Support Us

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަހަކަށް

ކޮވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން އިޢުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ނެރުއްވި ޤަރާރެއްގައި ވިދާޅުވެފައި ވަނީ އާއްމު ސިއްހަތް ކުއްލި ނުރައްކާ އިތުރުކުރީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް ބަލި ފެތުރުމުގެ ބިރު އަދިވެސް ރާއްޖެގައި އޮތުމުން ކަމަށެވެ.

ކޮވިޑާ ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ 12 މާޗް 2020 ގަ އެވެ.

"ދިވެހި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި 12 މާޗްގައި އިޢުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލް ކުރެވޭ ކަމަށް އަހަރެންނަށް ލަފާދީފައިވީ ހިނދު؛ ބުނެވެދިޔަ ގާނޫނުގެ ދަށުން އަހަރުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 12 މާޗް 2020 އިން ފެށިގެން އިޢުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، 2020  އޮކްޓޯބަރު 6 ވަނަ ދުވަހުގެ ނިޔަލަށް ދެމިހެއްޓުމަށް ނިންމައި އެކަން އިއުލާންކޮށްފީމެވެ." ގެޒެޓްކޮށްފައިވާ ހެލްތް މިނިސްޓްރީގެ އެ ގަރާރުގައިވެ އެވެ.

މީގެ އިތުރުން ވަގުތާއި ހާލަތަށް ބެލުމަށްފަހު އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތް މިނިސްޓްރީން ވަނީ އެގަރާރުން އަންގާފަ އެވެ.

ކޮވިޑް19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވެސް ގެންދަނީ އަޅަމުންނެވެ. އެގޮތުން ބޭރުތެރެގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މާލެ ސިޓީގައި ވަނީ މަނާކޮށްފަ އެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30 ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *