޑުވަރުގައި އުތީމު ތިންބެއިންނާއެކު ބައްޕާފުޅު ޙުސައިން ޚަޠީބު ތަކުރުފާނު ފަރިއްކޮޅަކަށް އިންސާފު ކުރައްވަން ތިއްބަވާތަނެވެ. ސުފުރާ މަތީގައި ތިން ބެއިން ފުރަތަމަ ދެއްކެވީ މުޙައްމަދު ތަކުރުފާނު އުތީމު ތުނޑިއަށް އަދިވެސް ދޫނި ހިއްޕަވަން ވަޑައިގަންނަވާ ވާހަކައެވެ. އެ ވާހަކައިގެ ވަކި ހިސާބަކުން އެ ބޭފުޅުންގެ ވާހަކަފުޅުގައި ޙުސައިން ޚަތީބު ތަކުރުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައެވެ. އެ ބޭފުޅުން މިހާރު ބޮޑަތިވެއްޖެކަމަށާއި ބައްޕަ މުސްކުޅިވެ ގައިބާރު ދެރަވެއްޖެ ކަމަށް ވިދާޅުވެއެވެ. މި ވާހަކަފުޅަށްފަހު ތިން ބެއިންގެ ކިބައިން ބައްޕާފުޅު އެދިވަޑައިގެންނެވީ މާދަމާ އީދުވެދުމައިގެން ބައްޕާފުޅުގެ ބަދަލުގައި އަތޮޅުވެރީންގެ އަރިހަށް ވަޑައިގެން ދެއްވުމަށެވެ. ދެން ވިދާޅުވީ އޭރު ރާއްޖެ އޮތް ހާލަތެވެ. އެންމެ އަސަރާއެކު ވިދާޅުވީ ދިވެހިރާއްޖެ ޣައިރު ދީނަށް ބަދަލުވަމުންދާ ވާހަކަފުޅެވެ.

ފިލުމުގެ ދެވަނަ މަންޒަރުގައި ފެންނަނީ އުތީމު އަތިރިމަތީގައި އުތީމު ތިންބެއިން ވާހަކަ ދައްކާލަން ތިއްބަވާ ތަނެވެ. އެ ބޭފުޅުން ވާހަކަ ދައްކަވަނީ ބާރަށަށް މާދަމާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެވާހަކައެވެ. ބައްޕަ ވިދާޅުވީމާ އެހެން ގޮތެއް ނެތިގެން ބާރަށަށް ވަޑައިގަތުމަށް އެއްބަސްވެ ވަޑައިގަތަސް ޢަލީ ތަކުރުފާނު ހުންނެވީ ބާރަށަށް ވަޑައިގަންނަވަން ވަރަށް ބޮޑަށް ހިތްޕުޅާ ނުވެފައެވެ. ތިލަދުންމަތީގައި ފޯދިފައި ރީތި އަންހެނަކު ހުރިއްޔާ މިހާރު ބާރަށަށް ނައިސް އެހެން ތަނެއްގައި ނީންނާނެކަމަށާއި މިހާރު އެރަށަށް އަރައިފިނަމަ އަންހެންވެރިން ގަޔަށްބޮލަށް އަރާނެކަމަށް ޢަލީ ތަކުރުފާނު ވިދާޅުވެއެވެ. ޢަލީ ތަކުރުފާނު އެހެން ވިދާޅުވުމުން ޙަސަން ތަކުރުފާނު ވިދާޅުވަނީ ޢަލީބޭބޭ ކައިވެނިކުރައްވައިގެން ހުންނެވިޔަސް، މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާ ދެބޭފުޅުން މި ތިއްބެވީ އަންހެން ކުދިން ހޯދާ އުމުރަށް އަރާފައިކަމަށެވެ. އެ ވާހަކައިގައި ބައިވެރިވެވަޑައިގަންނަވަމުން "ޙަސަނު ބުނިހެން އަހަރެން ވެސް މިހިރީ ހޯދާލަންޖެހިފައި. މާދަމާ ފެނިދާނެ ތޯއްޗެ" މުޙައްމަދު ތަކުރުފާނު ވިދާޅުވެއެވެ.

މި ފިލުމުގައި ވިޔަޒޯރުގެ ބައި ކުޅުއްވާފައިވަނީ ފިލުމާއި ތަމުސީލުކުޅުވުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ސަރުކާރުން ދެއްވާފައިވާ ކުޅަދާން ފަންނާނެކަމަށްވާ މަޝްހޫރު އަލްފާޟިލް ޗިޅިޔާ މޫސާ މަނިކެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން ކަނބާ އައިސާ ރަނިކިލެގެފާނުގެ ބައި ކުޅުއްވާފައިވަނީ އަލްފާޟިލާ ޒުހައިރާ ޢުމަރެވެ. ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ ބައި ކުޅުއްވާފައިވަނީ އަލްފާޟިލާ ޙަފްޡާ ޢަލީ އެވެ. ބާރަށު ބުޅާ ފާތުމާގެ ރެހެންދިޣެ ބައި ކުޅުއްވާފައިވަނީ އަލްފާޟިލާ މުއުމިނާ އިބްރާހީމެވެ. މި ތިން ބޭފުޅުންނަކީ ވެސް ދިވެހިރާއްޖޭގެ އަޑުން ވިދާލި މަޝްހޫރު އަދި މަގުބޫލު މޮޅެތި ހުށަހެޅުންތެރީންނެވެ.

ޣާޒީ ބަންޑާރައިން، މި ފިލުމުގެ އެންމެ ދިގު މަންޒަރަކީ ޢީދު ވެދުމައިގެން އުތީމު ތިންބެއިން ބާރަށަށް ކުރައްވާ ދަތުރުފުޅު ފެނިގެންދާ މަންޒަރެވެ. އެ ބޭފުޅުން ބާރަށް ވަޑައިގަންނަވާއިރު ތިއްބަވަނީ ރަސްމީ ހެދުންކޮޅުގައެވެ. ފޭލި އަނދެވަޑައިގެން ނިހާލި ބަންނަވައި ބޮލުގައި ފޮށާ އޮޅުއްވާފައެވެ. އެ ބޭފުޅުން ފެނިވަޑައިގަތުމުން ސިއްތިމާވާ ރަނިކިލެގެފާނު ވަޑައިގެން މަންމާފުޅު ކަނބާ އައިސާ ރަނިކިލެގެފާނަށް އެ ވާހަކަ ދަންނަވައެވެ. ކަނބާ އައިސާ ވިދާޅުވަނީ އެ ބޭފުޅުންނަށް އަވަހަށް ފަނި ގިރުއްވާށެވެ. ފިނިފެން ސަރުބަތު ނުވަތަ ނާރިނގު ސަރުބަތެވެ. ބިލެއް ހައްދަވަން ވެސް ވިދާޅުވެއެވެ. އެއީ ބޭކަލަކަށް ހަތް އަޑަފިކޮޅެވެ. އެ ދުވަހު ސިއްތިމާވާގެ މޫނުފުޅު ފެނިފައި ކަނބާ ހިތްޕުޅަށް އަރާވަޑައިގަނެއެވެ. މިއީ "މަދަރިކަނބަލުންގެ މޫނުފުޅު ހާދަ އަލި ދުވަހެކެވެ."

އުތީމު ތިންބެއިން ބާރަށު ވާރުގެއަށް ވަދެވަޑައިގަތުމުން އެ ބޭފުޅުންނަށް އިސްތިގުބާލު ކުރައްވަނީ އަތޮޅުވެރިން ވިޔަޒޯރެވެ. އޭނާ ހުންނަވަނީ ޕޯޗްގީޒުންގެ ކަނޑުގެ ސިފައިންގެ ހުދު ޔުނިފޯމުގައެވެ. ވިޔަޒޯރުގެ ޔުނީފޯމުގެ މޭމަތީގައި ކުލައާއި މެޑެލިތައް ވިދަވިދާހުރެއެވެ. ވެދުން ހިއްޕަވައިގެން ވަޑައިގެން އިސްވެ ވާހަކަ ދައްކަވަނީ ބޭބޭފުޅު ޢަލީ ތަކުރުފާނެވެ. "އަޅުގަނޑުމެން މިއައީ ބައްޕަ ފޮނުއްވީމާ މި ޢީދުގެ ސަލާމް އަތޮޅުވެރީންނަށް އަދާކުޅައުމަށާއި ބައްޕަގެ ވެދުމާއި އީދުގެ ތަހުނިޔާ ރަދުންގެ ހިރިޔާފާތުރާ ދަށަށް ގެންގޮސްދިނުމަށް ނަންގަންނަން. އަދި ބައްޕަ ދެއްވި ފަންވަތެއް އަތޮޅުވެރިންނަށް އަދާކުޅައުމަށް. ބައްޕަ އުޅުއްވަނީ ކުޑަކޮށް ބަލިވެ" ޢަލީ ތަކުރުފާނު ވިދާޅުވެއެވެ.

ވިޔަޒޯރާއި އުތީމު ތިންބެއިން ވާރުގޭގައި ވާހަކަ ދައްކަވައި ސަރުބަތު ހިއްޕަވަން ތިއްބަވާއިރު ވާރުގޭ ކުރިމަތީގައި އޮންނަ މަގުމަތީގައި ފަންކުޅެން އެއްވެފައިވާ އަންހެން ކުދިންތައް ތަރަތަރަ ޖަހަން ތިބެއެވެ. އެތަނަށް ނިކުމެވަޑައިގެން ކަނބާ އައިސާ އެއްވެފައި ތިބި ކުދީންނަށް މަލާމާތް ކުރައްވައި ޗީޗީއޭ ވިދާޅުވެ އުތީމު ތިންބެއިންކުރެ ބޭފުޅެއްގެ ބޮލަށް އީދުގޮންޖަހާލަންކެރޭ ކުއްޖަވެސް ނެތޭ ވިދާޅުވެއެވެ. "ނިކަން އެކަކު އަނެކަށް ހިނގާ އާދޭސްކޮށްލައިގެން ނަމަވެސް އުތީމު ތިންބެއިންކުރެ ބޭފުޅެއްގެ ބޮލަށް ގޮންޖަހާނެ ކުއްޖަކުވޭތޯ ބަލާށޭ" ވެސް ވިދާޅުވެއެވެ. އެންމެފަހުން ތަންކޮޅެއް ދުރުގައި ހުރި ބާރަށު ބުޅާފާތުމާގެ ރެހެންދި ގޮއްޔެ ފެނިވަޑައިގެން ގެންނަވައެވެ. އަދި "މުޅި އަތޮޅުގެ އަންހެން ކުދިންނަށް ލިބެން އޮތް ހުތުރަކުން ސަލާމަތްކޮށްދިނުމަށް އުތީމު ތިންބެއިން ކުރެ ބޭފުޅެއްގެ ބޮލަށް ގޮމެއް ޖަހާލަންކެރޭނެތޯ؟" އައްސަވައެވެ. އެ ގޮއްޔެ އާދޭހޭ ދަންނަވައެވެ. އެއީ އެ ރަށުގައި އިން އެންމެ ނިކަމެތި ކުއްޖާއެވެ.

އެ ގޮއްޔެ އަތުގައި ހިފައިގެން ވާރުގެއަށް ވަންނަވައި އައު ލިބާހެއް ލައްވައި ފައްޓަރުބައި އަޅުއްވައި ޒީނަތްތެރިކޮށްގެން ނެރުއްވައި ކަނބާ އައިސާ ވިދާޅުވެއެވެ. "ރަންޏާ ތިޔަ ނިކުމެވެނީ އަތޮޅުގެ އެންމެ ކުރިއަށް. ހިތްވަރުކުރާތި. ހިތްވަރަކީ ތިޔަ ކަހަލަ ކަމެއް. ކޮންމެހެން ވެސް ޙަސަން ތަކުރުފާނު ބޮލަށް ގޮންޖެހޭތޯ ބައްލަވާތި. ނަމަނަމަ މުޙައްމަދު ތަކުރުފާނާ ކައިރިނުވާތި. ދެންދޭ. ހިތްވަރަކީ ތިޔަ ކަހަލަ ކަމެއް." ކަނބާ ވިދާޅުވެއެވެ.

ކަނބާ އައިސާ "ގޮއްޔޭ! ދެންދެނޭ" ގޮވާލެއްވުމާއެކު ރެހެންދި ގޮއްޔެއަށް ގޮންޖެހެނީ މުޙައްމަދު ތަކުރުފާނުގެ އިސްތަށިފުޅަށެވެ. ގޮން ޖެހުމާއެކު އެ ތަކުރުފާނު ފުރަގަހަށް ކުއްލިއަކަށް އެއްލެއްވި އަތުން ހިއްޕަވައި ގޮއްޔެ ނަންގަވައި ކޮނޑުފުޅަށް ލައްވައެވެ. މުޙައްމަދު ތަކުރުފާނު ހިންގަވައި ވަޑައިގަންނަވަނީ މޫދާ ދިމާއަށެވެ. ޢަލީ ތަކުރުފާނާއި ޙަސަން ތަކުރުފާނު ބަހެއް ވެސް ވިދާޅުނުވެ ހިނގަވާ ވަޑައިގަންނަވަނީ އަތިރިމަތީގައި ތެލަބަގުޑިގުޅެން ޒުވާނުން ތިބި ތަނަށެވެ. މޫދާ ދިމާއަށް ބޮޑުތަކުރުފާނު ހިންގަވައި ވަޑައިގަންނަވަން ފެއްޓެވުމުން އެކަމާ ސިއްތިމާވާ ރަނިކިލެގެފާނު ކަންބޮޑުވެގެން މަންމާފުޅާ އެ ވާހަކަ ދައްކަވައެވެ. ކަނބާ އައިސާ ވިދާޅުވަނީ މަންމާ ހިތުން މިއީ އެގޮއްޔެއަށް ދެވުނު ދެރައަކަށްނުވާނެއެވެ.

މި ފިލުމުގައި ފެންނަ އެންމެ ޝައުޤުވެރި އެއް މަންޒަރަކީ މިއީއެވެ. މުޙައްމަދު ތަކުރުފާނުގެ ކޮނޑުފުޅުގައި އޮވެފައި ހިނިގަނޑެއް ޖަހާލާފައި ގޮއްޔެ ބުނެއެވެ. "ތަކުރުފާނު އަޅުގަނޑު ތިޔަ ގެންދަވަނީ ކީއްކުރައްވަންތޯ" އެވެ. ގޮއްޔެ މި ސުވާލު ކުރުމުން "މިގެންދަނީ ކަނޑަށް އެއްލާ މަރާލަން" ކަމުގައި މުޙައްމަދު ތަކުރުފާނު ވިދާޅުވެއެވެ. އެހެން ވިދާޅުވުމާއެކު "ވަރަށް އުފާވެއްޖެ" ކަމަށް އެ ގޮއްޔެ ބުނެއެވެ. "އެއީ ކޮން އުފަލެއް" މުޙައްމަދު ތަކުރުފާނު ވިދާޅުވެއެވެ. "އަޅުގަނޑަކީ ދުނިޔޭގައި އުޅުމަށް އުނދަގޫވެފައިއިން އަދި މުސްކުޅި މަޔަކު ބަލަންޖެހިފައިވާ ޔަތީމެއް. ކަނބާ އައިސާ ރަނިކިލެގެފާނު ވިދާޅުވެގެން މި ދެ އަތޮޅުގެ ހުރިހާ އަންހެނުންގެ މަތީން ކުރާނެކަމެއް ކުރާނެ އެހެން މީހަކު ނުވެގެން ކުރީމާ ލިބޭނެ މޮޅަކީ ތިޔައިން ބޭކަލެއްގެ އަތުން ޝަހީދުވުންކަމަށް ވަންޏާ އެއީ ކިހާ މޮޅުކަމެއްތޯ، އެއީ ކިހާ ބޮޑު އުފަލެއްތޯ" ސަކަ ރާގެއްގައި އެ ގޮއްޔެ ބުނެލައެވެ.

އެ ގޮއްޔެ ކަނޑަށް އެއްލާނުލައްވާ ގެންނަވައި އެއްގަމުގައި ބަހައްޓަވަނީ މުޙައްމަދު ތަކުރުފާނާ ކައިވެނިކުރުމަށް އެއްބަސްވުމުންނެވެ. ފިލުމުގައި ދެން ފެންނަނީ ތަލަބަގުޑި ކުޅުއްވައި "އުތީމު ކުދިން ބައިހިގެން" ރަށަށްދާތަނެވެ. އެއަށްފަހު ގޮއްޔެ ރަށުތެރެއަށް އައުމުން "ސަލާމަތްވެއްޖެތާއޭ ސަލާމަތްވެއްޖެތާއޭ" ކިޔާ އަންހެން ކުދީންތައްވަށާލައިގެން އުޅޭތަނެވެ. އަދި ގޮއްޔެއާ ދިމާއަށް މުޙައްމަދު ތަކުރުފާނު ވިދާޅުވީ ކީކޭތޯ ވެސް ސުވާލުކޮށްހެދިއެވެ. އެތަނަށް ކަނބާ އައިސާ ނިކުމެވަޑައިގެން އެ ވާހަކަތައް ހުއްޓުވައި އެ ގޮއްޔެއަށް ދެއްވި ހެދުމާއި ގަހަނާތައް ދެއްވާފައި ފޮނުއްވާލެއްވިއެވެ. މި މަންޒަރު ނިމެނީ "އީދުގެ ކުޅިވަރު މިހާ ހިސާބުން މި ނިމުނީ" ކަމަށް ކަނބާ ވިދާޅުވާ ހިސާބުންނެވެ.

ހަތަރުވަނަ މަންޒަރުން ފެންނަނީ ބާރަށު ބުޅާ ފާތުމަގެ ރެހެންދި ގޮއްޔެއާ ކައިވެނި ކުރައްވަން މުޙައްމަދު ތަކުރުފާނު ބާރަށަށް ވަޑައިގަންނަވާ ރޭގައި ކަންތައްތައް ހިނގާގޮތެވެ. އެ ގޭދޮށަށް ވަޑައިގެން އެ ގޮއްޔެއަށް ގޮވާލައްވައި އެ ގޮއްޔެ އަހުދުވެފައިވާ ގޮތަށް ކައިވެންޏަށް ރަންކިޔުމަށް މުޙައްމަދު ތަކުރުފާނު ވިދާޅުވެއެވެ. އެ ގޮއްޔެ ރަންކިޔައެވެ. އެއަށްފަހު މަންމައަށް ގޮވާލައި ބޮޑު ކަމަކަށް އެ ގޮއްޔެ އެދެއެވެ. އެއީ ސިއްތިމާވާ ރަނިކިލެގެފާނާއި، ކަތީބުގޭ ހައްވާފުޅާއި، ކަމަނާގެ ގާތުގައާއި ބޮޑުގޭ ކަތްދާގެ ގާތުގައި އެ ގޮއްޔެގެ މޫނު ދެކެންޏާ މިގެއަށް ވަޑައިގެންދެއްވާށޭ ދަންނަވަން ގޮސްދިނުމެވެ. އެ ގޮއްޔެގެ މަންމަ ގޮސް ދެންނެވުމުން ސިއްތިމާވާ ރަނިކިލެގެފާނާއި އެ ނަންކީ ހުރިހާ ކަނބަލުން ވަޑައިގަންނަވައެވެ. ސިއްތިމާވާ ރަނިކިލެގެފާނު ވަޑައިގެން ކައިވެނިފުޅުގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވައެވެ. އަދި ފަހުން މަންމާފުޅު ކަނބާ އައިސާ ވެސް ވަޑައިގަންނަވައެވެ. ކުޑައިރުކޮޅަކުން ދެ ހެކިންނާއި ނައިބު ކަލޭގެ އަރިހުގައި މުޙައްމަދު ތަކުރުފާނު އެ ގޭދޮށަށް ވަޑައިގަންނަވައެވެ. ނައިބު ކަލޭގެ ގޮވާލައްވައެވެ. "ކަނބުލޯއެވެ. ފިރިބަލައިގަންނަން ނިކުންނާށެވެ."

މި ފިލުމުގައި ދުވާފަރު ޢަލީ ދަންޑަހެލު ފުރަތަމަ ފެންނަނީ ފަސްވަނަ މަންޒަރުންނެވެ. އުތީމު މަގުމަތީން މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާ ދެބޭން ހިންގަވާފައި ވަޑައިގަންނަވިކޮށް ދަންޑަހެލު އައިސް އަތޮޅުވެރިންގެ އޮޑިކޮޅު އުތީމަށް އަންނަ ޚަބަރު ދެއެވެ. ވިޔަޒޯރުގެ މި ދަތުރުފުޅަކީ އުތީމު ތިންބެއިންގެ ބައްޕާފުޅު ޙުސައިން ޚަޠީބު ތަކުރުފާނު އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށާއި ތަޢުޒިޔާ ވިދާޅުވުމަށް ކުރެއްވި އިހުތިރާމުގެ ދަތުރުފުޅެކެވެ. އެކަމަކު މި ދަތުރުފުޅުގައި އޮޅުދޫ ދަތުރުގައި މުޙައްމަދު ތަކުރުފާނު ވަޑައިގެންނެވުމުގެ ވާހަކަދައްކަވައި އެކަން ހަމަޖައްސަވައެވެ. އަދި މުޙައްމަދު ތަކުރުފާނު ރެހެންދި ގޮއްޖެއާ ކައިވެނިކުރައްވައިގެން ވަޑައިގެންނެވި ދުވަހު ސިއްތިމާވާ ރަނިކިލެގެފާނު ހޭފުޅު ނެތުނުގޮތަށް އެ އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ދެއްވިއެވެ.

ވިޔަޒޯރު ފުރާވަޑައިގަތުމުން އޮޅުދޫ ދަތުރަށް އޮޑިތައްޔާރުކުރުމުގެ ކަންތައްތަކާއި ދަތުރަށް އަރާވަޑައިގަންނަވާނެ ދުވަހާ ބެހޭ މައުލޫމާތު ޙަސަން ތަކުރުފާނަށާއި ދަންޑަހެލަށް މުޙައްމަދު ތަކުރުފާނު ދެއްވައެވެ. މުޙައްމަދު ތަކުރުފާނު އެންގެވީ މާދަމާ އެ ދެބޭކަލުން ބާރަކަށް ވަޑައިގަތުމަށާއި އާދިއްތަ ދުވަހު އިރުއެރީމާ އޮޑިބޭލެއްވުމަށާއި ބުރާސްފަތި ދުވަހު ފުރަންޖެހޭނެ ކަމަށެވެ. އެ ދަތުރުގައި ޙަސަން ތަކުރުފާނުގެ ފަރިއްކޮޅާއި އަވަހާރަލެއްޕެވުމުގެ ކަންތައް ބާރަށު ކަތީބު ތަކުރުފާނުގެ ގެއިން ހަމަޖެއްސުމަށް އެންގެވިއެވެ. އަދި ދަންޑަހެލުގެ ކެއިންބުއިމުގެ ކަންތައް ހަމަޖެއްސެވުމަށް އެންގެވީ ވާރުގޭ ބަދިގޭންނެވެ. ނިދުމަށް އެންގެވީ ވާރުގޭ ބޮޑު އަށީގައެވެ. "ވާރުގޭ ބަދިގޭން އެންމެން ފުރަތަމަ އެޅޭ ކޮއްތުކާންވާނީ ދަންޑަހެލު. ވާރުގޭ ބޮޑު އަށީގައި އެންމެ އަވަހަށް ނިދާ މީހަކަށް ވާންޖެހޭނީ ދަންޑަހެލު. އެންމެ އަވަހަށް ހޭލާ މީހަކަށްވާންޖެހޭނީ ވެސް ދަންޑަހެލު. ބޭފުޅަކު ނިކުމެވަޑައިގެންފިއްޔާ އަދަބު އަދާކުރަންވާނެ. ނިދަންވާނީ އެއްލޮލާއި އެއްކަންފަތުން" މުޙައްމަދު ތަކުރުފާނު ވިދާޅުވެއެވެ.

ފިލުމުގެ ހަވަނަ މަންޒަރަކީ ވާރުގޭ ބޮޑުއަށީގައި ދަންޑަހެލު ނިދަން އޮންނަ މަންޒަރެކެވެ. މުޙައްމަދު ތަކުރުފާނު ވިދާޅުވިގޮތަށް އެއްލޮލާއި އެއްކަންފަތުންނެވެ. ގޭތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވޭއިރަށް ދަންޑަހެލު ހުންނަނީ ފުންމައިގެން ތެދުވެ އަދަބު އަދާކޮށްގެން ކޮޅަށެވެ. ނިދަން އޮންނަނިކޮށް ވިޔަޒޯރު ބޭރުގެތެރެއަށް ނިކުންނެވި ފަހަރެއްގައި ވިޔަޒޯރު ވާހަކަ ދެއްކެވީމާ ވާހަކަ ދައްކައެވެ. ކަނބާ އައިސާ ވެސް ވާހަކަ ދެއްކެވީމާ ވާހަކަ ދައްކައެވެ. އެކަމަކު ސިއްތިމާވާ ރަނިކިލެގެފާނު ބޭރުގެތެރެއަށް ނިކުމެވަޑައިގެންނެވި ފަހަރުގައި ދަންޑަހެލަށް އޮތީ ނިދިފައެވެ. އެކަމަނާ ދަންޑަހެލަށް ގޮވާލައްވައި އެކަމަނާގެ ބައްޕާގެ އަނގޮޓިފުޅު މުޙައްމަދު ތަކުރުފާނަށް ދެއްވުމަށް އެދިވަޑައިގެން އަމާނާތެއްގެ ގޮތުގައި ހަވާލު ކުރައްވައެވެ. "އަހަރެން މިދޭ އަމާނާތް ދަންޑަހެލު ބޭބެއަށް އަމާނާތްތެރިކަމާއެކު ރައްދުކުރޭ. ތިޔައީ އަހަރެންގެ މާތް ބައްޕާފުޅު ޝަހީދުވީއިރު އަތްޕުޅުގައި އޮތް ބަރަކާތްތެރި އަނގޮޓިފުޅު. ތިޔަނޫން އެހެން އެއްވެސް މިލުކެއް އަހަރެންގެ ނެތް. ތިޔައީ އަހަރެންގެ އަތުގައި އަހަރެންގެ ފުރާނައަށްވުރެ ވެސް ޢިއްޒަތްތެރި އެއްޗެއް" ސިއްތިމާވާ މިހެން ވިދާޅުވެ އަނގޮޓިފުޅު ދެއްވާފައި ތެރެއަށް ވަޑައިގަތެވެ. ފަތިހު ހޭފުޅުލައްވައިގެން ޙަސަން ތަކުރުފާނާއި ދަންޑަހެލާ ދެ ބޭކަލުން އޮޑިއަށް އަރާވަޑައިގެންތަނުން މުޙައްމަދު ތަކުރުފާނު ވެސް އޮޑިއަށް އަރާވަޑައިގަންނަވައެވެ. އެވަގުތު ސިއްތިމާވާ ދެއްވި އަމާނާތް މުޙައްމަދު ތަކުރުފާނާ ދަންޑަހެލު ހަވާލުރެއެވެ.

ހަތްވަނަ މަންޒަރަކީ ރާއްޖެއިން ބޭރަށް ޖިޒީ ހިފައިގެން ދިޔަ އޮޑިކޮޅު އެނބުރި ބާރަށު ބޭރަށް އައިތަން ފެންނަ މަންޒަރެވެ. ވިޔަޒޯރު އަތޮޅުވެރިން އޮޑިކޮޅަށް އަރުއްވައި މުޙައްމަދު ތަކުރުފާނަށް ތަޢުރީފުކުރައްވައި ޝުކުރު އަދާކުރައްވައެވެ. އޮޑީގެ ކަންތައްތައް ދަންޑަހެލާ ހަވާލު ކުރައްވާފައި އެ ދުވަހު އުތީމަށް ވަޑައިގަންނަވަން ގަސްތުކުރައްވާ ވާހަކަ ވިޔަޒޯރަށް މުޙައްމަދު ތަކުރުފާނު ދަންނަވައެވެ. އަތޮޅުވެރިންގެ ރުހުން ލިބިވަޑައިގަތުމުން ދަންޑަހެލު އެއް ފަރާތަކަށް ގެންދަވައި ރަނގަޅު ފުރުސަތެއް ހޯދައިގެން ކަނބާ އައިސާގެ އަރިހުގައި ސިއްތިމާވާއާ މުޙައްމަދު ތަކުރުފާނު ކައިވެނިފުޅު ބައްލަވައިގަންނަވަން ބޭނުންފުޅުވާ ވާހަކަ ދެންނެވުމަށް ވިދާޅުވެއެވެ.

އަށްވަނަ މަންޒަރުގައި ފެންނަނީ ވާރުގޭ ބޮޑުއަށީގައި ނިދަން އޮންނަ ދަންޑަހެލު ކެއްސާ ކުކުރާ ހަދާ ތަނެވެ. ކަނބާ އައިސާއަށް މުޙައްމަދު ތަކުރުފާނު ވިދާޅުވި ވާހަކަ ދަންނަވަން ރަނގަޅު ފުރުސަތެއް ލިބޭތޯއެވެ. އެންމެފަހުން ކަނބާ އައިސާ ބޭރުގެއަށް ނިކުމެވަޑައިގަންނަވައެވެ. އަދި ވާހަކަ ދައްކާލާ ރޭކުރުކޮށްލާ ހަދާލަން އެތެރިގެތެރެއަށް ދަންޑަހެލު ގެންދަވައެވެ. ދަންޑަހެލު ބައިންދަނީ އޮޅިގަނޑުމަތީގައެވެ. ކަނބާ އިންނަވަނީ އުނދޯލީގައެވެ. އަރިހުގައި އުނދޯލި ހެއްލައިދޭން އަންހެން ކުއްޖަކު ހުރެއެވެ. މި މަންޒަރުގައި "ދަންޑަހެލާ، މި ރައްޓެހިވިއްޔޭ" ވިދާޅުވެފައި ވާހަކަ ދެއްކެވީ ވަރަށް ގާތްކޮށެވެ. އަދި ވަރަށް މުހިންމު ވާހަކަފުޅުތަކެއް ކަނބާ ވިދާޅުވެދެއްވައެވެ. އޭގެތެރޭގައި ކަނބާ އައިސާ ރަނިކިލެގެފާނަކީ ޝަހީދުވި ޢަލީ ރަސްގެފާނުގެ އަނބިކަނބަލުންކަމުގައި ވިދާޅުވެ ޢަލީ ރަސްގެފާނުގެ މާތް ނަސަބުފުޅު ވެސް ވިދާޅުވެދެއްވައެވެ. އެ ކަމަނާއަކީ އިސްލާމްދީނާއި އަމިއްލަ ވަޒަނާހުރެ ޢަލީ ރަސްގެފާނު ޝަހީދުވީއިރު އިންނެވި އަނބިކަނބަލުންކަން ފަޚުރުވެރިކަމާއެކު ވިދާޅުވެއެވެ. "ތިޔަ ބުނާ އަތޮޅުވެރިންނަކާ އަހަރެންނަކާ ކީކީ. އިނދެގެން އުޅެނީއެއްވެސް ނޫން. އެތެރެފުށުގެ ސިއްރު ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާނގެ. އަތޮޅުވެރީންގެ ބީފާނޭ ބުނީމާ ކުރި އަސަރަކުން މި ވާހަކަ ދެއްކުނީ" ކަނބާ ވިދާޅުވެއެވެ.

ދަންޑަހެލުގެ ސުވާލުތަކަށް ކަނބާ ޖަވާބު ދެއްވަމުން ގެންދެވިއެވެ. އެންމެފަހުން ފުރުސަތުގެ ބޭނުން ހިފައި، މުޙައްމަދު ތަކުރުފާނު ވިދާޅުވި ވާހަކަ ކަނބާ އައިސާއަށް ދެންނެވިއެވެ. ހިތްޕުޅާ ނުވާ ވާހަކައެއްނަމަ މިއީ ނުދައްނަވާ ވާހަކައެކޭ ވެސް ދަންނަވައެވެ. ދަންޑަހެލު އެހެން ހަމަ ދެންނެވުމާއެކު ކަނބާ ހިތްޕުޅާނުވެ ކުރެއްވީ މަލާމާތެވެ. ކަނބާ ރުހިވަޑައި ނުގެންކަން އެނގުމާއެކު ކުއްލިއަކަށް އަތިރިއަކަށޭ ދަންނަވައި އަވަސްވަހަށް ދަންޑަހެލު ނިކުމެގެން ދެއެވެ.

ނުވަވަނަ މަންޒަރު ފެށެނީ ސިއްތިމާވާ ރަނިކިލެގެފާނުގެ އާލާސްކަންފުޅާ ގުޅިގެން ކަނބާ އައިސާ ރަނިކިލެގެފާނު ގޮތްހުސްވެ މާޔޫސްވެފައި ހުންނަވަނިކޮށް ފެންނަ މަންޒަރަކުންނެވެ. ވިޔަޒޯރާ މި ވާހަކަ ދައްކަވައި ބޮޑެތި ކަންތައްތަކުގައި ސައްލާކުރައްވާ ބޭފުޅުންނާ ސައްލާ ކުރައްވައިގެން ވެސް ކަމެއް ކޮށްދެއްވާތޯ ދަންނަވައެވެ. ވިޔަޒޯރު ވިދާޅުވެއެވެ. ތިމަންނައަކީ ކަނބާފާނުގެ ދީނުގެ މީހަކީމެއް ވެސްނޫނެވެ. ކަންކަމުގައި ސައްލާކުރާ ބޭފުޅުން އެބަ ތިއްބެވިއެވެ. ތިޔަށްވުރެ ބޮޑުކަމެއް ދިމާވިއްޔެއް ވެސް ނޫނެވެ. ބޮޑެތި ކަންކަމުގައި ސައްލާކުރަން ތިބީ ނޮޅިވަރަންފަރު އެދުރުކަލޭފާނާއި ބާރަށު ކަތީބު ކަލޭފާނާއި އުތީމު ތިންބެއިންނެވެ. މިކަމުގައި މިހާރު ކަމެއް ނުކުރަނީ އުތީމު ތިންބެއިންނެވެ. އެހެން ގޮތެއް ނެތިގެން އުތީމު ތިންބެއިންނާ މި ވާހަކަ ދައްކަވާން ވަޑައިގަންނަވަން ވިޔަޒޯރު ނިންމަވައެވެ.

ދެން ފެންނަނީ އަތޮޅުވެރިން ކުއްލިއަކަށް އުތީމަށް ވަޑައިގެންނެވި ތަނެވެ. އުތީމުން އަތޮޅުވެރިންނަށް މަރުޙަބާ ވިދާޅުވަނީ އުތީމު ތިންބެއިންނެވެ. އެއްގަމަށް އަރުއްވައި މުޙައްމަދު ތަކުރުފާނު ތަންކޮޅެއް ދުރަށް ގެންދަވައި ސިއްތިމާވާގެ އާލާސްކަންފުޅުގެ ވާހަކަ ދަންނަވައި "ތަކުރުފާނު ކަމެއް ކޮށްދެއްވާތޯ" ދަންނަވައެވެ. އެކަން ޤަބޫލުކުރައްވައި މުޙައްމަދު ތަކުރުފާނު ވަޑައިގަންނަވަންވާ އިރަށް ޤުރުއާން ކިޔަވާނެ ސާޅީސް މީހުން ހޯއްދެވުމަށާއި ފޮނިކާއެއްޗަކުން ޞަދަޤާތް ކުރެއްވުމަށް ދަންނަވައެވެ.

ދިހަވަނަ މަންޒަރު ފެށިގެން ދަނީ ދަންޑަހެލު ބާރަށު ވާރުގޭތެރޭގައި ވާހަކަ ދައްކާ އަޑުންނެވެ. "އަމާނަތެކޭ އަމާނާތް" މިހެން ގޮވާލާ އަޑަށް އެ ކިޔާ އެއްޗެއް އެނގިވަޑައި ނުގަނެގެން ކަނބާ އައިސާ ސުވާލުކުރައްވައެވެ. އެކަމަކު ދަންޑަހެލު އެ ކިޔާ އެއްޗެއް ސިއްތިމާވާ ރަނިކިލެގެފާނަށް އެނގިވަޑައިގަންނަވައެވެ. ސިއްތިމާވާ އަރިހުގައި އިންނަވާފައި މަންމާފުޅު ކަނބާ އައިސާ ވަޑައިގަތުމުން ސިއްތިމާވާ ދަންޑަހެލަށް ގޮވާލައްވައެވެ. އަދި ދަންޑަހެލާ ހަވާލުކުރެއްވި އަމާނާތް އަދާކޮށްދެއްވައިފިންތޯ ސުވާލު ކުރައްވައެވެ. އެވަގުތު އެ ކަމަނާ އޮންނެވި އެނދުދާންކޮޅުގެ ކައިރިއަށް އައިސް ސާލުކޮޅު މިއޮތީ ނޫންތޯއޭ ވިދާޅުވެ ސާލުކޮޅެއް ދެއްވައެވެ. އެ ސާލުކޮޅު ނިއުޅާލައްވާއިރު މުޙައްމަދު ތަކުރުފާނު އޭގެތެރެއަށް ލައްވާފައި އޮންނަ ފިޔޮހިކޮޅެއް ސިއްތިމާވާއަށް ފެނިވަޑައިގަންނަވައެވެ. އެވަގުތު އެކަމަނާ އެ ފިޔޮހިކޮޅު ނަންގަވައި މޭފުޅުގައި ޖައްސާލައްވައެވެ. މުޙައްމަދު ތަކުރުފާނު ހުންނެވީ އެ ކަމަނާއާ ކައިވެނިފުޅު ބައްލަވައިގަންނަވަން ހުރިވަޑައިގެންކަން އެ ކަމަނާއަށް އެނގިވަޑައިގެންނެވިކަން މި މަންޒަރުން އެނގެއެވެ.

އެގާރަވަނަ މަންޒަރަކީ އަނެއްކާ ވެސް ބާރަށު ވާރުގޭ ތެރޭގައި ދަންވަރު ކަންތައްތައް ހިނގާގޮތް ފެންނަ މަންޒަރެކެވެ. މި މަންޒަރަކީ އަނެއްކާ ވެސް ކަނބާ އައިސާ އަރިހަށް ރޭނިދި ކުރުކުރައްވާ ވާހަކަ ދައްކަވާލަން ދަންޑަހެލު ގެންދަވާ ރެއެކެވެ. އެންމެ ބޮޑު ބޭނުންފުޅަކީ ސިއްތިމާވާއާ މުޙައްމަދު ތަކުރުފާނު ކައިވެނިފުޅަށް ހުރިވަޑައިގެން ހުންނެވިކަން ބަޔާންކޮށްދެއްވުމެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމުގެ ވާހަކައާއި ތުއްފާށަނާގެ ހީލަތްތެރި ނުބައި ރޭވުންތަކުގެ ވާހަކަ ދައްކަވައި ދަންޑަހެލު ކުރީ ފަހަރު ބޭބެ ވިދާޅުވިއްޔޭ ކިޔާފައި ދެންނެވި ސިއްތިމާވާގެ ކައިވެނިފުޅުގެ ވާހަކަ ކަނބާ ފެއްޓެވިއެވެ. ބޭބެ ވިދާޅުވީ ކީކޭތޯ ސުވާލު ކުރައްވައެވެ. ދަންޑަހެލު ދެންނެވިއެވެ. އޮޑިތައްޔާރުކުރަންވީ ގޮތުގެ ވާހަކައެވެ. އަނެއްކާ ސުވާލުކުރެއްވުމުން ކޮންމެވެސް އެހެންކަމެއްގެ ވާހަކައެވެ. މިހެންގޮސް އެންމެ ފަހުން ކަނބާ އައިސާ ސިއްތިމާވާގެ ކައިވެނިފުޅުގެ ވާހަކަ ދެއްކެވީމާ އެއީ ނުދައްކާ ވާހަކައެކޭ ދަންޑަހެލު ދަންނަވައެވެ. އެންމެފަހުން ކޮންމެ ކަމަކަށްވެސް ވަގުތަކާއި ސާއަތަކާ އޮންނާނެކަމަށާއި ދަންޑަހެލު ބޭބެއަށް މި ވާހަކަ ދަންނަވައިގެން މިކަމަށް މަސައްކަތް ކޮށްދެއްވާށޭ ކަނބާ ވިދާޅުވެއެވެ.

މި ފިލުމުގެ އެންމެ ފަހު މަންޒަރުގައި ފެންނަނީ އުތީމު އަތިރިމަތީގައި އޮތް ރުއްގުޅިއެއްގެ މަތީގައި އުތީމު ތިންބެއިން ތިބެގެން ވާހަކަ ދައްކަވާ މަންޒަރެކެވެ. މި މަންޒަރަކީ ކަޅުއޮށްފުންމި ބަނުމާ ބެހޭ ގޮތުން ޢަލީ ތަކުރުފާނު ވާހަކަ ދައްކަވާ މަންޒަރެކެވެ. ބާރަށުގައި އަތޮޅުވެރިން އޮޑިއެއް ބެންނެވުމަށް އެއްކުރައްވާފައިވާ ވަކަރާއި ލަކުޑިހުރި ވާހަކައާއި އަތޮޅުވެރިންނަށް ދަންނަވާލަނިކޮށް އެތަކެތި ދެއްވަފާނެކަމަށް ޢަލީ ތަކުރުފާނު ވިދާޅުވެއެވެ. މި ހިނދަށް އޮޑިއެއް ބަނުމުގެ މުހިންމުކަމުގެ ވާހަކަ ޢަލީ ތަކުރުފާނު ވިދާޅުވުމުން މުހައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު އެކަމަށް އެއްބަސްވެވަޑައިގަނެއެވެ. މި މަންޒަރުގައި ޢަލީ ތަކުރުފާނު ދައްކަވާ ވާހަކަފުޅުން އޭރު މުޙައްމަދު ތަކުރުފާނު ވަނީ ސިއްތިމާވާ ރަނިކިލެގެފާނާ ކައިވެނިފުޅު ކުރައްވާފައިކަމާއި އަދި ޙަސަން ތަކުރުފާނު ވަނީ ބާރަށު ކަތީބުކަލޭފާނުގެ ކަމަނާއާ ކައިވެނިފުޅު ބައްލަވައިގެންފައިކަން އެނގެއެވެ. އަދި އެ ބޭކަނބަލުން ތިއްބެވީ ބާރަށުގައި ކަން ވެސް އެނގެއެވެ.

ޣާޒީ ބަންޑާރައިންގެ ޖިހާދުގެ އޮޑިކޮޅު ބަނުމުގެ ސައްލާއަށްފަހު އުތީމު ތިންބެއިން ރަށުތެރެއަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރާއެކު މި ފިލުމު ނިމެއެވެ. އެވަގުތު ސްކްރީނަށް ބޮޑުކޮށް އަރަނީ މި ފިލުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން އެދިވަޑައިގަނެގެން އުފެއްދި ފިލުމެއްކަމަށެވެ. މި ފިލުމަކީ އޭރަށް ބަލާއިރު ބަޔަކު ކޮށްފައިވާ ވަރަށް ބުރަ އެހެނަސް ވަރަށް އަގުހުރި މަސައްކަތެކެވެ. މި ފިލުމު އުފެއްދުމުގައި އެހީތެރިވި ބޭފުޅުންގެ ތެރޭގައި ފިލްމު ފެށޭއިރު ފެންނަނީ ޒާހިދާ އިބްރާހީމް، ވަޙީދާ މޫސާ، ފާތުމަތު ޔޫސުފް، ނަޒީމާ، ފައުޒިއްޔާ، ނަޝީދާ، ޝަކީލާ، ޒަރީނާ، ޢަބްދުލްޢަޒީޒު، އަޙްމަދު ރަޝީދު، މުޙައްމަދު ޢަލީ، ކަޅުތުއްތު، ނަޖުމާ، އައިމިނަތު ޒާހިރާ، މުޙައްމަދު ނަސީމު، މުޙައްމަދު ޢާމިރު އަދި ކ. ހުރާގެ ޒުވާންނާއި ޖިންސުއްލަޠީފުންގެ ނަމެވެ. މި ފިލުމުގެ އުފެއްދުމުގައި ކޮންސަލްޓެންޓުންނަކީ އުސްތާޛުލް ޖީލް އައްޝައިޚް މުޙައްމަދު ޖަމީލް ދީދީއާއި ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޙަސަން އަޙްމަދު މަނިކެވެ. ލިޔުންތައް ލިޔުއްވާފައިވަނީ ޑރ. ޙަސަން ޙަމީދެވެ. ހެއަރ ސްޓައިލް ހައްދަވާފައިވަނީ ތުއްތު މަނިކެއެވެ. މި ފިލުމު އުފެއްދުމުގައި ޑައިރެކްޓްކުރުމުގައި އެހީތެރިވެދެއްވާފައިވަނީ ޢަބްދުއްރަޝީދު ޙުސައިނެވެ. އާޓިސްޓެއްގެ ގޮތުގައި އެހީތެރިކަން ދެއްވާފައިވަނީ އަޙްމަދު ޢާޠިފެވެ. ފިލުމުގެ ބައިވެރިންގެ ކޮސްޓިއުމްސް ކަނޑައަޅުއްވައި މޭކަޕް ކުރެއްވީ އަޙްމަދު ނަޞީރެވެ. ފިލުމުގެ ކާސްޓިންގ ޑިރެކްޓަރަކީ ކަށިމާ އަޙްމަދު ޝާކިރެވެ. ފިލުމު ކެމެރާ ކުރެއްވީ އަލްފާޟިލް ޢަލީ ވަޙީދެވެ. ފިލުމު އެޑިޓްކުރެއްވީ ޢަލީ ޤާސިމެވެ. މި ތާރީޚީ މުހިންމު ފިލުމު ޑައިރެކްޓް ކުރެއްވީ ޙުސައިން ޝިހާބެވެ.

މި ފިލުމު އުފެއްދުމުގައާއި ފިލުމުގެ މުހިންމު ބައިތައް ކުޅުއްވި ބައެއް ބޭފުޅުން މިއަދު ވަނީ އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންފައެވެ. މި އަގުހުރި ޤައުމީ މަސައްކަތް ކުރެއްވި ބޭފުޅުންގެ މި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ. އަދި މި ދުނިޔެއާ ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންގެ ފުރާނަފުޅުތަކަށް ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *