ދޮށިމޭނާކަމަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ކޮލިލެވޭ ދަރަޖައެކެވެ. މިއީ އިހުގައި ހަވަރު ބެހިފައިވާ ބައިތަކުގެ ތެރެއިން ދޮށިމޭނާވަރުގެ ވެރިކަމަށް އިސްކުރައްވާފައިވާ ފަންސަފުރަދާނަ ކަމުގެ ޢިއްޒަތުގެ ދަރަޖައެކެވެ. ވަޒީރުކަމަށް ކޮލިލާފައި ތިއްބަވާ ބޮޑުބޭކަލުންގެ ތެރެއިން ބޮޑުމުސްކުޅި ޢިއްޒަތުގެ ދަރަޖައެއްގެ ގޮތުގައި ވެސް ދޮށިމޭނާކަން އޮވެއެވެ. ދޮށިމޭނާކިލެގެ ކަމަކީ ހަތްދޮށުކޮލީގެ ނަމެކެވެ. އެއީ ފަންސަފުރަދާނަކަން ދެއްވާފައިވާ ނުވަތަ ބޮޑުފުރަދާނަކަން ދެއްވާފައިވާ ކިލެގެބޭފުޅެކެވެ.
އިހުގައި އޮތް ރަސްކަމުގެ ނިޒާމުގައި މިހާރު ވަޒީރުން ތިއްބަވާގޮތަށް ކިލެގެކަމުގެ ޢިއްޒަތްދެއްވާ ކޮލިލައްވާފައިވާ މަޖިލިހެއްއޮވެއެވެ. ދޮށިމޭނާކިލެގެއަކީ އެ މަޖިލިހުގައި ތިއްބަވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ގިނަ ފަހަރަށް މި ބޭކަލުންނަކީ ރަސްގެފާނާ ގާތްކަން އޮންނަ ބޭކަލުންނެވެ.
ރަސްކަމުގެ ޒަމާނުގައި ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވޭ ބޭކަލަކީ ރަސްކަމުގެ އެންމެ އިސް ފަސް ވަޒީރުންގެ ތެރެއިން އެންމެ އިސް ވަޒީރެވެ. އެ ވަޒީރަކީ ދިފާޢީ ކަންތައްތަކާ ހަވާލުވެ ހުންނަވާ ވަޒީރެވެ. ފަހުން އެއީ ވަޒީރުލް ޢަސްކަރިއްޔާއެވެ. މިހާރުގެ ގޮތުންނަމަ ދިފާޢީ ވަޒީރެވެ. އިހުގައި ރަސްކަމުގެ ކަންތައްތައް ހިންގަވަން ތިއްބަވާ ފަސް ވަޒީރުންނަށް ކިޔަނީ ފަންސަފުރަދާނަ އެވެ. ރަދުންގެ ވަޒީރުންގެ ގޮތުގައި ފަހުން "ދޮށިމޭނާ" ކަމުގެ އިތުރުން "ކުޑަ ދޮށިމޭނާ" ކަން ވެސް ބައެއް ދުވަސްވަރު އޮތެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ދޮށިމޭނާގެ ލަގަބު އޮތީ އަތިރީގެ ޢާއިލާއަށް ޚާއްޞަވެފައި އޮތް އަދި ވާރުތަވަމުން އައި މަގާމެއްގެ ގޮތުގައެވެ. މީލާދުން 1799 ވަނަ އަހަރު އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެއާ ހަމައިން ދޮށިމޭނާކަން އޮތީ އަތިރީގެ ޢާއިލާގެ ބޭފުޅުންނަށެވެ.
އެ ކިލެގެ އަވަހާރަވުމުން ދެން އެމަގާމު ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން އަތިރީގޭ ދޮން އަޙްމަދު ދީދީއަށެވެ. އެއީ އަޙްމަދު ދޮށިމޭނާކިލެގެ އެވެ. ދޮން އަޙްމަދު ދީދީއަށް ފަހު ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން ޢަލީ ދޮށިމޭނާކިލެގެފާނަށެވެ. މި ކިލެގެފާނު ގާލީގައި އަވަހާރަވުމުން ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އެ ކިލެގެފާނުގެ ދަރިކަލުން އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނަށެވެ. ދިވެހި ތާރީޚުގައި އެންމެ މަޝްހޫރު ދޮށިމޭނާޔަކީ މިއީއެވެ.
އިބްރާހީމް ދޮށިމޭނާކިލެގެފާނަށް ފަހު ދޮށިމޭނާކަން ލިބިވަޑައިގަތީ އޭނާގެ ދޮށީ ދަރިކަލުން އަޙްމަދު ދީދީއަށެވެ. ކުރިން އަޙްމަދު ކުޑަދޮށިމޭނާގެ ނަންފުޅުގައެވެ. މިއީ ފަހުން އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނެވެ. މި ކިލެގެފާނަށްފަހު ދެން ދޮށިމޭނާކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން މުޙައްމަދު އަމީނަށެވެ. މިއީ އަތިރީގޭ މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. އަތިރީގޭ ޢާއިލާއަށް ވާރުތަވަމުން އައި ދޮށިމޭނާކަން އަތިރީގޭ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ހަމައިން 1954 ވަނަ އަހަރު ވަނީ ނިމުމަކަށް އައިސްފައެވެ. އަތިރީގޭ ޢާއިލާގެ ތެރޭގައި ދޮށިމޭނާކަމުގެ ލަގަބު ވާރުތަވަމުން އައި ދުވަސްވަރު އެ ޢާއިލާއާ ސިޔާސީ ގޮތުން އެންމެ ވާދަވެރި ކަކާގޭ ޢާއިލާގެ ބޭފުޅަކަށް ދޮށިމޭނާކަމަށް ހިޖުރައިން 1317 ވަނަ އަހަރު (މީލާދީން 1900 ވަނަ އަހަރު) ކޮލި ލެއްވިއެވެ. އެއީ ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ދަރިކަލުން އިސްމާޢީލް ދޮށިމޭނާ ކިލެގެފާނެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފަހުން ދޮށިމޭނާކަން ދައުލަތުން ދެއްވައި، ކޮލި ލެއްވީ އޮނަރަބަލް ޢަބްދުލްޙަންނާން ޙަލީމަށެވެ. އެމަނިކުފާނަށް ކިލެގެކަމުގެ ދަރަޖަ ދެއްވައި ދޮށިމޭނާކަމަށް ކޮލި ލެއްވުނީ 1975 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އޮނަރަބަލް އަޙްމަދު ޙިލްމީ އާއި އޮނަރަބަލް ޢަބްދުއްސައްތާރު މޫސާ ދީދީއަށް ވެސް ކިލެގެކަމުގެ ދަރަޖަދެއްވިއެވެ. ނަމަވެސް 1979 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުން 'ކިލެގެކަމުގެ ކޮލި' އުވާލައްވައި، އެ ދަރަޖަ ދެއްވާފައިވާ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެ ޢިއްޒަތް ނެގުމަށް ވަނީ ނިންމަވާފައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނެވެ.
މާލޭގެ ބޮޑެތި ޢިމާރާތްތަކަށް ރަސްމީގޮތުން ނަންދެއްވަން ފައްޓަވައި ކުރީ ޒަމާނުގައި ބޭނުންކުރަމުން އައި ދުވަސްވީ ޢިއްޒަތުގެ ލަގަބުތަކަށް ނިސްބަތްކޮށް ނަން ދެވުނުއިރު މިހާރު ދިވެހި އަސްކަރިއްޔާގެ ހެޑުކުއާޓަރު ހުންނަ ބަނޑޭރިގޭ ޢިމާރާތަށް 17 އޮކްޓޫބަރު 1969 ގައި ދޮށިމޭނާ ބިލްޑިންގގެ ނަން ދެއްވިއެވެ. ނަމަވެސް ފަހުން އެ ޢިމާރާތަށް ކުރިންސުރެ ކިޔަމުން އައި "ބަނޑޭރިގެ" މި ނަމަށް 7 އެޕްރީލް 1979 ގައި ބަދަލުކުރެއްވިއެވެ. އަދި ސިފައިންގެ ކުރިމަތީގައި މިހާރުގެ ޖުމްހޫރީ މައިދާނުގައި ހުރި ސެންޓްރަލް ބިލްޑިންގުގެ ނަން "ދޮށިމޭނާ ބިލްޑިންގ" ގެ ނަމަށް ބަދަލު ކުރެއްވިއެވެ. މި ދޮށިމޭނާ ބިލްޑިންގ ތަޅާލީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވަނިކޮށް ޖުމްހޫރީ މައިދާން ހެދުމަށެވެ.

ކުރިން ކޯސްޓްގާޑް ބިލްޑިންގ ހުރި ތަނުގައި އިންޑިއާ ސަރުކާރުގެ އެހީގެދަށުން ބިނާކުރި 10 ބުރީގެ ދިފާޢީ ވުޒާރާ ޢިމާރާތުގެ ބިންގާ އެޅީ 19 ފެބުރުވަރީ 2014 ގައެވެ. ޢަމަލީ މަސައްކަތް 2019 ވަނަ އަހަރު ފެށުނު މި ބިލްޑިންގ އިމާރާތްކޮށް ނިންމައި "ދޮށިމޭނާ ބިލްޑިންގ"ގެ ނަމުގައި ހުޅުވައިދެއްވީ 2025 ޖުލައި 25 ވަނަ ދުވަހު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.



advertisment