Support Us

ބޮޑުތަކުރުފާނު އަވަހާރަވުން… ތާޖުއްދީނުގެ ގަލަމުން

"މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިއެވެ. އެހެންކަމުން އެ ރަދުން ބިންގަނޑުގެ ދަށުގައި ކަށްވަޅުގައި ފަސްދާނުލެވިއްޖެއެވެ. މި ރަސްގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ނުވަ ސަތޭކަ ނުވަދިހަ ތިންވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުއެވެ. މި ރަދުން ވެރިކަން ކުރެއްވީ ބާރަ އަހަރާއި ހަ މަސްދުވަހުއެވެ."

މަތީގައި މި ނަކަލުކޮށްލީ ދިވެހިތާރީޚުގެ ބައްޕަކަމުގައިވާ އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ތާރީޚު އިސްލާމް ދީބާ މަޙަލުގެ ތަރުޖަމާއިން ތަންކޮޅެކެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) އަވަހާރަވި ވާހަކަ ލިޔުއްވާފައިވާ އަސަރުގަދަ ޢިބާރާތެވެ. މި ވާހަކައާ ހަމައަށް ތާޖުއްދީނު ވަޑައިގެންނެވީ އެ ރަދުންގެ ރަސްކަމުގެ ދުވަސްވަރު ދިވެހީން ދިރިއުޅެމުން އައި އުފާވެރިކަމާއި ތަނަވަސްކަމުގެ ވާހަކަތަކަށްފަހުގައެވެ.

ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުގައި ބޮޑުތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރަކީ ދިވެހިރާއްޖެ ދުށް އެންމެ އުފާ ފާގަތި ދުވަސްވަރެވެ. "މި ދުވަސްވަރަކީ ރާއްޖެ ދުށް އެންމެ ފާގަތި ދުވަސްވަރު ކަމުގައި ވިއެވެ. އެހެންކަމުން މި ދުވަސްވަރުވީ އެއުރެންގެ ޢީދު ދުވަހެއްހައި ނުވަތަ ކައިވެނީގެ ދުވަސްވަރުހާ އުފާވެރި ދުވަސްތަކަކަށެވެ."

މި އުފާވެރި ދުވަސްތައް ދިވެހީންނާ އަލްވަދާޢުކީ ހިތްދަތި ވަގުތު އައީއެވެ. "ދެން ފަހެ އައްސުލްޠާނު މުޙައްމަދު ތަކުރުފާނު އެ ރަސްގެފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ދީނާއި ދުނިޔޭގެ ވާޖިބުތައް އަދާކުރައްވައި ނިންމެވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަނިޔާވެރި ޒަމާން ދައުރުކުރުމާ އެކު އެހެން ހުރިހާ ރަސްރަސްކަލުން ވެސް ދުނިޔެ ދޫކުރެއްވި ފަދައިން ދުނިޔެ ދޫކުރެއްވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ކިތަންމެ މާތް މީހަކަސް އަދި ޖާނާއި ޝަރަފުގެ ގޮތުން ކިތަންމެ ބޮޑު މީހަކަސް އަދި ކިތަންމެ ނިކަމެތި ފަޤީރު މީހަކު ވިޔަސް މި ދުވަހާ ކުރިމަތިލާން ޖެހެއެވެ. ކޮންމެ އެއްޗަކަށް ވެސް ނިމުމެއްވެއެވެ. ނިމުމެއް ފަނާވުމެއް ނުވަނީ ހަމައެކަނި ކަލާނގެ ޒާތުފުޅަށެވެ."

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ މި ވާހަކަފުޅުތަކަކީ ދުނިޔެ ދެމި އޮތްހާ ދުވަހަކަށް އޮތް އިބުރަތުގެ ދަރުހެކެވެ. ދިރިތިބީންނަށް ނުހަނު އަގުހުރި ފިލާވަޅެކެވެ. މި ވާހަކަފުޅުގެ ތެރެއިން ވެސް ވަކިން ޚާއްޞަ ތަންކޮޅެއް ތަކުރާރުކޮަށް ކިޔާލެވުނެވެ. އެއީ އަވަހާރަވުމުގެ ވަގުތު އައިސް ބައްދަލުކުރި ހިނދު "އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނު" ކަމަށް އޮތް ޢިބާރާތެވެ. ތާޖުއްދީން ހަވާލާ ދެއްވި ބިޔަ ބޮޑު ބާރުގަދަ ލަޝްކަރަކީ ޕޯޗުގީޒުންގެ އަތްދަށުން މި ރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު އެ ރަދުންގެ މޭސްތިރިކަމުގައި ތަމުރީނުދެއްވައި އުފެއްދެވި ވަރުގަދަ ދިވެހި ލަޝްކަރެވެ. މިހާރުގެ ގޮތުން ނަމަ ދިވެހި ސިފައިންނެވެ. ދިވެހި ލަޝްކަރުގެ ބާރުގަދަކަމާއި ބޮޑުކަމުގެ ވާހަކަ ތާޖުއްދީން ގެންނަވާފައި އޮތް ގޮތުން އޭރު އޮތް ދިވެހި ސިފައިންގެ ލަޝްކަރަކީ ކިހާވަރެއްގެ ޤާބިލު އަދި ބާރުގަދަ ލަޝްކަރެއްކަން އިތުރަށް މިތަނުގައި ލިޔާކަށް ނުޖެހެވެ.

ހަވާލާ:

އަލްޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމް ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *