ދުނިޔޭގެ 11 ވަނައަށް އެންމެ މުއްސަނދި، އެކަމަކު ކާކުކަން ނޭނގޭ މީހެއް ވެއެވެ. އެއީ "ސަޓޯޝީ ނަކަމޯޓޯ" އެވެ. އޭނާއަކީ ކާކު ހެއްޔެވެ؟
ސަޓޯޝީ ނަކަމޯޓޯއަކީ ބިޓްކޮއިންގެ ބާނީގެ ނަމެވެ. އެހެންނަމަވެސް، އެއީ ކާކު، ކޮންތާކު، ކީއްކުރާ މީހެއް ކަމެއް ނޭނގެއެވެ. އެއީ ހަމައެކަނި ބޭނުންކޮށްފައިވާ ނަމެކެވެ.
ބިޓްކޮއިންގެ ބާނީއަކީ ކާކުތޯ ހޯދުމަށްޓަކައި އެންމެ މަތީ ފެންވަރުގައި ނިއުސްވީކުން ކުރި ތަޙުޤީޤުއި، 2014 ވަނަ އަހަރުގެ މާރިޗް މަހު، ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޑޯރިއަން ނަކަމޮޓޯ އަކީ ބިޓްކޮއިން އުފެއްދި މީހާ ކަމަށް ހާމަކޮށްފައިވެއެވެ.

ނިއުސްވީކުން ބުނެފައިވާ ގޮތުގައި، ސަޓޯޝީ ނަކަމޯޓޯ އާއި ޑޯރިއަން ނަކަމޯޓޯއާ ދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ދެ މީހުންނަކީވެސް "ލިބަޓޭރިއަން ލީނިންގްސް" އެހެންގޮތަކަށް ބުނާނަމަ، ފަރުދީ މިނިވަންކަމާއި ސަރުކާރުގެ ބާރު ވީހާވެސް ކުޑަކުރުމުގެ ފަލްސަފާއާއި ޖަޕާނުގެ ތުރާޘް ޤަބޫލުކުރާ ދެމީހުންނެވެ.
ސަޓޯޝީ ނަކަމޯޓޯ، ކެލިފޯނިއާގެ ޕޮލިޓެކްނިކުން ޠަބަޢީ ޢިލްމުން ޑިގްރީ ޙާސިލު ކުރިއިރު، ޑޯރިއަން ނަކަމޯޓޯ ވަނީ ކްލެސިފައިޑް ޑިފެންސް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައެވެ. އަދި އެ ރިޕޯޓުގައި ލިޔުންތެރިޔާ ބުނެފައިވާ ގޮތުގައި ޑޯރިއަން ނަކަމޯޓޯ ވަނީ، އޭނާއާ ބިޓްކޮއިންއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
ސަޓޯޝީ ނަކަމޯޓޯގެ ވޮލެޓްގައި މިހާރު ހުރި ބިޓްކޮއިންގެ އަގު ގާތްގަނޑަކަށް 129 ބިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް އޭނާ އަމިއްލައަށް އަދިވެސް އޮތީ ކާކުކަން ސިއްރެއްގެ ގޮތުގައި ބާއްވައިފައެވެ.
މާލީ ދުނިޔެއަށް ލޮޅުންއަރުވާލި، ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ޑިޖިޓަލް ކަރަންސީ ބިޓްކޮއިން މިހާރުވެސް ވަނީ އޭގެ ބާނީގެ ހަޤީޤީ ހުވިއްޔަތުން މަހުރޫމްވެފައެވެ. 'ސަޓޯޝީ ނަކަމޯޓޯ' މި ނަމަކީ އެކަކަށް، ނުވަތަ ޖަމާޢަތަކަށް ނިސްބަތްވާ ނަމެއް ކަމަށް ވެދާނެއެވެ. ނަމަވެސް، އެ ނަމުގެ ފަހަތުގައި ހުރީ ކާކުތޯ ނުވަތަ ތިބީ ކޮންބައެއްތޯ އެއީ މިއަދު ވެސް އިންޓަނެޓްގައި ކުރެވެމުންދާ އެންމެ ހޫނު ބަހުސެވެ. ކޮންމެއަކަސް އަދި މިހާތަނަށް މިކަން އޮތީ އެންމެ ބޮޑު ސިއްރުގެ ގޮތުގައެވެ. އަދި ސަޓޯޝީ ނަކަމޯޓޯ އޭނާގެ ހުވިއްޔަތު ހާމަކުރަންދެން، އެކަން އަރަތެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.

ބިޓްކޮއިން އުފެދުނީ ކިހިނެއް ހެއްޔެވެ؟ ދެހާސް އަށް ވަނަ އަހަރު ދުނިޔެ އިޤުތިޞާދީ ދަތިކަމުގެ ތެރޭގައި އޮތް ދުވަސްވަރު "ހުދު ކަރުދާހެއް" ނެރުނެވެ. އެ ކަރުދާހުގެ ނަމަކީ، ބިޓްކޮއިންއެވެ. އެއީ، "ޕީއާރް ޓު ޕީއާރް އިލެކްޓްރޯނިކް ކޭޝް ސިސްޓަމެކެވެ." މި ހުދު ކަރުދާހަކީ ބިޓްކޮއިން ޓެކްނޮލޮޖީއާއި އޭގެ އުސޫލުތަކުގެ ބިންގާ އެޅި ސަޓޯޝީ ނަކަމޯޓޯގެ ނަމުގައި ނެރުނު ލިޔުމެކެވެ. އެއަށްފަހު، 2009 ވަނަ އަހަރު ސަޓޯޝީ ނަކަމޯޓޯ ފުރަތަމަ ބިޓްކޮއިން މައިން ކުރިއިރު، އޭގެ ނަމަކީ "ޖެނެސިސް ބްލޮކް" އެވެ.
ގޮތް ނޭނގޭ މި ހަމަހިމޭންކަމަކީ އަދިވެސް ބިޓްކޮއިންގެ އިތުބާރެވެ. އަދި 2010 ވަނަ އަހަރަށް ފަހު ސަޓޯޝީ ކުއްލިއަކަށް ގެއްލުނެވެ. އޭނާ، ބިޓްކޮއިންގެ ކޮންޓްރޯލް މުޖުތަމަޢާ ހަވާލުކޮށްފައި، އޭގެ ފަހުން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ޝައުގުވެރިކަމަކީ ސަޓޯޝީގެ ވޮލެޓްގައި އަދިވެސް އެއް މިލިއަނަށް ވުރެ ގިނަ ބިޓްކޮއިން ހުރިއިރު، އެއީ، މިހާރުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 129 ބިލިއަން ޑޮލަރެވެ. އަދި މިއަދުގެ ތާރީޚުގައި އޭނާ، ނުވަތަ އެ ޖަމާޢަތުން މި މުއްސަނދިކަން އަމިއްލައަށް ބޭނުން ނުކުރި ކަމުގައިވިޔަސް ދުނިޔޭގެ 11 ވަނައަށް އެންމެ މުއްސަނދި މީހުންގެ ތެރޭގައި އޭނާ ނުވަތަ އެ ޖަމާޢަތް ގުނާލެވޭނެއެވެ.
މީގެ އެންމެ އަޖާއިބު ކުރުވަނިވި ކަމަކީ، އަދި މިހާތަނަށް އެ ފައިސާއިން އެންމެ ލޯލާރިއެއްވެސް ޚަރަދު ނުކުރާ ކަމެވެ. ބިޓްކޮއިންގެ އަގު އުފުލިގެން ގޮސް އުޑާ ހިސާބަށް އެރުމާއެކު އެންމެންގެ ލޯތައް އަމާޒުވެފައި ހުރީ ސަޓޯޝީގެ ވޮލެޓަށެވެ. އެކަމަކު، ހައިރާންވާންޖެހޭ ކަމަކީ 15 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މި ވޮލެޓުން ދުވަހަކުވެސް އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާކަމެވެ. މި ހިމޭންކަމުގެ ސަބަބުން ބިޓްކޮއިން އިތުރަށް ސިއްރުވެރިވެ، އިޙުތިރާމު ލިބިގެން ގޮސްފައިވެއެވެ.

ބައެއް މީހުން ޝައްކު ކުރަނީ ސަޓޯޝީ ނަކަމޯޓޯ މިހާރު ދުނިޔޭގައި ނުހުރެދާނެ ކަމަށެވެ. ދުވަހަކު ކޮޅުންވެސް ސަޓޯޝީ ނަކަމޯޓޯ އެނބުރި އައިސް، އޭނާގެ ވޮލެޓުން އެއްވެސް މުޢާމަލާތެއް ހިންގައިފިނަމަ، ބިޓްކޮއިން ބާޒާރަށް ބިންހެލުމެއް އަތުވެދާނެއެވެ.
ސަޓޯޝީއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ޚިޔާލުތައް ފާޅުކުރެވެއެވެ. އެއްބަޔަކު ބުނަނީ އެއީ ޖަމާޢަތެއް ކަމަށެވެ. ބައެއް މީހުން ހީކުރަނީ އެއީ ސިއްރު އިދާރާއެއްގެ ރޭވުމެއް ކަމަށެވެ. އަދި ބައެއް މީހުން ބުނާގޮތުގައި "ފަހަރެއްގައި އެއީ އެމީހުންގެ ކާފަ ނުވަތަ މާމަ ކަމަށްވެސް ވެދާނެއެވެ."
ބިޓްކޮއިން މިހާރު ކުރިއަރަމުންދާ ސްޕީޑުގައި ކުރިއަރަމުން ދާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބްލޫމްބާރގުގެ މާހިރަކު ބުނެފައިވާ ގޮތުގައި ބިޓްކޮއިން އަހަރަކު %50ގެ ރޭޓުން ކުރިއަރަމުން އަންނަނަމަ، ހަމައެކަނި ސަޓޯޝީގެ ޑިޖިޓަލް ޚަޒާނާއަށް ބެލިކަމުގައި ވިޔަސް، 2026 ވަނަ އަހަރު ނިމޭއިރު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާއަށް ސަޓޯޝީ ނަކަމޯޓޯ ވެދާނެއެވެ.
ބިޓްކޮއިންގެ މުސްތަގުބަލާއި ސަޓޯޝީގެ ތުރާހަކީ އޭގެ ވާހަކަ ދައްކައި ކޮޅުންލާން އޮތް ވާހަކައެއް ނޫނެވެ. ސަޓޯޝީ ނަކަމޯޓޯ ދޫކޮށްލި، މި ޑިޖިޓަލް ނިޢުމަތް މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުން އެބަދެއެވެ. ބިޓްކޮއިން އަކީ މިހާރު ހަމައެކަނި ފައިސާއެއް ނޫނެވެ. މިހާރު ބިޓްކޮއިން އަކީ ބޭންކިން ނިޒާމާއި، ސަރުކާރުގެ މާލިއްޔަތާއި، މާލީ އަދި އިޤްތިޞާދީ ބާރުގެ ތަވާޒުންއަށް ގޮންޖަހާލެވޭނެ އިންގިލާބީ ޑިޖިޓަލް ކަރަންސީ އެކެވެ.
ސަޓޯޝީގެ ވޮލެޓް މަޑުމަޑުން އޮތްހާ ހިނދަކު، ބިޓްކޮއިންގެ ވާހަކަ އޮންނާނީ ގޮތް ނޭނގޭ ލޯބީގެ ވާހަކައެއްގެ ގޮތުގައެވެ. އަދި މި ސިއްރަކީ ފަހަރެއްގައި ބިޓްކޮއިންގެ އެންމެ ބޮޑު ބާރު ކަމަށްވެސް ވެދާނެއެވެ.
އެޑިޓަރުގެ ނޯޓް: މިލިޔުން ތައްޔާރުކޮށްފައިވަނީ، އިތުބާރު ހުރި އެކިއެކި މަސްދަރުތަކުން ހޯދައިފައިވާ ލިޔުންތަކާއި، އަދި އިންޓަނެޓްގައި ލިބެން ހުރި ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުންތެރިޔާ އަމިއްލައަށް ކޮށްފައިވާ ދިރާސާތަކުގެ އަލީގައެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ވީހާވެސް ބޮޑަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.



advertisment

