Support Us

މިނިވަންކަމަށް ކުރި ދަތުރުގައި އާންމު ރައްޔިތުން މާލޭގައި ހިންގި ހަރަކާތްތައް

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންކަން ހޯދުމަށް ދިވެހީން ފެށި ދަތުރުގެ މާލިމީއަކީ ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ޞާހިބުއް ދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސީންނާ ދެކޮޅަށް ދިވެހީން ކުރާ ކޮންމެ ކަމެއް ކުރަމުން އައީ އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ. ނުވަތަ އެމަނިކުފާނަށް އެނގިވަޑައިގެން އެ މަނިކުފާނު އަންގަވާ ގޮތެއްގެ މަތީންނެވެ. އޭގެތެރޭގައި އާންމު ރައްޔިތުން ހިންގި ހަރަކާތްތަކެއްގެ ގޮތުގައި ދައްކަން ބޭނުންފުޅުވި ހަރަކާތްތައް ހިމެނެއެވެ. އިނގިރޭސީންނަށް ޖެއްސުންކުރުމަށް ކުރި ކަންތައްތަކާއި ދިވެހި ރައްޔިތުންގެ މެދުގައި މިނިވަންކަމުގެ ރޫޙާއި ޖޯޝް އުފައްދައި އާލާކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކުގެ މައި ޖަގަހައަކީ މާފަންނު އެންދެރިމާގެއެވެ. މި ކަންތައްތަކުގެ އިސްވާރަކީ އިބްރާހީމް މަނިކު ދޮންމަނިކެވެ. ނުވަތަ ތުޅާދޫގޭ ދޮންބެއެވެ. އެމަނިކުފާނާއެކު ކޮނޑޭ ތުއްތު މަނިކާއި، މާވާ މުޙައްމަދު މަނިކާއި، ހީނާ ތުއްތު މަނިކާއި، ސަރުދާރު ދޮން މަނިކު ވެސް މިކަމުގައި އިސްކޮށް އުޅުއްވިއެވެ. ތުޅާދޫގޭ ދޮންބެއަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމާއި ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބައްޕާފުޅެވެ.

އިބްރާހީމް މަނިކު ދޮންމަނިކަކީ މާފަންނުގެ އިސް ބޭފުޅެކެވެ. އެއީ މީހުން ބަސް ގަބޫކުރާ ވަރުގަދަ ސިޔާސީއެކެވެ. އެއީ މުޙައްމަދު އަމީނު އުފެއްދެވި ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ މުތަޤައްދިމް ޕާޓީގެ ހިންގާ ކޮމެޓީގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އިނގިރޭސީންގެ ހިމާޔަތުން މިނިވަންކަން ހޯދުމަށް ދިވެހީން ދަތުރުފެށިއިރު ތުޅާދޫގޭ ދޮންބެއަކީ ރައްޔިތުންގެ މަޖިލިހުގައި މާފަންނު ތަމުސީލުކުރައްވާ މާލޭ މެންބަރެވެ. އެ ދުވަސްވަރު "ދޮންބެ" ކަމަކަށް ގޮވާލުމުން އެކަމަކަށް އެއްބާރުލުންދީ އެހީތެރިވެ އަދި ޢަމަލީގޮތުން އިޖާބަދޭނެ މީހުން މާލޭގައި ތިއްބެވެ. ޚާއްޞަކޮށް މާފަންނުގައި ވަރަށް ގިނައެވެ.

އިބްރާހީމް މަނިކު ދޮންމަނިކުގެ ދޮށީ ދަރިކަލުން ޢައްބާސް އިބްރާހީމް އޭރު މަސައްކަތް ކުރައްވަނީ ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުންގެ ވަރަށް އަރިހުގައި ސިނަމާ ކުންފުނީގެ ސެކްރެޓަރީއަކަށެވެ. ބޮޑު ވަޒީރު އިބްރާހީމް ނާޞިރާއި ކަރަންކާ އިބްރާހީމް ރަޝީދު ފަދަ ބޭފުޅުންގެ އަރިހުގައެވެ. އޭރު އިބްރާހީމް މަނިކު ދޮންމަނިކުގެ ހަގު ފިރިހެން ދަރިކަލުން އިލްޔާސް އިބްރާހީމް މަސައްކަތް ކުރައްވަމުން ވަޑައިގަތީ ބޮޑުވަޒީރު ނާޞިރުގެ އަރިހުގައެވެ. ސަރުކާރުގެ އެންމެ އިސް ބޭފުޅުން ކުރައްވަން ވިދާޅުވާ ކަންތައްތައް މި ބޭފުޅުން ގެއަށް ވަޑައިގެން ބައްޕައަށް ދެންނެވީމާ އެ ހަރަކާތްތައް ރާވާ، ވިލަރެސް ކުރައްވައި ހިންގަވަނީ އިބްރާހީމް މަނިކު ދޮންމަނިކެވެ. މީގެ ބައެއް ހަރަކާތްތަކުގައި ޢައްބާސް އާއި އިލްޔާސް ވެސް ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން އުޅުއްވިއެވެ. މިނިވަންކަމަށް ޓަކައި އާންމު ރައްޔިތުން ހިންގި ހަރަކާތްތަކުގެ މައި ޖަގަހައަކަށް މާފަންނު އެންދެރިމާގެ ވީ މިހެންވެގެންނެވެ.

މިނިވަންކަމަށް ނާޞިރު ފެއްޓެވި ދަތުރުގައި އިސްތިރާޖީ ގޮތުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ވަރުގަދަ މީޑިއާ ކެމްޕޭނެއް ކުރިއަށް ގެންދެވުން ހިމެނެއެވެ. މިގޮތުން ސަރުކާރު ހިންގަވަން ތިއްބެވި ވެރިން އަމިއްލަ ހައިސިއްޔަތުން ފެއްޓެވި ކަމެއްގެ ގޮތުގައި 1962 ވަނަ އަހަރު ރޭޑިޔޯގެ ޚިދުމަތް ފައްޓަވައި، 1964 ވަނަ އަހަރު ސިނަމާ ކުންފުނީގެ ފަރާތުން ސިނެކޯ ރޭޑިއޯގެ ނަމުގައި އިނގިރޭސީންނާ ދެކޮޅަށް އިނގިރޭސިބަހުންނާއި ދިވެހިބަހުން ޚަބަރާއި ރިޕޯޓްތައް ފޮނުވަން ފެށިއެވެ. ސިނަމާ ކުންފުނިން މި ރޭޑިޔޯ ސްޓޭޝަން ހިންގިއިރު އެ ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި އެ ރޭޑިޔޯ ހިންގުމުގައި ވެސް އުޅުއްވަން ޖެހިވަޑައިގަތީ ޢައްބާސް އިބްރާހީމަށެވެ. ދެން ނެރުނީ "ފަތިސް" ކިޔާ ނޫހެކެވެ. ބޮޑު ވަޒީރު ނާޞިރު ބޭނުންފުޅުވީ އިނގިރޭސީންނާ ދެކޮޅު ޚަބަރުތަކާއި ފޮޓޯތަކާއި ކުރެހުންތަކާއި ޝުޢޫރުތައް ސަރުކާރުން ނެރޭ ނޫސް މަޖައްލާތަކުގައި ޖެހުމުގެ ބަދަލުގައި އަމިއްލަ ފަރާތަކުން ނެރޭ ނޫހެއްގައި އެތަކެތި ޝާއިޢުކުރައްވާށެވެ. ނާޞިރުގެ ސިޔާސަތަކީ ދިވެހި ސަރުކާރުން އިނގިރޭސީންނަށް ސީދާ ދިމާކޮށް ހަދާތަން ނުދެއްކެވުމެވެ. އިނގިރޭސީން ވެސް ކަންކުރާ ގޮތަށް އަޑީގައި ހުންނަވައިގެން އެހެން ބަޔަކު ލައްވާ ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމެވެ. މިގޮތުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ (މ.މ.ދ) އިން ނެރެންފެށި ފަތިސް ނޫހުގެ މަސްއޫލުވެރިޔަކީ އާދަމް ނަޞީރު މަނިކެވެ. މި ނޫހުގެ ސެކްރެޓަރީ އަކީ އެ ޖަމްޢިއްޔާގެ ވެސް ހިންގުންތެރި ސެކްރެޓަރީ ޢައްބާސް އިބްރާހީމެވެ. މިއީ ދިވެހީންގެ ހިތްތަކުގައި ޤައުމީ ޝުޢޫރާއި ޖޯޝް އުފެއްދި އަދި އިނގިރޭސީން އަޑީގައި ތިބެގެން ހިންގަމުން ދިޔަ ކަންތައްތައް ހާމަކުރަމުން ދިޔަ ނޫހެކެވެ.

ދިވެހީން މިނިވަންކަމަށް ކުރި ދަތުރުގައި އެންދެރިމާގޭގައި ސައްލާކޮށް ރާވައިގެން ކުރި އެންމެ ބޮޑު އެއް ކަމަކީ ހުޅުލޭގައި އޭރު އިނގިރޭސިން އަޅާފައި އޮތް އެއަރޕޯޓު ހަލާކުކޮށްލައި ބޭނުން ނުކުރެވޭވަރު ކޮށްލުމެވެ. ދަގަނޑުފިލާ އަޅައިގެން ހަދާފައިވާ ރަންވޭގެ ފިލާތައް ނައްޓައި އުކާލުމެވެ. މިކަން ކުރީ ރިޔާނެގި ދޯނިފަހަރުގައި މާލެއިން ދަތުރުކޮށްފައި ހުޅުލެއަށް ގޮސް ރޭގަނޑު ދަންވަރު ސިއްރިޔާތުގައެވެ. އެކި ރޭ މަތިން ދިހަވަރަކަށް ބާރަވަރަކަށް މީހުން ގޮސްގެން މި މަސައްކަތްކުރިއިރު މިކަން ކުރަމުންދިޔައީ ކޮން ބައެއްކަން ދަންނަ މީހަކު ހުންނަ ކަމަކަށް ނުވެއެވެ. ސަރުކާރަށް ވެސް އެ ބަޔަކު އަތުލައިގަނެވޭ ކަމަކަށް ނުހައްދަވައެވެ. ބައެއް ދުވަސްދުވަހު އިރުއަރާއިރު ދަގަނޑު ފިލާ ނައްޓާފައި އެތަންތަނުގައި ހުންނަނީ ރުއްގަސް ޖަހާފައެވެ. "ގޯ ބެކް ޑޭވީ" (ޑޭވީ ރަށަށްދޭ) ލިޔެފައި ފޮތިގަނޑެއްވެސް ދެމިއެވެ. އިނގިރޭސީންނާ ދެކޮޅަށް ދިވެހި ރައްޔިތުން ހިންގި ހަރަކާތްތަކުން އެ މީހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ކަމަކީ މިއެވެ.

ހުޅުލޭގައި އިނގިރޭސީން ބޭނުންކުރަމުން ދިޔަ އެއަރޕޯޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލިތާ މާގިނަ ދުވަހެއް ނުވަނީސް އެތަނުގައި ދިވެހީން އެއަރޕޯޓެއް އަޅާކަން ދިވެހި ސަރުކާރުން އިޢުލާން ކުރެއްވިއެވެ. މި މަސައްކަތް ސަރުކާރުން ފެށުމާއެކު ފެންނަމުން ދިޔައީ ދިވެހީން މިނިވަންކަމަށް ފެންބޮވައިގެންފައިވާ މިންވަރެވެ. އިނގިރޭސީންނާމެދު ހިތްހަމަނުޖެހިފައިވާ ވަރެވެ. ޤައުމީ ކަންކަމުގައި ދިވެހީންގެ ހުންނަ ފޯރިއާއި ޖޯޝެވެ.

ދިވެހީން މިނިވަންކަމަށް ޓަކައި ކުރި ދަތުރުގައި އާންމު ރައްޔިތުން ހިންގި ހަރަކާތްތަކުގެ ދެން އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ ދަނޑިއާއި ގޯނިން ހަދައިގެން ދެއްކި މަނަވަރުތަކާއި، ނަފުސާނީ ގޮތުން ބަލިކަށިކޮށްލުމަށް ހަދާ ކަމަށް ދެއްކި ފަންޑިތަ ސިހުރު ހާހޫރަތަކާއި، އަންހެނުން ކުރި ވަރުގަދަ މުޒާހަރާއާއި، އިނގިރޭސި ސަފީރަށް މާލޭގެ މަގުތަކުން ޖެއްސުންކުރުމަށް ޒުވާނުން ކޮށްއުޅުނު ކަންތައްތަކެވެ.

އާތިންޓަން ޑޭވީ

ހުޅުލޭގައި އިނގިރޭސީ އަޅާފައި އޮތް އެއަރޕޯޓު ހަލާކުކޮށްލުމުން އައްޑޫގައި ތިބޭ އިނގިރޭސީން ދޫނިދޫގައި ހުންނަވާ އިނގިރޭސި ސަފީރު އާތިންޓަން ޑޭވީއަށް ފޮނުވާ ތަކެތި މަތިންދާ ބޯޓުގައި އައިސް އަޅަން ޖެހުނީ ދޫނިދޫ ކައިރިއަށް ކަނޑަށެވެ. މިތަކެތި ހޮވަނީ ދޫނިދޫގައި ތިބޭ އިނގިރޭސި ސިފައިން ކުޑަ ލޯންޗެއްގައި ކަނޑަށް ނިކުމެގެންނެވެ. ބައެއް ފަހަރު އެމީހުންނަށްވުރެ ކުރިން ދިވެހީން ކަނޑުމަތީން އެތަކެތި ހޮވައިގެން ގެންގޮސް ހަދައެވެ. މިހެން މި ކަންކަން ހިނގައި އަދި މާލޭ އަންހެންވެރީން އިނގިރޭސި ސަފީރާ ދެކޮޅަށް ކުރި މުޒާހަރާއަށްފަހު އިނގިރޭސި މަނަވަރެއް އައިސް ދޫނިދޫ ކައިރީގައި ބަނދަރުކޮށްގެން އޮންނާން ފަށައިފިއެވެ. މާލޭ ރައްޔިތުން ދުށް ގޮތުގައި އެއީ ދިވެހީންނަށް ބިރުދެއްކުމަށް ބާއްވާ މަނަވަރެކެވެ. މިކަމަށް ޖެއްސުން ކުރުމުގެ ގޮތުން އާންމު ރައްޔިތުން ދޫނިދޫ ބަނދަރަށް އަންނަ މަނަވަރަކަށް މަނަވަރެއް މާލޭ ތޮށިމަތީގައި ހަދަންފެށިއެވެ. ބަނދަރުގައި އޮންނަ މަނަވަރުގެ ސިފައަށް ދަނޑިއާއި ގޯނި ބޭނުންކޮށްގެން ދިވެހީން ހަދާ މަނަވަރުގައި އިނގިރޭސީންގެ މަނަވަރުގެ ނަމާގުޅޭ ނަމެއް ވެސް އޮންނަނީ ޖަހާފައެވެ. މިގޮތުން އެއް ފަހަރަކު "އެޗްއެމްއެސް ބްލެކް ޕޫލް" ކިޔާ އިނގިރޭސި މަނަވަރެއް ދޫނިދޫ ބޭރަށް އައެވެ. އެފަހަރު ދިވެހީން ހެދި މަނަވަރުގައި ޖަހާފައި އޮތީ "އެޗްއެމްއެސް ވައިޓް ފޫލް" އެވެ. މިއީ އިނގިރޭސީންނަށް ޖެއްސުންކޮށްލުމަށާއި މަޖަލަށް ކުރަމުން ދިޔަ ކަމެކެވެ. އިނގިރޭސި ރޯޔަލް ނޭވީ ޝިޕްތަކުގައި އެޗްއެމްއެސް ބޭނުންކުރަނީ ހާ ނުވަތަ ހިޒް މެޖެސްޓީޒް ޝިޕްގެ މާނައިގައެވެ. ދިވެހީން ތޮށިމަތީގައި ހަދާ މަނަވަރުތަކުގައި އެޗްއެމްއެސް ބޭނުންކުރަނީ ހޯމް މޭޑް ޝިޕްގެ މާނައިގައެވެ.

މިގޮތަށް މަނަވަރު ހަދަމުން ދިޔަ ދުވަސްވަރު އެއް ފަހަރަކު އިނގިރޭސި މަނަވަރަކުން ދިވެހި މަނަވަރުގެ ފަޅުވެރީންނަށް ކޮކްޓެއިލް ޕާޓީއަކަށް ދައުވަތު ދިނެވެ. މިކަން އިނގިރޭސީން ކުރީ މާލޭ ބަނދަރުން ފެނުނީ ހަގީގީ މަނަވަރެއްކަމަށް ހީވެގެންނެއް ނޫނެވެ. ބޮޑަށް ގަބޫލުކުރެވެނީ އެވެރިން ވެސް ސަމާސާކޮށް ޖެއްސުންކޮށްލީ ކަމަށެވެ.

ދޫނިދޫ ބަނދަރަށް މަނަވަރު އައުން ހުއްޓުނީ ސިހުރެއްގެ ސަބަބުން ކަމަށް އޭރު މާލެތެރޭގައި ކިޔައި އުޅުނެވެ. ބުނެވޭ ގޮތުގައި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީއަކީ ސިހުރު ފަންޑިތަ ވަރަށް ބޮޑަށް ގަބޫލުކުރައްވާ ބޭފުޅެކެވެ. އޭނާ ރާއްޖެ ވަޑައިގަތުމުގެ ކުރިން އެފްރިކާގެ ކެންޔާގައި ހުންނެވިއިރު "ބްލެކް މެޖިކް"ގެ ކަންތައްތައް ވަރަށް ގާތުން އޮތީ ތަޖުރިބާ ކުރައްވާފައެވެ. މިކަން ކޮންމެ ވެސް ގޮތަކުން ދިވެހީންނަށް އެނގިގެން ފަންޑިތަ ސިހުރު ހާހޫރަ ހަދާކަން ދައްކައިގެން ޑޭވީ ހުންނެވީ ވަރަށް ބޮޑަށް ބިރުގަންނުވާފައެވެ. ކަޅު ހެދުން ލައިގެން ދިހަބާރަ މީހުން ދޯނިފަހަރުގައި ގޮސް ދޫނިދޫ ބޭރަށް ކިޔަވާފައި ދޭތެރެ ދޭތެރެއިން ފެންއަޅާތަން ޑޭވީއަށް ފެނިވަޑައިގަންނަވައެވެ. އަދި ދޫނިދޫ ބޭރަށް އަންނަ މަނަވަރުތައް ވަށައިގެން އެބަޔަކު ދުން ބުރުވާ ހަދާކަން ވެސް އެނގިވަޑައިގަންނަވައެވެ. އެއްދުވަހު މިގޮތަށް ފެންއަޅައި ދުންބުރުވާ ހެދިތަނުން އައި ވިއްސާރަ ވިލާގަނޑެއްގައި ދޫނިދޫ ބަނދަރުގައި އޮތް މަނަވަރުގެ ބައެއް ހަލާކުވެގެން ވެއްޓި ޖެހުމުގެ ސަބަބުން އެ މަނަވަރުގެ އޮފިސަރަކަށް އަނިޔާވިއެވެ. މިއީ ދިވެހީން ހަދާ ފަންޑިތަވެރިކަމުން ވީ ކަމެއްކަމަށް ބަލައި އޭގެ ފަހުން ދޫނިދޫ ބަނދަރަށް މަނަވަރު އައުން ހުއްޓާލީ ކަމަށް މާލެތެރޭގައި ކިޔައިއުޅުނެވެ. މަނަވަރު އައުން ހުއްޓާލިއިރު އަށް މަނަވަރު އެ ސިލްސިލާގައި ދޫނިދޫ ބަނދަރުގައި އައިސް އޮތެވެ.

އާންމު ރައްޔިތުން އިނގިރޭސީންނަށް މިގޮތަށް ސަމާސާކޮށް ޖެއްސުންކޮށް އުޅުނު ދުވަސްވަރު އިނގިރޭސި ސަފީރު ދޫނިދޫގައި ހުންނަވާފައި މާލެ ވަޑައިގަތުމުން ބައިސްކަލުގައި ގޮސް ޒުވާނުން އެމަނިކުފާނަށް ޖެއްސުންކޮށް ހެދުމަކީ ވެސް ހިނގިކަމެކެވެ. މިކަމުގައި އުޅުއްވީ ކެރަފާ ޢަބްދުއްސައްތާރާއި ޢުމަރު ޒާހިރާއި ސިއްކަގޭ މުޙައްމަދު ނަސީމުމެން ފަދަ ޒުވާން ބޭފުޅުންނެވެ. މިކަމުގައި އެ ބޭފުޅުން ކުރާނެ ކަމެއް ވެސް ގިނަ ފަހަރު ނޯވެއެވެ. ބައިސްކަލުގެ ބުރެކި ނުހިފައިގެން ނުވަތަ ނުފަރިތަކަމުން ސަފީރާ ދިމާއަށް ބައިސްކަލު ދަނީއެވެ. މިކަމާ ގުޅިގެން ބޮޑު ފާލަމަށް ފައިބައިގެން ބޮޑު ވަޒީރާ ބައްދަލުކުރެއްވުމަށް އަތިރީމާފަންނުގެއަށް ވަޑައިގަތުމަށް ބައެއް ދުވަސްދުވަހު ގަޑިދެގަޑިއިރެއްހާއިރު ވެސް ހޭދަވިއެވެ. ސަރުކާރުން ސަފީރަށް ހިމާޔަތް ދެއްވީ އެންމެ ފަހުން ސިފައިންގެ ބޭކަލަކު ފޮނުއްވައިގެންނެވެ. ސަރުކާރަށް ދުރާލައި އެނގިވަޑައިނުގެން ސަފީރު މާލެ ވަޑައިގެންފިނަމަ ޒުވާނުންގެ މި އުދަނގޫކުރުންތަކާ ސަފީރާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައެވެ. މިކަމުގެ ސަބަބުން ބޭނުން އިރަކު މާލެ ވަޑައިގެން އުޅުއްވުމުގެ ފުރުސަތު ސަފީރަށް އޮތީ ނެތިފައެވެ.

މިނިވަންކަމަށް ކުރި ދަތުރުގައި ރައްޔިތުން ހިންގި އެންމެ ފޯރިގަދަ ހަރަކާތަކީ އިނގިރޭސި ސަފީރު ޑޭވީއާ ދެކޮޅަށް ދިވެހި އަންހެނުން ނުކުމެ ކުރި ވަރުގަދަ މުޒާހަރާއެވެ. މި މުޒާހަރާއަށް މާލޭގައި އަންހެނުން ނިކުތީ އައްޑު އަތޮޅަށް ދިޔަ ދިވެހި ސަރުކާރުގެ ވަފުދަކާ ދެކޮޅަށް އިނގިރޭސީން އަޑީގައި ތިބެގެން އައްޑު އަތޮޅުގެ އަންހެނުންތަކެއް ނެރެގެން 8 އޮކްޓޫބަރު 1961ގައި މުޒާހަރާ ކުރުވުމުންނެވެ.

އިލޮށިފައްޗާއި ކުނި ނަގަން ބޭނުންކުރާ ޖަސްތުގަނޑު ފަދަ ތަކެތި ހިފައިގެން އައްޑޫ އަންހެނުން ކުރި މުޒާހަރާއާ ގުޅިގެން ފުރަތަމަ މާލޭގައި މުޒާހަރާ ކުރަން އުޅުނީ މާފަންނު އަންހެނުންނެވެ. އެންދެރިމާގޭގައި ރޭވި މުޒާހަރާގެ ޚަބަރު ސަރުކާރަށް ލިބިގެން މިކަމުގައި އިސްކޮށް އުޅުއްވި އަންހެން ދެތިން ބޭފުޅުން ސިފައިންގެއަށް ގެންދަވައިފިއެވެ. އެ ބޭފުޅުން އެކަމުގައި އުޅުއްވަނީ "ދޮންބެ" ވިދާޅުވެގެން ކަމަށް ދެންނެވިއެވެ. އެ ހިސާބުން ޙުސައިން މަނިކު ދޮންމަނިކު ވެސް ސިފައިންގެއަށް ގެންދަވައިފިއެވެ. އިރުކޮޅެއް ފަހުން ހުރިހާ ބޭފުޅުން ދޫކޮށްލެއްވިއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ޢައްބާސް އިބްރާހީމަށް ލިބިވަޑައިގެންނެވި އިރުޝާދަކީ މާދަމާ ނިކުންނަ ފަތިސް ނޫހުގެ ބޮޑު ޚަބަރަކަށް އެ ޚަބަރު ޖެއްސެވުމެވެ. އިނގިރޭސީންނާ ދެކޮޅަށް އަންހެނުން ކުރަން އުޅުނު ބޮޑު މުޒާހަރާއެއް ސަރުކާރުން ހުއްޓުވި ޚަބަރު އެ ނޫހުގައި ބޮޑުކޮށް ޖެހިއެވެ. މިއީ ކުޅުނު ޒާތެއްގެ ޑުރާމާއެކެވެ.

މާފަންނު އަންހެނުން ކުރަން އުޅުނު މުޒާހަރާ ނުކުރެވުނު ޚަބަރާއެކު ހެންވޭރުގެ އަންހެނުން ތެދުވެއްޖެއެވެ. ހެންވޭރު މައިޒާން މަރިޔަމް ފުޅު މެން ފަދަ އިސް ބޭފުޅުން ނިކުމެވަޑައިގެންނެވީ ވަރަށް ވަރުގަދަ ރޫޙެއްގައެވެ. މާލޭ އުތުރު ފަރާތަށް އަންހެނުން ނިކުތީ ހާހުންހާހުންނެވެ. ދުވަހަކީ 1962 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 16 ވީ ހުކުރު ދުވަހެވެ. ދޯނިތަކުގައި މާލެއިން ފުރައި ދޫނިދޫއާ ދިމާއަށް ދުއްވަމުން ދިޔަ ދޯނިތަކުގައި ތިބީ ހުސް އަންހެނުންނެވެ. ފަލި ޖަހަންޏާ ފަލިޖަހަން، ރިޔާނަގަންޏާ ރިޔާނަގަން ވެސް ތިބީ އަންހެނުންނެވެ. ހުންގާނުގައި ވެސް ތިބީ އަންހެނުންނެވެ. ލަވައާއި އަންބާ ކިޔަމުން ބައެއް ދޯނިފަހަރުގައި އަންހެންވެރިން ނަށަމުން މާލޭ ފަޅުން ނިކުމެގެން އެދަނީ ސީދާ ދޫނިދުއާ ދިމާއަށެވެ. މި މަންޒަރު ބަލަން ފިރިހެނުންނާއި ކުޑަކުދިން މާލޭގެ ބަނދަރުމައްޗަށް އޮތީ އެއްވެފައެވެ. "ޑޭވީ މޫދަށްލާން" ދިޔަ އަންހެނުންނަށް ހުރަސްއަޅަން ދޫނިދޫގައި ތިބި އިނގިރޭސި ސިފައިން ނިކުތީ ކުދި ލޯންޗުފަހަރުގައެވެ. އެ ލޯންޗުފަހަރުގެ ރާޅު ބާނީގައި ޖެހިގެން އަންހެނުން ތިބި ދޯންޏަކަށް ކަމެއް ވެދާނެތީ އެ ދޯނިތައް މާލޭ ފަޅަށް ވައްދަން ސިފައިން ފޮނުއްވީ ބޮޑު ވަޒީރު ނާޞިރެވެ. މި މަންޒަރުގެ ހަވާސާއިން ދެއްކެވީ އިނގިރޭސީން ދެކޮޅަށް ރުޅިއައިސް ރަތްވެފައިވާ ރައްޔިތުންތަކެއް ދިވެހި ސަރުކާރުން ސިފައިން ފޮނުއްވައިގެން މައިތިރި ކުރަންވަން ކުރެއްވި މަސައްކަތެވެ. މި މުޒާހަރާ ނިމުނީ އިރާކޮޅުއެވެ. ހަމަ އެރޭ ސަރުކާރުން މަންދޫބެއް ދޫނިދޫއަށް ފޮނުއްވާ އެ ދުވަހު ހިނގައިދިޔަ ކަންތައްތަކާމެދު ދިވެހި ސަރުކާރުން ހިތާމަކުރައްވާކަން ސަރީފަށް ދެންނެވިއެވެ. އެ ދުވަހު އިނގިރޭސި ސަފީރު ޑޭވީ ހުންނެވީ ބިރުން ފިއްކަނޑައިގެން ގޮސްފައި ކަމަށް މާލެ ތެރޭގައި ކިޔާ އުޅުނީ އެރޭ ސަފީރު އުޅުއްވި ގޮތުންނެވެ.

މިނިވަންކަމަށް ޓަކައި މާލޭގައި އާންމު ރައްޔިތުން ހިންގި މި ހަރަކާތްތަކީ ޤައުމީ ރޫޙާއި ޤައުމީ ލޯބީގައި ހިލޭ ސާބަހަށް ހިންގި ހަރަކާތްތަކެކެވެ. މި ކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި ޤައުމީ ޖޯޝް އުފެދެމުން ވަރުގަދަވަމުން ދިޔައެވެ. މިއީ ޤައުމަށް ޓަކައި ޚާއްޞަކޮށް ދިވެހީންގެ މިނިވަންކަމަށް ޓަކައި ދިވެހީން ފަރުދީގޮތުން ކޮށްފައިވާ ޤައުމީ ބުރަ މަސައްކަތްތަކެކެވެ. މިއީ އިނގިރޭސީން ލަދުގަންނުވާލި އަދި ނަފުސާނީ ގޮތުން ބަލިކަށިކޮށްލި ހަރަކާތްތަކެކެވެ. މީސްކޮޅު މަދު ކުޑަ ޤައުމެއްގެ ބަޔަކު އިނގިރޭސީން ފަދަ ހައިބަތު ހުރި، ބޮޑު އަދި ވަރުގަދަ ދައުލަތާ ދެކޮޅަށް ނިކުމެ ދައްކަންފެށި ހިތްވަރުން އިނގިރޭސީން ކޮސްކޮށްލިއެވެ. ދިވެހީންނަކީ އިނގިރޭސީން ކުރިން ހީކޮށްގެން ތިބި ކަހަލަ ބައެއް ނޫންކަމާއި މިއީ މިނިވަންކަމަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ހިތްވަރާއި ޢަޒުމު ވަރުގަދަ ބައެއްކަން އިނގިރޭސީންނަށް އެނގުނެވެ.

ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ދިނުމާ ބެހޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާ ކުރެވުނު ދުވަހު އެ ގަރާރު ސްޕޮންސަރ ކުރި އިނގިރޭސިވިލާތުގެ ސަފީރު ލޯޑް ކަރަޑޮން ދެއްކެވި ވާހަކަފުޅުގައި ދިވެހީންނަށް ތަޢުރީފު ކުރައްވަމުން ފާހަގަ ކުރެއްވި އެއްކަމަކީ ދިވެހީންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *