Support Us

ކޮލަމް ރަންދެލި: އިޒުރޭލުން އަލުން އީރާނަށް ހަމަލާ ދޭން ތައްޔާރުވަނީ

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިޒުރޭލުން ވަނީ އީރާނުގެ ނިއުކުލިއާރ ޕުރޮގްރާމްތައް ކުރިއަށް ގެންދާ ސައިޓުތަކަށް ހަމަލާ ދިނުމަށް ތަފާތު އެތައް ޕްލޭންތަކެއް އެކުލަވާލާފައެވެ. އެކަމަކު، އެއިން އެއްވެސް ޕްލޭނެއް ތަންފީޒު ވެފައިވާ ތަނެއް ނުފެނެއެވެ. އަދި އެކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ތައްޔާރަށް ތިބި ކަމަކަށް ވެސް ނުބެލެވުނެވެ. އެހެން ނަމަވެސް ފާއިތުވި ޖޫން މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ އެހީތެރިކަމާއެކު، އިޒުރޭލުން ވަނީ އީރާނުގެ މުހިންމު ނިއުކުލިއާރ ސައިޓުތަކަށް ހަމަލާ ދީފައެވެ. އަދި މެދުނުކެނޑި 12 ދުވަހުގެ ހަނގުރާމައަކަށް ފަހު، އިޒުރޭލުގެ އެދުމުގެ މަތިން، އެމެރިކާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވަނީ އެއްބަސް ވެފައެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތާ ބެހޭ ކަންކަން ދިރާސާ ކުރައްވާ އީރާނުގެ މާހިރެއް ކަމުގައިވާ، ޔުނިވާސިޓީ އޮފް ތެހެރާންގެ ފެކަލްޓީ އޮފް ޕޮލިޓިކަލް ސައިންސުގެ ވެރިޔާ ޑރ.އިބްރާހިމް މުއްތަޤީ ވިދާޅުވެފައިވާ ގޮތުގައި، އިޒުރޭލާއި އެމެރިކާއިން ގިނަވެގެން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް އަލުން ފަށާނެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ އާއި ރޭޑިއޯއިން އާދީއްތަ ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި، މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ބެހޭ މުޢާހަދާއާ ބެހޭގޮތުން ޑޮކްޓަރު މުއްތަަޤީ ވިދާޅުވެފައިވެއެވެ.

"ކޮންމެ ޤައުމަކުންވެސް ހަނގުރާމަ ހުއްޓާލުން މާނަކުރަނީ ތަފާތު ގޮތަކަށެވެ. އިޒުރޭލާއި އެމެރިކާއަށް އެއީ އަލުން، އެމީހުންގެ ސަފުތައް ރުކުރުވާލާ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމުގެ ވަސީލަތެކެވެ. މީގެ އިތުރުން އީރާނުން އާންމުކޮށް ސުލްޙައާ ދިމާއަށް ލެނބިފައިވާއިރު، ދުޝްމަނުންގެ ފަރާތުން އެއްވެސް ޢުދުވާނީ ހަމަލާއެއް ކުރިމަތި ނުވެއްޖެނަމަ، ހަނގުރާމަ ހުއްޓާލުން ދެމެހެއްޓޭނެ ފިޔަވަޅުތަކެއް އަޅަން އީރާނު އޮތީ ތައްޔާރަށެވެ."

"އެކަމަކު މުހިންމު ސުވާލަކީ އިޒުރޭލާއި އެމެރިކާއިން މި މުޢާހަދާއަށް އިޙުތިރާމުކޮށްގެން ތިބޭނެ ބާވައެވެ؟ އަޅުގަނޑުގެ ތަހުލީލާއި ލިބިފައިވާ ހެކިތަކަށް ބަލާއިރު، އިޒުރޭލުން އަލުން އޮޕަރޭޝަންތައް ފެށުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާގެ ޓެކްޓިކަލް، އޮޕަރޭޝަނަލް އަދި ފީލްޑް ސަޕޯޓާއެކު ގިނަވެގެން ހަފްތާއެއްގެ ތެރޭގައި އިޒުރޭލުން އީރާނަށް ހަމަލާތައް ދޭން ފައްޓާނެއެވެ."

މުއްތަޤީ އިންޒާރު ދެއްވި ގޮތުގައި، އީރާނުގެ އިޖުތިމާޢީ، ބިއުރޯކްރެޓިކް އަދި އަސްކަރީ މުއައްސަސާތަކުން އެމެރިކާ އާއި އިޒުރޭލުން އެދިފައިވާ ހަނގުރާމަ ހުއްޓާލުން ލުއިގޮތަކަށް މާނަކޮށްގެން ނުވާނެއެވެ. ހަނގުރާމަ ހުއްޓާލުން ސީރިއަސްކޮށް ނުނެގުމަށް އީރާނުގެ އޮފިޝަލުންނަށް ގޮވާލައްވަމުން ޑޮކްޓަރު މުއްތަޤީ ވިދާޅުވީ "އެފަދަ ހަމަލާއެއްގެ އަމާޒަކަށް އީރާނުގެ އިސް އޮފިޝަލުން ވެދާނެ" ކަމަށެވެ.

"ދެވަނަ ރާޅެއްގައި ހައިރާން ކުރުވަނިވި ޙަމަލާއެއް ދިނުމަކީ، އިސް އޮފިޝަލުންނާއި، ނާޒުކު މުއައްސަސާތަކާއި، އިސްތިރާޖީ މިޢުމާރިއްޔަތަށް އަމާޒުކޮށްގެން ދީފާނެ ފަނާކުރަނިވި ހަމަލާއަކަށް ވެގެން ދާނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ ވަނީ އީރާނުގެ ދިފާޢީ މިޢުމާރިއްޔަތާއި، މިސައިލް ޓެކްނޮލޮޖީ އަލުން ތަރައްޤީކޮށް، އައު މަރުހަލާއަކަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އެންމެ ބޮޑު ގޯހަކަށް ވާނީ ދުޝްމަނުން ފަހަތަށް ޖެހުނީ ކަމަށް ގަބޫލު ކުރުމެވެ. އަޅުގަނޑުމެން ޖެހޭނީ އެ ވަހުމީ ޤަބޫލުކުރުންތަކުން ބޭރަށް ނުކުމެ، ދުޝްމަނުންނާއި އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ މެދުވެސް ވިސްނާށެވެ."

ވަކިން ޚާއްސަކޮށް އީރާނުގެ ސިޔާސީ ކަންތައްތައް ތަޙުލީލު ކުރައްވާ މާޖިދު އައްބާސީ ވަނީ، މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއަކީ ދުޝްމަނުން އަލުން ސަފުތައް ރުކުރުވާލުމުގެ ބޭނުމުގައި އެކުލަވާލާފައިވާ މުޢާހަދާއަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް، އީރާނުގެ އަސްކަރިއްޔާއަށް އިންޒާރު ދެއްވާފައެވެ.

އޭނާ ވަނީ ސައިބަރ ސެކިއުރިޓީ އަލުން އާރާސްތުކުރުމާއި، ސައިބަރ ސްޕޭސް އާއި ޤައުމީ އިންޓަނެޓް ކޮންޓްރޯލްކުރުމާއި، ކުރިއަށް އޮތް ހައިބުރިޑް ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ބައިނަލްއަޤްވާމީ އިންސްޕެކްޓަރުން އީރާނުން ބޭރުކޮށްލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *