ގޭސް ހޮޅިތަކެއް ގޮވައިގެން ބަންގްލަދޭޝްގެ މިސްކިތެއްގައި ރޯވެ، މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.
ހުކުރު ދުވަހުގެ ރޭ، ވެރިރަށް ދާކާގެ ނަރަޔަންގަންޖް ޑިސްޓްރިކްޓްގެ މިސްކިތެއްގައި ރޯވި ކަމަށް ބެލެވެނީ މިސްކިތާ ކައިރިން ގޭސް ހޮޅިއެއް ލީކްވުމުގެ ސަބަބުން ކަމަށް ފަޔަރ ސަރވިސްގެ އޮފިޝަލުން ބުނެއެވެ.
މި ހާދިސާ ހިނގުމާއެކު، އެތައް ބަޔަކު ވަނީ ދާކާގެ އަލިފާނުގެ ހާދިސާތަކުގައި އަނދާ މީހުންނަށް ފަރުވާ ދިނުމަށާއި، ޕްލާސްޓިކް ސާރޖަރީ ތަކަށް ޚާއްސަ ސަރުކާރުގެ ހަސްފަތާލަކަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ބަރން ޔުނިޓްގެ ކޯޑިނޭޓަރ، ސަމަންތާ ލާލް ސެން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް، 7 އަހަރުގެ ފިރިހެން ކުއްޖެއް ހިމެނޭ ގޮތަށް 24 މީހުން ވަނީ ފިހިގެން މަރުވެފައެވެ.
ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ދެރަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް ސެން ބުންޏެވެ. މިގޮތުން ގައިގެ 90 އިންސައްތަ އަނދާފައިވާ 37 މީހުންނަށް ޑޮކްޓަރުން ފަރުވާ ދެމުން ދާ ކަމަށްވެސް ބުންޏެވެ.
"ބާރު އަޑަކާ އެކު، ގޮވުމެއް ގޮވާ މިސްކިތުން ދުންގަނޑެއް ނިކުންނަތަން އަހަރެން ދުށިން. މީހުން އޭރު ދަނީ ހަޅޭއްލަވަމުން. ބައެއް މީހުން ގައިގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށްޓަކައި މަގުމަތީގައި އޮށޯވެ، ފުރޮޅެމުން ދިޔަ،" މަންޒަރު ދުށް، މުހައްމަދު ރަތާން ބުންޏެވެ.
އަލިފާން ނިއްވާ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ހިނގި ކަމަށް ބެލެވެނީ މިސްކިތުގެ ދަށުގައިވާ ގޭސް ހޮޅިއަކުން ލީކުވެގެންނެވެ.
"މިސްކިތުގެ ކުޑަދޮރުތައް ލައްޕާފައި ހުރި ގަޑިއެއްގައި ގޭސް ހޮޅިން ލީކުވުމުގެ ސަބަބުން މިސްކިތުގެ ތެރޭގައި ގޭސްތައް ޖަމާވެފައި ހުއްޓާ، އޭސީ ޖެއްސުމުން ކަންޏެއް ބުރައިގެން ގޮސް، މިސްކިތް ގޮވީ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ." ސީނިއަރ ފަޔަރ އޮފިޝަލެއް ކަމަށްވާ އަބްދުﷲ އަލް އާރިފީން ވިދާޅުވިއެވެ.
ބައެއް ޓީވީ ސްޓޭޝަން ތަކުން، މިސްކިތުގެ 6 އޭސީ ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިހާރު ކަމާ ބެހޭ ފަރާތަތަކުން މި ހާދިސާގެ ތަހުގީގު ވަނީ ފަށާފައެވެ.
އިންޑަސްޓރިއަލް އަދި އިކޮނޮމީ ކުރިއެރުވުމަށް މަސައްކަތްކުރާ ބަންގަލަދޭޝްގައި ގޭސް ހޮޅިތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ގިނަވެފައިވާއިރު، މަގު ކޮނުމުގެ މަސައްކަތްތަކުގެ ސަބަބުން މިކަހަލަ ހާދިސާތައް ހިނގުން ވަނީ އާންމުވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ދާކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 78 މީހުން މަރުވެފައިވާއިރު، އޭގެ އެއް މަސް ފަހުން އެ ސިޓީގައި ހުރި އޮފީސް އިމާރާތެއްގައި ރޯވެ 25 މީހުން ވަނީ މަރުވެފައެވެ.



advertisment
One Response
إنا لله وإنا إليه راجعون
اللهم اغفر له وارحمه وعافه واعف عنه. امين